Advertisement

އެމްޑީޕީއަށް ތާއިދުކުރާތީ ތިނަދޫގައި މަސައްކަތް ކުރާ ވެމްކޯގެ ތިން މުވައްޒަފަކު ހއ. އަތޮޅަށް ބަދަލުކޮށްފި

އެހެން ރަށަކަށް ބަދަލުކުރި ވެމްކޯގެ މުވައްޒަފުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އާއި ތިނަދޫގެ މޭޔަރު ސައުދުއާއެކު


އެމްޑީޕީއަށް ތާއިދުކުރާތީ ތިނަދޫގައި މަސައްކަތް ކުރާ ވެމްކޯގެ ތިން މުވައްޒަފަކު ހއ. އަތޮޅަށް ބަދަލުކޮށްފި

އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމުން ގދ. ތިނަދޫގައި މަސައްކަތްކުރާ ވެމްކޯގެ ތިން މުވައްޒަފުން އެހެން ރަށްތަކަށް ބަދަލުކޮށްފި އެވެ.

އަދަދު އަށް ލިބިފައިވާ ތިން ޗިޓުން އެނގޭގޮތުގައި ތިނަދޫ ސައިޓުން އެހެން ރަށަކަށް ބަދަލުކުރީ ގދ. ތިނަދޫ، މަދޮށިމާގެ، މުހައްމަދު ސާލިހު އަހްމަދު އާއި ގދ. ތިނަދޫ، މާހްމާ ވިލާ، މުހައްމަދު ނާއިފް އަދި ގދ. ތިނަދޫ، ހަވާނާ، އަލީ ނާބިތު މުހައްމަދު އެވެ.

ތިނަދޫ ސައިޓުގެ ކެޝިއަރަކަށް މަސައްކަތްކުރާ އަލީ ނާބިތު މުހައްމަދު އާއި ތިނަދޫ ސައިޓުގެ ސީނިއާ އޮޕަރޭޝަންސް އޮފިސަރަކަށް މަސައްކަތްކުރާ މުހައްމަދު ނާއިފް ބަދަލުކުރީ ހދ. ކުޅުދުއްފުށި ސައިޓަށެވެ.

މީގެއިތުރުން ތިނަދޫ ސައިޓުގެ ސުޕަވައިޒަރަކަށް މަސައްކަތްކުރާ މުހައްމަދު ސާލިހު އަހްމަދު ބަދަލުކުރީ ހއ. އިހަވަންދޫ ސައިޓަށެވެ.

ވެމްކޯގައި މަސައްކަތްކުރާ އެ ތިން މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު އަދަދު އަށް ބުނީ އެހެން ރަށަކަށް ބަދަލުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕެއިން ކުރާތީ ކަމަށެވެ.

މިގޮތުން އިއްޔެ އެ ތިން މުވައްޒަފުން ވެސް އޮފީހަށް ހާޒިރުކޮށް ސަރުކާރާ ދެކޮޅަށް ކެމްޕެއިންކުރާ ކަމަށް ބުނެ ނަސޭހަތްދިން ކަމަށާއި އިންޒާރުދިން ކަމަށް ސޮއިކުރަން ދިނީ އެހެން ތުހުމަތެއް ކުރުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ލިޔުމުގައި މުވައްޒަފުން މެދުގައި ނަފްރަތު އުފައްދާ ކަމަށް ބުނެފައިވާތީ ސޮއިކުރަން ހުރިހާ މުވައްޒަފުން ވެސް ދެކޮޅު ހެދި ކަމަށެވެ.

"ބަދަލުކުރީ އެމްޑީޕީ ކެމްޕެއިނުގައި އުޅޭތީ. އެމްޑީޕީގެ އެއްޗެހި ޝެއާކުރާތީ. އިއްޔެ ކޮމިޓީއަށް ގެންގޮސްފައި ފުރަތަމަ ނަސޭހަތްދިނީ. އެކަމަކު ޗިޓުގައި އިނީ ވަޒީފާގެ މާހައުލުގައި އެތާ ތެރޭގައި މުވައްޒަފުންގެ ދޭތެރޭގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކެވީއޭ. ކޮމިޓީގައި ދެއްކީ އެހެން ވާހަކައެއް،" އޭނާ ބުންޏެވެ.

"ކޮމިޓީގައި ދެއްކީ ސިޔާސީގޮތުން ސަރުކާރާ ދެކޮޅަށް ކެމްޕެއިންކުރަނީއޭ ކިޔާފައި. ލިޔުމުގައި ސޮއިކުރަން ދިނީމަ އަޅުގަނޑު ބުނިން ތިޔަކު ސޮޔެއް ނުކުރެވޭނެއޭ ތިގޮތަށް އިނދެގެން. ދެން ސޮޔެއް ނުކުރަން. މިއަދު ބަދަލުކުރި ކަމަށް ޗިޓު އައީ ހެޑް އޮފީހުން."

މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ރަށަކަށް ބަދަލުކުރި ވެމްކޯގެ ތިން މުވައްޒަފުން ވެސް އެ ރަށްތަކަށް ދާން ވަނީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީއަށް ކުރާ ތާއީދު އަނބުރާ ނުގެންދަން ވެސް އެ ތިން މުވައްޒަފުން ވަނީ ނިންމާފަ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާތީ ރަށްރަށުގައި ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަން ދަނީ ދައްކަމުންނެވެ. އެގޮތުން ބައެއް މުވައްޒަފުން ވަކިކޮށް، ބައެއް މުވައްޒަފުން އެހެން ރަށްތަކަށް ދަނީ ބަދަލުކުރަމުންނެވެ.

މީގެއިތުރުން އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ދަނީ ނަގަމުންނެވެ.