Advertisement

ޣަފޫރު އެދުނީ ރިޔާސީ ރޭހަށް ޝައުގުވެރިވާ ކެންޑިޑޭޓުން ވެސް އެމްޑީޕީ އިސްކުރަން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވާހަކަ ދައްކަވަނީ. ޕާޓީ އެކަތިގަނޑަކަށް ހެދުމަށް މަޝްވަރާކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި --- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު


ޣަފޫރު އެދުނީ ރިޔާސީ ރޭހަށް ޝައުގުވެރިވާ ކެންޑިޑޭޓުން ވެސް އެމްޑީޕީ އިސްކުރަން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުން ވެސް ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ޕާޓީ އިސްކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފި އެވެ.

އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދިނުމާ ގުޅިގެން ވަގުތީ ޗެއާޕަސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވަނީ އެމްޑީޕީއަކީ ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށްދާނެ ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި ތިބީ ޕާޓީގެ މުސްތަގުބަލަށްޓަކައި ޕާޓީއަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި. ވާހަކަ ނުދެއްކޭނެ އެއްވެސް ބޭފުޅަކު ޕާޓީގައި ނެތް. އަޅުގަނޑުމެން އިށީންނާނަން، ވާހަކަ ދައްކާނަން. އެކަން ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރާނަން،" ޣަފޫރު ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހޭ ގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ލިބެން ޖެހޭ ހައްގުތައް ކޮންމެ މެންބަރަކަށް ވެސް ޕާޓީގެ ތެރެއިން ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދައްޗެއް ނުވާނެ އެކަން ކުރާކަށް. އެކަން ކުރަން ދަތިވަނީ އަނެއް ބޭފުޅާއަށް އެ ބޭފުޅާއަކީ ރިޔާސީ ކެންޑިޑޭޓެކޭ ހީވާ ހިސާބުން، ނޫނީ އެކަންކަން އޮންނަ ހިސާބުން އަންނަ ހިޔާލު ތަފާތުވުމެއް އަންނަނީ. އެމްޑީޕީއަކީ ބައިބައިވާނެ ޕާޓީއެއް ނޫން، އަބަދުވެސް ހިޔާލު ތަފާތު ވުން އޮތް، އޮންނާނެ ޕާޓީއެއް،" ޣަފޫރު ވިދާޅުވި އެވެ.

އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި މެންބަރުން ލާ ވޯޓުގެ ނަތީޖާ މެންބަރުންނާ ހަމައަށް އަންނާނެކަން ޔަގީންކުރާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ޕާޓީގެ ތެރޭގައި ހުރި ހުރިހާ ހިޔާލު ތަފާތުވުމެއް އެއްގޮތްކޮށް އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

"އެ ނޫން ގޮތަކަށް މަސައްކަތް ކުރަން ބޭނުންވާ ބޭފުޅެއް ވެއްޖިއްޔާ އެއީ ޕާޓީގެ ތެރޭގައި ހުންނަން ބޭނުންވާނެ ބޭފުޅެއް ނޫން. ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެން ނެތޭ ވަކި ފަރާތަކަށް ޖެހުމެއް، ނެތޭ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ވިސްނުމެއް، އަޅުގަނޑުމެން ކުރިމަތީގައި އޮތީ އެމްޑީޕީ،" މަޖިލީހުގައި ހަތަރުވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޣަފޫރު ވިދާޅުވި އެވެ.

"އެ އުސޫލުގެ ތެރެއިން ޕާޓީގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ބޭފުޅުން ވެސް، އެހެން ބޭފުޅުން ވެސް."

2028 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް އޮތް ވާދަވެރިކަން ވެސް ވަރަށް ބޮޑެވެ. މިހާތަނަށް އެ ރޭހަށް ނުކުންނާނެކަން ރަސްމީކޮށް އިއުލާނުކުރީ ކުރީގެ ޗެއާޕާސަން ފައްޔާޒު އެވެ. އޭނާގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ވެސް ގެންދަވަނީ ރިޔާސީ ޓިކެޓަށް ކެމްޕޭން ކުރައްވަމުންނެވެ. އޭގެ އިތުރުން ވެސް ރިޔާސީ ޓިކެޓު ބޭނުންވާ ގިނަ ކެންޑިޑޭޓުންތަކެއް އެމްޑީޕީގައި އެބަތިއްބެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނު މައިގަނޑު އެއް ސަބަބަކީ ވެސް ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް ވިހަވެ، ބައިބައިވުމެވެ.