Advertisement

ތައިރޮއިޑް ޓެސްޓަކުން އޯޓިޒަމްގެ ނުރައްކާ ކުޑަކޮށްދޭ

30 ނޮވެންބަރު 2025 - 07:45 0


ތައިރޮއިޑް ޓެސްޓަކުން އޯޓިޒަމްގެ ނުރައްކާ ކުޑަކޮށްދޭ

30 ނޮވެންބަރު 2025 - 07:45 0

އޯޓިޒަމްގެ ހާލަތު މެދުވެރިވާ ކުދިން އުފަންވުމަކީ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ނަމަވެސް މިކަމަށް މިހާތަނަށް ވެސް އެކަށޭނަ ފަރުވާއެއް ނުހޯދެއެވެ. ނަތީޖާއަކަށް ވަނީ އެފަދަ ކުދިން ގޮވައިގެން އުފުލަންޖެހޭ ވޭނާއި ދަތިތަކަށް ކެތްތެރިވެ އެ ކުދިން ބަލައި ބޮޑުކުރުމެވެ.

ދަ ޖާނަލް އޮފް ކްލިނިކަލް އެންޑޯކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އޯޓިޒަމްގެ މައްސަލަ ހުންނަ ކުދިން ލިބުމާއި، މައިމީހާގެ ތައިރޮއިޑްގެ ހާލަތާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އިސްރާއީލްގެ ބެން ގޫރިއޫން ޔުނިވަސިޓީގެ ސައެންސްވެރިން ހެދި މި ދިރާސާގައި ބުނެފައިވާ ގޮތުން މާބަނޑު ދުވަސްވަރު ތައިރޮއިޑް ހޯމޯންގެ މައްސަލަ ކުރިމަތިވާ އަންހެނުންނަށް، އޯޓިޒަމް ހުންނަ ކުދިން ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މައިމީހާގެ ހަށިގަނޑުން، އޭނާގެ ރަހިމުގައި އޮންނަ ދަރިފުޅަށް ފޮނުވައިދޭ ތައިރޮއިޑް ހޯމޯނަކީ، ރަހިމުގައި އޮންނަ ދަރިފުޅުގެ ނާރުތައް ހެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން މައިމީހާގެ ރަހިމުގައި ދަރިފުޅު އުފެދި ބޮޑުވަމުން އަންނަ ދުވަސްވަރު، މައިމީހާގެ ހަށިގަނޑުން ދަރިފުޅަށް ތައިރޮއިޑް ފޮނުވައިދިނުމަށް ހުރަސްއެޅިއްޖެ ނަމަ، ނުވަތަ ފޮނުވައިދޭ ހޯމޯންތަކުގައި އުނިކަމެއް ހުންނަނަމަ، ރަހިމުގައި އޮންނަ ކުއްޖާގެ ނާރުތައް ހެދި ބޮޑުވުމަށް ހުރަސްއެޅެއެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ ކުދިންގެ ކިބައިގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ ނުވަތަ އޯޓިޒަމް) އަށަގަތުމުގެ ފުރުސަތު އެތައް ގުނައެއް އިތުރުވެއެވެ.

އޯޓިޒަމަކީ، އެހެން މީހުންނާ މުއާމަލާތު ކުރުމާއި މުވާސަލާތު ކުރުމާއި، މުޖްތަމައުގައި އެ ކުއްޖަކު އުޅޭ ގޮތްތައް އެ ކުއްޖެއްގެ ކިބައިގައި އަށަގަންނުވައިދޭ އާދަޔާ ހިލާފު ހާލަތްތަކެކެވެ. އޯޓިޒަމްގެ ހާލަތު މެދުވެރިވުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ، ބައެއް ފަހަރު ވަރަށް ތަފާތުވެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި މާބަނޑު ދުވަސްވަރު މައިމީހާއަށް ކުރިމަތިވާ، ތައިރޮއިޑްގެ މައްސަލައަށް އެކަށޭނަ ގޮތެއްގައި ފަރުވާ ކުރުމުން، ރަހިމުގައި އުފެދެމުން އަންނަ ތުއްތު ކުއްޖާއަށް އޯޓިޒަމްގެ ހާލަތު މެދުވެރިވުމުގެ ނުރައްކާ އިތުރެއް ނުވެއެވެ. ނަމަވެސް، މާބަނޑު ދުވަސްވަރު މައިމީހާގެ ތައިރޮއިޑް ހޯމޯންގެ ވަޒަން ނުހިފެހެއްޓޭ މައްސަލަ ހައްލުނުކުރެވޭ ނަމަ، އޯޓިޒަމްގެ ނުރައްކާ ބޮޑުވެއެވެ.

އެހެންކަމުން، މާބަނޑު ދުވަސްވަރު މައިމީހާގެ ތައިރޮއިޑް ހޯމޯންގެ ވަޒަން ގެއްލިގެންދޭތޯ ބެލުމަށްޓަކައި ފަރުވާތެރިކަމާއެކު ބަރާބަރަށް ޓެސްޓުތައް ހަދައި ތައިރޮއިޑްގެ ހާލަތު ދެނެގަތުން މުހިންމުކަމަށް ދިރާސާގެ ސައެންސްވެރިން ބުނެއެވެ.

މި ދިރާސާގައި ސައެންސްވެރިން ވަނީ މާބަނޑު އަންހެނުން ވިހެއުމުގެ 51000 ހާލަތެއް ތަހުލީލުކޮށް ބަލައިފައެވެ. އެ ހާލަތްތަކުގެ ތެރެއިން، އޯޓިޒަމްގެ ސިފަތައް ހުރުމުގެ ނުރައްކާ އެންމެ ބޮޑުކަން ފާހަގަކުރެވުނީ، މާބަނޑު ދުވަސްވަރު ތައިރޮއިޑް ހޯމޯންގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔަ އަންހެނުންނަށް ލިބުނު ކުދިންގެއެވެ.