about 2 hours 0
އަމަން ހަލީމް
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ބާއްވާ ޖަސްޓިސް އެނެކްސް ބިލްޑިން: މި މައްސަލައިގައި ހިމެނޭ މީހާ ކުރިން ވެސް ޑްރަގު އެތެރެކުރުމުގައި ބައިވެރިވި --- ފޮޓޯ: އަތޫފް އާތިފް/އަދަދު
about 2 hours 0
ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރިކަން ސާބިތުވެ، ޕާކިސްތާނު ފިރިހެނަކު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށް ލާފައި ވަނީ އަބްދުލް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، މާޗު 12، 2024 ގައި އެވެ.
ބަލޮޗް ރާއްޖެ އައިސްފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގަ އެވެ. މީނާއާ ކަސްޓަމްސްގެ އޮފިސަރުން ސުވާލުކުރީ ކަސްޓަމްސްގައި މުދާ ޑިކްލެއާކުރަން އޮންނަ ރެޑް ޗެނަލްއަށް އަމިއްލައަށް ގޮސް ވަނުމުންނެވެ.
ކަސްޓަމްސް އޮފިސަރުންނާ ބައްދަލުވީ އިރު ބަލޮޗްގެ އަތުގައި އޮތީ އެންމެ ލަގެޖެކެވެ. މިހެން ނަމަވެސް އޭނާގެ ބޯޑި ފާސް ބެލިއިރު އޭނާގެ ނަމުގައި އިތުރު ލަގެޖެއް ޗެކިން ކޮށްފައިވާ އެނގުނެވެ.
ޑްރަގު ހުރި ދަބަސް ފެނުނީ ދެ ވަނަ ލަގެޖު ހޯދުމަށް ޓަކައި ބެލްޓު ކައިރިއަށް ގޮސް ބަލަނިކޮށެވެ. މި ދަބަސް އެކްސްރޭ ކޮށްގެން ބެލިއިރު، ޑްރަގުގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ހުރި ދެ ޕެކޭޖެއް ފެނުނެވެ.
ބަލޮޗް ވަނީ ކޯޓުގައި ޑްރަގު ޓްރެފިކިންގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ކޯޓުގައި ބުނީ، އޭނާ ރާއްޖެ އަންނަން ޗެކިން ކުރީ އެންމެ ލަގެޖެއް ކަމަށެވެ. އަދި ޑްރަގު ފެނުނު ލަގެޖަކީ އޭނާގެ ލަގެޖެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ބަލޮޗް މިހެން ބުނުމުން ކޯޓުން ވަނީ އޭނާ އައި ފްލައިޓަށް ޗެކިންކުރި ލަގެޖުގެ އަދަދާއި އެހެން މައުލޫމާތު ސާފުކޮށްފަ އެވެ. އަދި، ގަތަރު އެއާވޭސްއިން ދިން ލިޔުންތަކުން އޭނާގެ ނަމުގައި ދެ ލަގެޖު ޗެކިން ކުރިކަން ވަނީ އެނގިފަ އެވެ.
މި މައްސަލައިގައި ބަލޮޗް އުމުރަށް ޖަލަށް ލުމުގެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ވެސް މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ހުކުމްކުރެއްވި އެވެ. ބަލޮޗް ޖޫރިމަނާ ކުރި އަދަދު ބޮޑުކުރީ އޭނާއަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއަށް ޑްރަގު އެތެރެކޮށްފައިވާ މީހެއް ކަމަށް ބެލެވޭތީ އެވެ.
ގާޒީ އެ އިޝާރާތްކުރެއްވީ ޖެނުއަރީ، 2023 ގައި ހިނގި މައްސަލައަކަށެވެ. އެ ފަހަރު ބަލޮޗް ގެނައި ލަގެޖެއް ވަނީ ވީނުވީއެއް ނޭނގި އެއާޕޯޓުން ގެއްލިފަ އެވެ. އެކަމަކު ގެއްލުން ދަބަސް ނުފެންނާތީ އޭނާ ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
މިއީ އެއާޕޯޓުގައި މަސައްކަތް ކުރާ ބަޔެއްގެ ބައިވެރިވުމާއެކީ ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން އޭރު ތުހުމަތުކުރި އެވެ. އަދި، އެއާޕޯޓުގެ މުހިންމު ސަރަހައްދުތަކެއްގައި ސީސީޓީވީ ކަވަރޭޖެއް ނެތް ކަން ވަނީ ހާމަވެގެން ގޮސްފަ އެވެ. ނަމަވެސް، އެ މައްސަލައިގައި އިތުރު އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Comment