Advertisement

ސްލީޕް އެޕްނިއާގެ ސަބަބުން ޕާކިންސަންގެ ނުރައްކާ ދެގުނަވޭ

about 14 hours 0


ސްލީޕް އެޕްނިއާގެ ސަބަބުން ޕާކިންސަންގެ ނުރައްކާ ދެގުނަވޭ

about 14 hours 0

ސްލީޕް އެޕްނިއާގެ މައްސަލަ ކުރިމަތިވެ އެކަމަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ، އެމީހަކަށް ތުރުތުރުއަޅާ ބަލި (ޕާކިންސަން) ޖެހުމުގެ ނުރައްކާ، އެނޫން މީހުންނާ އަޅައި ބަލާއިރު ދެ ގުނަ އިތުރު ކަމަށް ސައެންޓިފިކް ދިރާސާއަކުން ދައްކައިފިއެވެ. ސިއްހީ ދާއިރާގެ ދިރާސާތަކާއި އައު އުފެއްދުންތައް ޝާއިކުރާ މެޑިކަލް ނިއުސް ޓުޑޭ ވެބްސައިޓްގައި އާންމުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މިއީ، އެމެރިކާގެ 13.7 މިލިއަން މީހުންގެ މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

ސްލީޕް އެޕްނިއާއަކީ، ނިދީގައި ދޭތެރެއަކުން ނޭވާލުން ހުއްޓިފައި ނޭވާލާން ފެށުމުގެ އުނދަގޫ ކުރިމަތިވާ ހާލަތެކެވެ. މި ހާލަތު ދިމާވުމުން، ފުރިހަމަ ހޭވެރިކަން ނުލިބި ނިދިން ހޭލެވޭ ގޮތްވެ އެވެ. މީގެ ދެ ބާވަތެއް ފާހަގަކުރެވެއެވެ. އެއީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ – ނޭވާ ހިނގާ ހޮޅި ބަންދުވެގެން ނޭވާލުން ހުއްޓޭ ހާލަތު – އާއި ސެންޓްރަލް ސްލީޕް އެޕްނިއާ – ނޭވާ ކޮންޓްރޯލްކުރާ މަސްތަކަށް ސިކުނޑިން އެކަށީގެންވާ ގޮތެއްގައި ސިގްނަލް ނުފޮނުވުމުން ނޭވާލުން ހުއްޓޭ ހާލަތު – އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ސްލީޕް އެޕްނިއާގެ މައިގަނޑު އަލާމާތްތަކަކީ ނިދީގައި ގުގުރި ދެމުމާއި، ނިދާފައި އޮއްވައި ނޭވާ ހާސްވުމާއި، ނޭވާހިއްލާ ފަދަ އަޑެއް އިވުމެވެ. ސްލީޕް އެޕްނިއާއަށް އަވަސް ފަރުވާއެއް ހޯދައި މައްސަލަ ހައްލުކުރުމަކީ، ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ބައްޔެއް ފަދަ ނުރައްކާތެރި ހާލަތަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

މި ދިރާސާގެ ސައެންސްވެރިން ބުނާ ގޮތުގައި ސްލީޕް އެޕްނިއާގެ އުނދަގޫ ތަހައްމަލުކުރާ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ސީޕީއޭޕީ (Continuous Positive Airway Pressure) ތެރަޕީން ފަރުވާ ހޯދައިފި ނަމަ، ތުރުތުރުއަޅާ ބަލި ޖެހުމުގެ ނުރައްކާ 30-50 އިންސައްތަ ކުޑަކޮށްދޭ ކަމެވެ. ސީޕީއޭޕީއަކީ ނިދާފައި އޮންނަ ވަގުތު ނޭވާ ހޮޅި ބަންދުވިޔަ ނުދީ ހުޅުވާފައި ބޭއްވުމަށްޓަކައި، އަނގަޔާއި ނޭފަތާ އެކުގައި އަޅާފައި އޮންނަ މާސްކެއްގެ ތެރެއިން ވައި ފޮނުވައިދޭ މެޝިނެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ސީޕީއޭޕީ ފަރުވާގެ އެދެވޭ ނަތީޖާއެއް ފެންނާނީ، ސްލީޕް އެޕްނިއާ ހުރިކަން ދެނެގަނެވޭތާ ކުރީކޮޅު އެކަމަށް ފަރުވާ ހޯދައިގެންނެވެ. މައްސަލަ ކުރިމަތިވާތާ ކުރީކޮޅު ފަރުވާ ނުހޯދައިފި ނަމަ، ނުރައްކާތެރި ސިއްހީ އެހެން މައްސަލަތަކަށް މަގުފަހިވެދާނެ ކަމަށް ސައެންސްވެރިން އިންޒާރުދެއެވެ.

