ހަނާކޮށްފައިވާ ކޮފީ އޮށްތަކެއް
ކޮފީ ބުއިމަކީ ކޮންމެ ދުވަހެއްގެ ތާވަލުގައި އެންމެ ގިނައިން ތަކުރާރުވާ އާދައެވެ. މި ކަމުގައި އުމުރުގެ މާބޮޑު ތަފާތެއް ނެތަސް، ޒުވާނުންގެ މެދުގައި މި އާދަ ހުރީ ތަންކޮޅެއް މަތީގައި ކަމަށް ދިރާސާތަކުން ދައްކައެވެ. ބައެއް މީހުން ދުވަސް ފަށަނީ ކިރު ނުވަތަ ކަޅު ކޮފީ ތައްޓަކުންނެވެ. އަނެއް ބަޔަކު ނުވަ ގަޑީގެ ބުއިމަކަށް ކޮފީ ތައްޓެއް ބޭނުންކުރެއެވެ. އެކި މީހުން އެކި ވަގުތުތަކުގައެވެ.
އާޓިކް ޔުނިވަސިޓީ އޮފް ނޯވޭގެ ސައެންސްވެރިން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކޮފީ ބުއިމުން ހަށިގަނޑުގައި ކޮލެސްޓެރޯލް އެކުލެވޭ ނިސްބަތް މަތިވެއެވެ. ނަމަވެސް ކޮލެސްޓެރޯލްގެ ނިސްބަތް މަތިވުމާއި އެމީހަކު ބޯ ކޮފީއެއް އުފައްދާފައި ހުންނަ ގޮތާ ދެމެދު ގުޅުންތަކެއް އެބަހުއްޓެވެ. ހަމައެފަދައިން، ބައެއް ބާވަތުގެ ކޮފީ ބުއިމުން ހަށިގަނޑުގައި ކޮލެސްޓެރޯލް އިތުރުވާ ނިސްބަތް އަންހެނުންނާއި ފިރިހެނުންގެ ވެސް ތަފާތެވެ.
ކޮފީއަކީ، ކޮފީ އޮށް ހަނާކޮށް އެ މުގުރައިގެން ތައްޔާރުކުރާ، ކެފެއިންގެ ބުއިމެކެވެ. އާންމު ގޮތެއްގައި ކޮފީ ބޮނީ، ކިރު އަޅައިގެން ނުވަތަ ކިރު ނާޅައެވެ. ކިރުއަޅައިގެން ގިރުމުން ގަދަ މުށި ކުލައެއްގައި އަދި ކިރު ނާޅައި ގިރުމުން ގަދަ ކަޅު ކުލައިގައި ހުންނަ ބުއިމެކެވެ. ކެފެއިންއަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ ވަރުބަލިކަން ފިލުވައިލަދީ ނަފްސު ތާޒާކޮށްދޭ ބުއިމެކެވެ. އަދި އާދައިގެ ކޮފީއަކީ ވަރަށް މަދު މިންވަރަކަށް ވިޓަމިން އާއި މިނެރަލް ވެސް ލިބޭ އެއްޗެކެވެ.
މީގެ ކުރިން ހަދާފައި ހުރި ބައެއް ދިރާސާތައް ބުނާ ގޮތުގައި ކޮފީގައި އެކުލެވޭ ކެމިކަލް މާއްދާތަކުގެ ސަބަބުން، ކޮފީ ބޯ މީހުންގެ ލޭގައި ކޮލެސްޓެރޯލްގެ މިންވަރު މަތިކޮށްދެއެވެ. ނަމަވެސް މިކަން ބިނާވަނީ، ކޮފީ އޮށުން ކޮފީގެ އަރަގު ނަގާ ގޮތާއި ކޮފީ އޮށް މުގުރައިގެން ކޮފީގެ ތަފާތު ގިންތީގެ ކޮފީ އުފައްދަން ބޭނުންކުރާ ވައްޓަފާޅީގެ މައްޗަށެވެ. ކޮފީ ބުއިމުން ހަށިގަނޑުގައި ކޮލެސްޓެރޯލް އިތުރުކޮށްދެނީ، ކޮފީގައި އެކުލެވޭ ތެލުގެ ދެ މާއްދާ ކަމަށްވާ ކާފިސްޓޯލް އާއި ކާހްވިއޯލްގެ ސަބަބުންނެވެ.
ކޮފީގައި ތެލުގެ މާއްދާ އެކުލެވޭ ނިސްބަތް ބިނާވަނީ، ކޮފީ އޮށް މުގުރައިގެން ކޮފީ އުފައްދާ ގޮތުގެ މައްޗަށެވެ. އެ ގޮތުން އެންމެ މަތީ ނިސްބަތަކަށް ތެލުގެ މާއްދާ އެކުލެވޭ ކަމަށް މިހާތަނަށް އެނގިފައިވަނީ، ބްރޫވްޑް ކޮފީ – ހޫނު ފެނުން ފުރާނައިގެން، އޭގެ ގިރިގެންދާ ރަހަތަކާއި ވަހާއި ކެފޭންގެ މާއްދާ ވަކިކޮށްގެން އުފައްދާ ކޮފީ – އާއި ފްރެންޗް ރޯސްޓް ކޮފީ – އޭގައި އެކުލެވޭ ތެލުގެ މާއްދާ، ކޮފީ އޮށުގެ ބޭރަށް ފާއްދާ ވަރަށް ގަދަ ހޫނުގައި ހަނާކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮފީ – އެވެ.
