Advertisement

ބޯނަސް ދިނުން މި އަހަރު ވެސް ލަސްވުމުން އެޗްޑީސީގެ މުވައްޒަފުންގެ ކަންބޮޑުވުން

9 ޑިސެންބަރު 2025 - 11:41 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އިމާރާތް -- ފޮޓޯ: އަދަދު


ބޯނަސް ދިނުން މި އަހަރު ވެސް ލަސްވުމުން އެޗްޑީސީގެ މުވައްޒަފުންގެ ކަންބޮޑުވުން

9 ޑިސެންބަރު 2025 - 11:41 2

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް ދޭ އަހަރީ ބޯނަސް ދިނުން މި އަހަރު ވެސް ލަސްވަމުން ދާތީ އެ ކުންފުނީގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަދަދު އާ ވާހަކަދެއްކި އެޗްޑީސީގެ މުވައްޒަފަކު ބުނީ އާންމުކޮށް އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު ހިސާބުގައި އަހަރީ ބޯނަސް ލިބޭ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު ވެސް ބޯނަސް ލިބުން ވަރަށް ބޮޑަށް ލަސްވިކަން އޭނާ ފާހަގަކުރި އެވެ.

"މިދިޔަ އަހަރު ވެސް ބޯނަހުގެ ގޮތުގައި ލިބުނީ 10،000ރ. އެއީ ތާރީހުގައި ވެސް ލިބުނު އެންމެ ކުޑަ ބޯނަސް، މި އަހަރު ވެސް ބޯނަހުގެ ގޮތުގައި ދޭން ބޯޑުން ނިންމީ 18،000ރ. ކަމަށް މައުލޫމާތު ލިބުނީ. އެކަމަކު ފިނޭންސް މިނިސްޓްރީން އަންގައިގެން އެ އަދަދު 10،000ރ. އަށް ކުޑަކުރަން އުޅޭކަމަށް މައުލޫމާތު ލިބެނީ،" މި ނޫހާ ވާހަކަދެއްކި އެޗްޑީސީގެ މުވައްޒަފު ބުންޏެވެ.

އެނާ ބުނީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރެއްގެ ވެސް ބޯނަސް ގަވާއިދުން ލިބޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން އެޗްޑީސީގެ އެހެން މުވައްޒަފަކު ބުނީ ބޯނަސް ކުޑަކުރަން މަސައްކަތް ކުރަމުންދާތީ އެ ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިފައިވާ ކަމަށެވެ.

"ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އެބައޮތް ހުރިހާ އެންމެންގެ ވެސް. ބިދޭސީންނާ ދިވެހީންނާ ބޯނަސް ދިނުމުގައި އެއްވަރު ކުރަން އެ އުޅެނީ، ބޯޑުން ފާސްކުރި އަދަދެއް ނޫން ދޭން އުޅޭ ކަމަށް އަޑުއިވެނީ، އެކަމުގައި ވާނުވާއެއް ވެސް އަދި ނޭނގޭ،" މި ނޫހަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފު ބުންޏެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް 2023 ވަނަ އަހަރާ ހަމައަށް ވެސް އަހަރީ ބޯނަހުގެ ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ޑަބަލް މުސާރަ ލިބޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުންޏެވެ.

އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެޗްޑީސީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު 50 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރު އެޗްޑީސީއަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބެ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ކުރިމަތިލާން ޖެހިފައި ވަނީ 109 މިލިއަން ރުފިޔާގެ ގެއްލުމަކާ އެވެ.