9 ޑިސެންބަރު 2025 - 10:25 1
ހުޅުމާލޭ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހެދި ޕާކިން ޖާގަތައް: މި ތަންތަނުގައި ޕާކު ކުރެވެނީ އޭ ޒޯނުގައި ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކަށް --- ފޮޓޯ: އެޗްޑީސީ
9 ޑިސެންބަރު 2025 - 10:25 1
ހުޅުމާލޭގެ މަގުމަތީގައި އެއްގަމު އުޅަނދު ފަހަރު ޕާކުކުރާތީ މަގުތައް ތޮއްޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ވަގުތީ ޕާކިން ޖާގަތަކެއް ހަދައިދީފި އެވެ.
އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި މި ޕާކިން ޖާގަތަކުގައި ޕާކު ކުރެވޭނީ އޭ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް އެކަނި ކަމަށެވެ. އެ ކުންފުނިން ބުނީ މީގެ ސަބަބުން ޓްރެފިކް ފްލޯއަށް ވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ހުޅުމާލޭގައި އަލަށް ގާއިމުކުރި ޕާކިން ސަރަހައްދުތަކުގައި 1962 ވެހިކަލަށް ޕާކު ކުރެވޭނެ ޖާގަ ހުންނާނެ އެވެ. އެންމެ ގިނަ ޖާގަތައް ހުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގަ އެވެ.
ޕާކިން ޖާގަ ހެދި ސަރަހައްދުތައް
ގިނަ ވަގުތީ ޕާކިން ޖާގަތަކެއް ތައާރަފުކުރިއިރު، ހުޅުމާލޭ މަގުތަކުގައި ހުރި ވެހިކަލްތަައް ނަގަން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 400 އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެޗްޑީސީ އާއި ޓްރާންސްޕޯޓާ ވެސް ގުޅިގެން، ފުލުހުން ހިންގާ މި އޮޕަރޭޝަނެއްގައި ޓޯ ކުރަމުން ގެންދަނީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި ވެހިކަލްތަކާއި، އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކާއި އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުކޮށް ހުރި ވެހިކަލްތަކެވެ.
ސަރުކާރުން ބުނާ ގޮތުގައި، ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތައް އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ކުރަން ބައެއް ކުންފުނިތަކާ ހަވާލުކުރި ނަމަވެސް، އަދި އެއިން އެއްވެސް އިމާރާތެއްގެ މަސައްކަތް ނުނިމެ އެވެ.
Comment