Advertisement

ހުޅުމާލޭ މަގުތައް ހަދަން ޗައިނާގެ ރޯޓައިމްއާ ސޮއިކޮށްފި

3 ޑިސެންބަރު 2025 - 22:48 2


ހުޅުމާލޭ މަގުތައް ހަދަން ޗައިނާގެ ރޯޓައިމްއާ ސޮއިކޮށްފި

3 ޑިސެންބަރު 2025 - 22:48 2

ހުޅުމާލޭގެ މަގުތަައް ހެދުމުގެ މަސައްކަތް ކުރައިން ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ އެކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން ރެކްޓިފިކޭޝަން މަސައްކަތް ވެސް ހިމެނެ އެވެ. އަދި މިއީ، ހުޅުމާލޭގެ އިންފްރާސްޓްރަކްޗާގެ ކޮލިޓީ ރަނގަޅުކުރަން އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތެއް އެޗްޑީސީން އާންމުކޮށް ހާމަނުކުރާތީ އެއްބަސްވުމުގެ އަގެއް، އަދި އެ އެއްބަސްވުމުގެ ދަށުން ހަދަނީ ކޮން މަގުތަކެއް ކަމެއް މަރާމާތު ކުރަނީ ކޮން މަގުތަކެއް ކަމެއް ނޭނގެ އެވެ. އަދި، މިހާރު ހިއްކަމުން އަންނަ ފޭސް ތިނެއްގެ މަގުތައް ހިމެނޭ ކަމެއް ވެސް ސާފެއް ނުވި އެވެ.

މަގު ހެދުމުގެ މަސައްކަތް ހަވާލުކުރި ރޯޓައިމްއަކީ މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ސްމާޓް ވެއާހައުސް ކޮމްޕްލެކްސް އާއި އޭގެ ފަހުން ޗިލްޑްރަންސް ސެންޓަރާއި މާލޭގައި ތަރައްގީކުރާ ސާފިން ސްޓޭޑިއަމް ވެސް ތަރައްގީކުރަން ހަވާލުކުރި ކުންފުންޏެވެ.

ދެވަނަ ފިޔަވަހީގައި ހުންނަ، އަދި މިހާރު މަސައްކަތް ނިމުމަކާ ގާތްވެފައިވާ "ކޯ-ލިވިން" އިމާރާތް ވެސް ތަރައްގީކުރަނީ މި ކުންފުނިންނެވެ.

ހުޅުމާލޭގެ މަގުތައް އެންމެ ފުރަތަމަ ހެދީ ތައިލެންޑުގެ ޕްރަކްސާ ކުންފުނިންނެވެ. ބާކީ ހުރި މަގުތަކުގެ ތެރެއިން ގިނަ މަގުތައް ތަރައްގީކުރީ އިންޑިއާގެ މޯހަން މުތާ ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެންމެ ފަހުން ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ މަގުތައް ތަރައްގީކުރީ ވެސް އެ ކުންފުނިންނެވެ.

ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ޕްލޭންޑް ސިޓީ އެވެ. މި ގޮތުން ހުޅުމާލޭގެ މަގުތަކުގެ ވިއުގައަކީ މާސްޓާޕްލޭންތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ، އަދި ރާއްޖޭގެ އެހެން ރަށެއްގައި ނުހުންނަ ފެންވަރުގެ ރަނގަޅު މަގުތަކެކެވެ.