Advertisement

ޑައިލިސިސް ހަދާ މީހުންނަށް، މަހު ތެލުން ބޮޑެތި ފައިދާތަކެއް ލިބޭ

about 1 hour 0


ޑައިލިސިސް ހަދާ މީހުންނަށް، މަހު ތެލުން ބޮޑެތި ފައިދާތަކެއް ލިބޭ

about 1 hour 0

ކިޑްނީ ފެއިލްވުމުގެ ސަބަބުން ޑައިލިސިސް ހަދަމުން އަންނަ މީހުންނަށް ސިއްހީ އެތައް މައްސަލަތަކެއްގެ ނުރައްކާ އަބަދުވެސް އޮވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑީ ހިތުގެ ބޮޑު މައްސަލައެއް ކުރިމަތިވުމުގެ ނުރައްކަލެވެ.

އެހެން ނަމަވެސް، ސައެންސްވެރިން ބުނާ ގޮތުގައި ކިޑްނީ ފެއިލްވެގެން ޑައިލިސިސް ހަދަންޖެހިފައިވާ މީހުން، ކޮންމެ ދުވަހަކު ވެސް މަހު ތެޔޮ ބޭނުންކުރުމަކީ، ހިތުގެ ބޮޑު މައްސަލައެއް ކުރިމަތިވުމުގެ ނުރައްކާ ދެގުނައަށް ކުޑަކޮށްދޭ ކަމެކެވެ. މިކަން ހޯދިފައިވަނީ މޮނާޝް ޔުނިވަސިޓީގެ މޮނާޝް ހެލްތު އެންޑް ދަ ސްކޫލް އޮފް ކްލިނިކަލް ސައެންސަސްގެ ސައެންސްވެރިން އޮސްޓްރޭލިޔާ އާއި ކެނެޑާގައި ކުރި ދިރާސާއަކުންނެވެ.

ސައެންސްވެރިން މި ދިރާސާ ހަދާފައިވަނީ ޑައިލަސިސްގެ ހިދުމަތްދޭ 26 މަރުކަޒަކުން ފަރުވާ ހޯދާ 1228 މީހުންގެ މައުލޫމާތު އެއްކޮށްގެންނެވެ. މި ދިރާސާ މިހާރުވަނީ އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީގެ ކިޑްނީ ވީކް 2025 ގައި ހުށަހަޅައި، ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައެވެ.

މި ދިރާސާގައި ބައިވެރިކުރި މީހުން ދެ ގުރޫޕަކަށް ބަހާލައި، އެއް ގުރޫޕުގެ މީހުންނަށް ކޮންމެ ދުވަހަކު ހަތަރު ގުރާމްގެ މަހު ތެޔޮ ކެޕްސޫލް ކާންދިނެވެ. އަނެއް ގުރޫޕުގެ މީހުންނަށް، ހަމައެކަނި ފެންފޮދެއް އަޅާފައި ހުންނަ ކެޕްސޫލެއް ކާންދިނެވެ. އެހެންކަމުން އޭގެ ތެރެއިން މަހު ތެޔޮ ކެޕްސޫލް ކެވުނީ ކާކަށް ކަމެއް އެއިން އެކަކަށް ވެސް ނޭނގޭނެއެވެ.

ކަނޑައެޅި މުއްދަތަށް މަހު ތެޔޮ ކާންދިނުމަށް ފަހު، އެމީހުންގެ ސިއްހީ ހާލަތު ވަޒަންކުރުމުން އެނގުނީ، މަހު ތެޔޮ ނުދޭ މީހުންނާ އަޅައިބަލާއިރު، މަހު ތެޔޮ ދިން މީހުންގެ ކިބައިގައި، ނުރައްކާތެރި ހިތުގެ މައްސަލައެއް ކުރިމަތިވުމުގެ ނުރައްކާ 43 އިންސައްތަ ކުޑަކޮށްދިން ކަމެވެ. ނުރައްކާތެރި ހިތުގެ މައްސަލަތަކުގެ ތެރޭގައި ހާޓް އެޓޭކް، ސްޓްރޯކް، ހިތުގެ މައްސަލައެއްގައި މަރުވުން އަދި ލޭހޮޅިތަކަށް ދިމާވާ އެހެން މައްސަލަތައް ހިމެނެއެވެ.

ޑައިލިސިސް ހަދާ މީހުންނަކީ، ހިތުގެ ނުރައްކާތެރި މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު އަބަދުވެސް ވަރަށް ބޮޑު ބައެކެވެ. އަދި އެ ނުރައްކާ ކުޑަކޮށްދިނުމަށް ދެވެން ހުރި ފަރުވާތައް ވެސް އެހާމެ މަދެވެ. އެކަމަށް ހައްލެއް ހޯދުމަށް މިހާތަނަށް ކުރި އަޖުމަބެލުމުގެ ގިނަ މަސައްކަތް ނިމިގެން ދިޔައީ ނަތީޖާއެއް ނުނެރެވިއެވެ.

އާންމު ދުޅަހެޔޮ ހާލަތުގައި ތިބޭ މީހުންނާ އަޅައި ބަލާއިރު، ޑައިލިސިސް ހަދާ މީހުންގެ ހަށިގަނޑުގައި، އޮމެގާ-3 ފެޓީ އެސިޑްގެ ދެ ބާވަތެއް ކަމަށްވާ، އައިކޯސަޕެންޓޭނޯއިކް އެސިޑް (އީޕީއޭ) އާއި ޑޯކޯސެހެކްސެނޮއިކް އެސިޑް (ޑީއެޗްއޭ) ވަރަށް މަދުވާނެއެވެ. މި ދިރާސާގައި ބައިވެރިކުރި މީހުންނަށް ދިން މަހު ތެލުގައި މި ދެ ބާވަތުގެ ގުދުރަތީ މާއްދާ ހިމެނެއެވެ.

މި ދިރާސާގެ ސައެންސްވެރިން ބުނާ ގޮތުގައި މި ދިރާސާގެ ހޯދުމަކީ، ކިޑްނީ ފެއިލްވެފައިވާ މީހުންގެ ހާލަތަށް ނިސްބަތްވާ ހާއްސަ ހޯދުމެކެވެ. އެހެންކަމުން، ފުރިހަމަ ސިއްހަތުގައި ތިބޭ މީހުންނަށާއި، އެހެން ބަލިތަކުގައި އުޅޭ މީހުންނަށް، މި ދިރާސާގެ ހޯދުން ތަންފީޒުކުރުމުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެއެވެ.