about 1 hour 0
މުހައްމަދު ޝަހްޒާން
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
about 1 hour 0
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ އޮފީސް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އުނިކޮށް ނައިބުރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 30،000ރ. ދޭ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ކުރީގެ ނައިބު ރައީސުންގެ އިނާޔަތް ލިބޭނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅުންނަށެވެ. އެހެންކަމުން، މި އިނާޔަތް ހަމައެކަނި ލިބޭނީ ފައިސަލް ނަސީމަށެވެ. އެ ބިލު ތަސްދީގު ކުރެއްވުމާއެކު މިއަދުން ފެށިގެން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ އެވެ.
އެ ބިލު ގާނޫނަކަށް ވުމާއެކު މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންގެ އޮފީސް ހިންގުމަށް ދެމުން އައި ހަރަދު ވެސް ދިނުން ނިމުމަކަށް އަންނާނެ އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މީގެ ކުރިން އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 175،000ރ. ދައުލަތުން ދެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެ ދައުރު ނުވަތަ އެއަށްވުރެ ގިނަ ދައުރު ފުރިހަމަކޮށްފައިވާ ނަމަ 75،000 ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބޭނެ އެވެ. ދެ ދައުރު އަދާ ކުރައްވާފައިވާ ބޭފުޅަކަށް މިވަގުތު ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގު ކުރެއްވުމާއެކު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭކަށް ނުޖެހޭނެ އެވެ.
އަދި، އޭގެތެރެއިން ބޭފުޅަކު ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، އެ ބޭފުޅަކަށް ވެސް މާލީ އިނާޔަތް ދޭކަށް ނުޖެހޭނެ އެވެ.
Comment