about 20 hours 0
about 20 hours 0
ސައެންޓިފިކް ދިރާސާތަކަށް ބުރަވެ ޑޮކްޓަރުން އަބަދުވެސް ދެއްވާ އިރުޝާދަކީ، ކާނާގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މިންވަރަކަށް އޮމެގާ-3 ފެޓީ އެސިޑްސް ބޭނުންކުރުމެވެ. އެއީ އިންސާނުންގެ ހިތާއި ސިކުނޑިއާއި ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންވާ މާއްދާއަކަށް ވާތީއެވެ.
އޮމެގާ-3 ފެޓީ އެސިޑްގެ ތެރޭގައި ތިން ބާވަތެއް ހިމެނެއެވެ. އެއީ އަލްފާ-ލިނޮލެނިކް އެސިޑް (އޭއެލްއޭ) އާއި އައިކޯސަޕެންޓޭނޯއިކް އެސިޑް (އީޕީއޭ) އާއި ޑޯކޯސެހެކްސެނޮއިކް އެސިޑް (ޑީއެޗްއޭ) އެވެ. މީގެ ތެރެއިން އޭއެލްއޭ އެކުލެވެނީ ގަސްގަހާގެހީގެ ބައެއް ތަކެތީގައެވެ. އޭގެ ތެރޭގައި ކިއްތާނި އޮށް (ފްލެކްސް ސީޑް)، ސޯޔާ ތޮޅި އޮށް (ސޯޔާ ބީން)، ކެނޯލާ ނުވަތަ ރެޕްސީޑް އަދި ބައެއް ބާވަތުގެ ބަދަނާއި އޮށުގެ ތަފާތު ބާވަތްތަކެވެ. އީޕީއޭ އާއި ޑީއެޗްއޭ އެކުލެވެނީ، މަސްމަހާމެހީގަޔާއި ސީފުޑްގެ ބާވަތްތަކާއި އަލްގީގައެވެ.
އޮމެގާ-3ގެ މި ތިން ބާވަތުގެ ފެޓީ އެސިޑްގެ ތެރެއިން ވެސް އީޕީއޭ އާއި ޑީއެޗްއޭ، އެކަށީގެންވާ މިންވަރަށް ހަށިގަނޑަށް ނުލިބޭ ނަމަ، ސިއްހީ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް، ދިމާވާ މައްސަލައެއް ކަމަށް ސައެންސްވެރިން ބުނަނީ، ހަމައެކަނި ކާނާގެ ބާވަތްތަކުން، އިންސާނާގެ ހަށިގަނޑަށް އެންމެ ބޭނުންވާ މިންވަރަށް މި މާއްދާތައް ނުލިބޭ ކަމެވެ.
އެހެންކަމުން، އޮމެގާ-3 އެކުލެވޭ ސަޕްލިމެންޓްތައް ނުވަތަ ސިނާއީ އުފެއްދުންތައް ބޭނުންކުރަން ލާޒިމުވެއެވެ. އިނގިރޭސި ވިލާތުގައި ދާދި ފަހުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ގިނަ މީހުންނަށް، ސައެންޓިފިކް މިންގަނޑުން ބޭނުންވާ ވަރަށް އޮމެގާ-3 ނުލިބެއެވެ. މި ދިރާސާ ހެދީ، އިނގިރޭސި ވިލާތުގެ ދެ ޔުނިވަސިޓީއެއް ކަމަށްވާ، ޔުނިވަސިޓީ އޮފް އީސްޓް އެންގްލިއާ އާއި ޔުނިވަސިޓީ އޮފް ސައުތަމްޓަން އަދި އެ ގައުމުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ހޮލާންޑް އެންޑް ބެރެޓް ގުޅިގެންނެވެ.
ދުނިޔޭގެ ޖުމްލަ އާބާދީގެ 76 އިންސައްތަ މީހުންނަށް އެކަށީގެންވާ މިންވަރަށް އޮމެގާ-3 ފެޓީ އެސިޑްގެ ބާވަތްތައް ނުލިބުމަކީ، ސިއްހީ އެތައް ނުރައްކާތަކަކަށް މަގު ފަހިވާނެ ކަމެއް ކަމަށް މި ދިރާސާގެ ބައިވެރިން ބުނެއެވެ. މި ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގިނަ މީހުންގެ ދުވާލެއްގެ ކޮއްތުގެ ތެރެއިން އެމީހުންގެ ހަށިގަނޑަށް އޮމެގާ-3 ފެޓީ އެސިޑް ލިބޭ މިންވަރާއި، ލިބެންޖެހޭނެ ކަމަށް ސައެންޓިފިކް ދިރާސާތަކުން ދައްކާ މިންވަރާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ.
މި ތަފާތު ނައްތައިލުމަށްޓަކައި، ދާއިމީ ގޮތެއްގައި އޮމެގާ-3 ލިބޭނެ ގޮތްތަކެއް ރާވަން ޖެހެއެވެ. އެއް ގޮތަކީ އޮމެގާ-3 ރަނގަޅަށް އެކުލެވޭ ކާނާގެ ބާވަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އަނެއް ގޮތަކީ އޮމެގާ-3 އެކުލެވޭ ސަޕްލިމެންޓްތައް އުފައްދައި ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
މި ދިރާސާގައި ބައިވެރިވި ސައުތަމްޓަން ޔުނިވަސިޓީގެ ވިސިޓިން ރިސާޗް ފެލޯއެއް ކަމަށްވާ ޑރ. އެބީ ކާވޫޑް ވިދާޅުވާ ގޮތުގައި އޮމެގާ-3ގެ ފެޓީ އެސިޑްތަކުގެ ތެރެއިން އީޕީއޭ އާއި ޑީއެޗްއޭ އަކީ، ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ބަލާއިރު، އިހުމާލުކޮށްލެވެން ނެތް ދެ މާއްދާއެވެ. ނަމަވެސް މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އާންމުކޮށް ކައިއުޅޭ ކާނާގެ ބާވަތްތަކުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮމެގާ-3 ނުލިބުމެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، ކޮންމެ ބޮޑު މީހެއްގެ ހަށިގަނޑަށް ވެސް އެވްރެޖް ގޮތެއްގައި ދުވާލަކު، އީޕީއޭ އާއި ޑީއެޗްއޭ ފެޓީ އެސިޑްގެ 250 މިލިގުރާމް ބޭނުންވާނެއެވެ. މާބަނޑު އަންހެނަކު ނަމަ، އޭގެ އިތުރުން އެވްރެޖް ގޮތެއްގައި ދުވާލަކު ޑީއެޗްއޭ ފެޓީ އެސިޑްގެ 100-200 މިލިގުރާމް ބޭނުންވާނެއެވެ. މި މާއްދާތައް އާންމުކޮށް ލިބެނީ ގިނައިން ތެޔޮ އެކުލެވޭ ޒާތުގެ މަސްތަކުންނެވެ. އޭގެ ތެރޭގައި ސެލްމޮން، މެކްރެލް ފަދަ ބާވަތްތައް ހިމެނެއެވެ.
Comment