Advertisement

ފާއްޓެ ނިއު އަށް ސޮއިކޮށްފި

43 minutes 0


ފާއްޓެ ނިއު އަށް ސޮއިކޮށްފި

43 minutes 0

ބ. އޭދަފުށްޓަށް އުފަން ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު ފާސިރު (ފާއްޓޭ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެެވެ.

ފާއްޓޭ އެންމެ ފުރަތަމަ ކުޅުނީ އީގަލްސް އަށެވެ. އެއީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު ފާއްޓޭއާ އެކުގައި އޭނާގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ) ވެސް އީގަލްސް އަށް ކުޅުނެވެ. ސެންޓޭ އަކީ މި ވަގުތު ނިއުގެ ކެޕްޓަން އެވެ.

ފާއްޓޭގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ 2008 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް) ޓީމާ ގުޅުނު ފަހުންނެވެ. ރަނގަޅު ޓީމެއް ގޮވައިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ ރާއްޖޭގެ ވަރުގަދަ ޓީމުތަކާ ވާދަކުރި އޭވައިއެލްއާ އެކު ފާއްޓޭ 2009 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފާއްޓޭއާ އެކު ސެންޓޭ ވެސް އޭވައިއެލް އަށް ކުޅުނެވެ.

އޭވައިއެލް އަށް ކުޅެނިކޮށް، ފާއްޓޭގެ އަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ދެން އޭނާ ފުރަތަމަ ޑިވިޝަނުގައި ނުކުޅެ އެވެ. ފުރަަތަމަ ޑިވިޝަނުން ނުފެނުނު ކަމުގައި ވިޔަސް ރަށާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ފާއްޓޭ ކުޅެމުންދިޔަ އެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އޭދަފުށްޓަށް ހޯދައިދިން ޓީމަށް ކުޅުމުގެ އިތުރުން، މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގެ ތަށި އޭދަފުށިން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ފާއްޓެ އެވެ.

އީގަލްސް އިން 2021 ވަނަ އަހަރު ފާއްޓެ ގެނެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. ފާއްޓެ، ފުރަތަމަ ޑިވިޝަނުގެ ކްލަބަކުން އަލުން ފެނުނީ، މި އަހަރުގެ މެއި މަހު، ބޭއްވި އެފްއޭއެމް ލީގު ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އެ މުބާރާތުގެ އެއް މެޗުގައި ފާއްޓެ ވަނީ ކުޅެފަ އެވެ.

ފާއްޓެ، ނިއު އަށް ސޮއިކުރީ މި ސީޒަނުގެ ނިޔަލަށެވެ.

ނިއު ފެންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިކޮށެވެ. އެ ގޮތުން، އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލްގެ ސޮއި ވެސް ހޯދައިފަ އެވެ. އަދި، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ލޯން އެއްބަސްވުމެއްގެ ދަށުން ގެންނަން ނިއު އިން އެއްބަސްވުމަކަށް އަތުވެފައިވާއިރު، ނިއު އިން މި ވަނީ ފާއްޓޭގެ ސޮއި ހޯދައިފަ އެވެ.

ގައުމީ ފުޓްސަލް ޓީމުން އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ވާދަކުރިއިރު، ފާއްޓެ ވަނީ އެ ޓީމަށް ކުޅެފަ އެވެ.

ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، އަލީ ސުޒޭންގެ ކޯޗުކަމުގައި ކުޅެމުން އައި، ނިއު އޮތީ ލީގުގެ ތިން ވަނައިގަ އެެވެ. އެއީ، އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ.