ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ރިޒޭ އުފާފާޅުުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ކްލަބް އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ)، ސީޒަނުގެ ބާކީބައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅޭ ރިޒޭ، 30، ނިއު އަށް ބަދަލުވާނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އަދި، ނިއު އިން ރިޒޭ ގެންދަން މިހާރު ވަނީ އެއްބަސްވުމަކަށް ވެސް އަތުވެފަ އެވެ.
މީގެ 11 ވަރަކަށް އަހަރު ކުރިން އީގަލްސް އަށް ކުޅެން ފެށި ރިޒޭ ވަނީ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ކުޅުމަށް ފަހު، މިހާރު ސީނިއާ ގައުމީ ޓީމަށް ކުޅެމުންނެވެ. އީގަލްސް އަށް 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ލަނޑު ޖެހި ރިޒޭ ވަނީ އެ ޓީމަށް 100 އަށް ވުރެން ގިނަ ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަސަދުﷲ އަބްދުﷲ އަށް ފަހު، އެއް ކްލަބަކަށް އެ އަދަދަށް ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.
އީގަލްސް އަށް ކުޅެމުން ރިޒޭ ވަނީ، 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް ލޯނަކަށް ކުޅެފަ އެވެ. އެއީ، އެ ފަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލުމުން ދިވެހި ޕްރިމިއާ ލީގަށް އެ ޓީމު ކޮލިފައިނުވާތީ އެވެ. ރިޒޭ އަންނަނީ މިދިޔަ ދެ ސީޒަނުން ފެށިގެން އީގަލްސްގެ ކެޕްޓަންކަން ކުރަމުންނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ނިއު އިން ވަނީ ބުރު ސްޕޯޓްސް ކްލަބްގެ ކީޕަރު، މުހައްމަދު ފައިސަލްގެ ސޮއި ހޯދައިފަ އެވެ. ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، ނިއު ރޭޑިއަންޓް އޮތީ ލީގުގެ ތިން ވަނައިގަ އެެވެ. އެއީ، އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ.
Comment