Advertisement

ހުޅުމާލޭ މަގުތަކުގައި ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރަން ފަށައިފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރުން -- ފޮޓޯ؛ ފުލުހުން


ހުޅުމާލޭ މަގުތަކުގައި ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރަން ފަށައިފި

ހުޅުމާލޭގެ ހުސްބިންތަކުގައި އާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރަން ފުލުހުން މިއަދު ފަށައިފި އެވެ.

ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ފުލުހުންނާއެކު ނެގުމަށް އެޗްޑީސީ އާއި ޕަބްލިކް ވޯކްސްގެ އިތުރުން އެސްއޯއީތަކާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރަން ފެށީ ރޭ 23:30 ގެ ކުރިން އެ އުޅަނދުތައް ނެގުމަށް އިއުލާން ކުރުމަށްފަހު އެވެ. އުޅަނދުތައް ނެގުމަށް ފުލުހުން އާންމުކޮށް އަންގާ އިއުލާންކުރީ ޑިސެމްބަރު 1، ގަ އެވެ.

ފުލުހުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކޮށްގެން ގެންދާނީ އެ ހިދުމަތުން ކަނޑައަޅާ ތަނަކަށް ކަމަށެވެ.

ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ އެ އުޅަނދުތައް ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މީގެއިތުރުން ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރި ފަރާތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ހުޅުމާލެއިން މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު 51 އުޅަނދު ޓޯކޮށްފަ އެވެ. އެއީ ދެ ފުރޮޅުލީ 45 އުޅަނދުގެ އިތުރުން ހަތަރު ފުރޮޅުލީ ހަ އުޅަނދެވެ. އޭގެ ތެރެއިން 41 އުޅަނދަކީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޓޯކުރި އުޅަނދެވެ.