މި ދިރާސާގައި މައުލޫމާތު ހިމެނި 1.55 މިލިއަން މީހުންނަކީ ވެސް ސްލީޕް އެޕްނިއާގެ މައްސަލަ ހުރި މީހުންނެވެ. އެ މީހުންގެ މައުލޫމާތު އެންމެ ފުރަތަމަ އެއްކުރިތާ ހަ އަހަރު ފަހުން ދެ ވަނަ ފަހަރަށް އެމީހުންގެ މައުލޫމާތު ސާފުކުރި އިރު، ކޮންމެ 1000 މީހުންގެ ތެރެއިން 1.6 މީހުންނަށް ތިބީ، ތުރުތުރު އަޅާ ބަލި ޖެހިފައެވެ. މިއީ ސްލީޕް އެޕްނިއާގެ މައްސަލަ ކުރިމަތިނުވާ މީހުންނަށް މި ބަލި ޖެހޭ ނިސްބަތާ އަޅައި ބަލާއިރު ވަރަށް މަތީ ނިސްބަތެއް ކަމަށް ސައެންސްވެރިން ބުނެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ސީޕީއޭޕީގެ ފަރުވާއަކީ ސްލީޕް އެޕްނިއާގެ ސަބަބުން ތުރުތުރުއަޅާ ބަލި ޖެހުމުގެ ނުރައްކާ މުޅިން ފިލުވައިލެވޭ ފަރުވާއެއް ނޫނެވެ. އެހެން ނަމަވެސް އެ ނުރައްކާ ތިން ބައިކުޅަ އެއްބަޔަށް ނުވަތަ ދެ ބައިކުޅަ އެއް ބަޔަށް ކުޑަކޮށްދޭ ފަރުވާއެކެވެ.

މި ދިރާސާއަކީ ސްލީޕް އެޕްނިއާގެ އުނދަގޫ ބޮޑުވި ވަރަކަށް، ތުރުތުރު އަޅާ ބަލި ޖެހުމުގެ ނުރައްކާ ބޮޑުކަން ސާބިތުކޮށްދިން ފުރަތަމަ ދިރާސާއެވެ. އަދި ސީޕީއޭޕީ ފަރުވާއިން އެ ނުރައްކާ ކުޑަކޮށްދޭކަން ސާބިތުކުރެވުނު ފުރަތަމަ ދިރާސާވެސްމެއެވެ.

މި ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މެދުއުމުރުގެ ބޮޑެތި މީހުންގެ ތެރެއިން 25-35 އިންސައްތަ މީހުންނަކީ ސްލީޕް އެޕްނިއާގެ އުނދަގޫ ހުންނަ މީހުންނެވެ. ނަމަވެސް އޭގެ ތެރެއިން 90 އިންސައްތަ މީހުންނަކީ، އެ އުނދަގޫ ހުންނަކަން ދެނެނުގަނެވި ތިބޭ މީހުންނެވެ. އެހެންކަމުން އެމީހުންގެ ކިބައިގައި އެ އުނދަގޫ ހުއްޓަސް އެކަމަށް ފަރުވާ ކުރުމުގެ ވިސްނުމެއް ނާދެއެވެ.