ނަމަވެސް ކޮފީގައި އެކުލެވޭ ތެލުގެ މާއްދާތައް ފުރާނައި ވަކިކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮފީގެ ބާވަތްތައް ބުއިމުން ހަށިގަނޑުގައި ކޮލެސްޓެރޯލް އުފައްދައިދޭ މިންވަރު ވަރަށް ދަށެވެ. އެ ގޮތުން އެސްޕްރެސޯއަކީ މެދު މިނެއްގައި އެ މާއްދާތައް އެކުލެވޭ ބާވަތެކެވެ. ނަމަވެސް އެސްޕްރެސޯގެ ސަބަބުން ކޮލެސްޓެރޯލްގެ ނިސްބަތް އިތުރުވަނީ ކީއްވެގެންކަން މުޅިން އަދި ސާފެއް ނުވެއެވެ.
މި ދިރާސާގައި ސައެންސްވެރިން މަސައްކަތް ކުރީ، ކޮފީ އޮށުން ކޮފީ އުފައްދާ ގޮތާއި، ހަށިގަނޑުގައި ކޮލެސްޓެރޯލްގެ މިންވަރު މަތިވުމާ ދެމެދުގައިވާ ގުޅުން ދެނެގަތުމަށެވެ. ހާއްސަކޮށް އެސްޕްރެސޯ ކޮފީ އުފައްދާ ގޮތާއި ކޮލެސްޓެރޯލް މަތިވުމާ ދެމެދުގައިވާ ގުޅުން ދެނެގަތުމަށެވެ. ހަށިގަނޑުގެ ޖުމްލަ ކޮލެސްޓެރޯލްގެ ތެރޭގައި، ހަށިގަނޑަށް ފައިދާ ހުރި ކޮލެސްޓެރޯލް (އެޗްޑީއެލް) އާއި ހަށިގަނޑަށް ބޭނުންނުވާ ނުރައްކާތެރި ކޮލެސްޓެރޯލް (އެލްޑީއެލް) ވެސް ހިމެނެއެވެ.
ސައެންސްވެރިން މި ދިރާސާ ކުރީ، ނޯވޭގެ އުތުރު ސަރަހައްދެއްގައި އުމުރުން 40 އަހަރުން މަތީގެ 21083 މީހެއްގެ މައުލޫމާތު އެއްކޮށްގެންނެވެ. މި ދިރާސާއިން އެނގުނު ގޮތުގައި އެސްޕްރެސޯ ކޮފީ ނުބޯ މީހުންނާ އަޅައި ބަލާއިރު، ދުވާލަކު ދޭއް ނުވަތަ ތިން ޖޯޑު އެސްޕްރެސޯ ކޮފީ ބޯ މީހުންގެ ހަށިގަނޑުގައި، ޖުމްލަ ކޮލެސްޓެރޯލް އެކުލެވޭ މިންވަރު މާ މައްޗެވެ.
އޭގެ އިތުރުން، ކޮފީ ނުބޯ މީހުންނާ އަޅައި ބަލާއިރު، ދުވާލަކު ހަ ޖޯޑަށް ވުރެ ގިނައިން ބްރޫވްޑް ކޮފީ ނުވަތަ ފްރެންޗް ޕްރެސް ކޮފީ ބޯ މީހުންގެ ހަށިގަނޑުގައި ޖުމްލަ ކޮލެސްޓެރޯލްގެ މިންވަރު ވަރަށް މައްޗެވެ. މި ދިރާސާގައި ފާހަގަކޮށްލެވުނު އަނެއް ކަމަކީ، ތެލުގެ މާއްދާތައް ފުރާނައިގެން ނަގާފައި ހުންނަ ބާވަތުގެ ކޮފީ، ދުވާލަކު ހަ ޖޯޑަށް ވުރެ ގިނައިން ބޯ މީހުންގެ ތެރެއިން، އަންހެނުންގެ ކޮލެސްޓެރޯލް މިންވަރު މަތިވާ ކަމެވެ. ނަމަވެސް ފިރިހެނުންނަށް އެ މައްސަލަ ކުރިމައްޗެއް ނުވެއެވެ.
މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނާ ގޮތުގައި އެސްޕްރެސޯ ކޮފީ ބުއިމަކީ ހަށިގަނޑުގައި ކޮލެސްޓެރޯލްގެ މިންވަރު މަތިކޮށްދޭ ކަމެކެވެ. އަދި ކޮލެސްޓެރޯލް މަތިވާ ނިސްބަތް، އަންހެނުންނަށް ވުރެ ފިރިހެނުންގެ މަތިކަން ވެސް ފާހަގަކުރެވެއެވެ. ބްރޫވްޑް ކޮފީ ނުވަތަ ފްރެންޗް ޕްރެސް ކޮފީ ބުއިމުން، އަންހެނުންނާއި ފިރިހެނުންގެ ވެސް ކޮލެސްޓެރޯލް މިންވަރު މަތިވަނީ އެއް ވަރަކަށެވެ. މި ދިރާސާ މިހާރު ވަނީ އޯޕަން ހާޓް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައެވެ.
Comment