Advertisement

މުއިއްޒުގެ މައްޗަންގޮޅީ ބައްދަލުވުން ހޫނުވުމުން، މާފަންނު ޖަލްސާގައި ސުވާލު ކުރާ މީހުން އަންގަން އެދެފި

26 ނޮވެންބަރު 2025 - 21:21 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


މުއިއްޒުގެ މައްޗަންގޮޅީ ބައްދަލުވުން ހޫނުވުމުން، މާފަންނު ޖަލްސާގައި ސުވާލު ކުރާ މީހުން އަންގަން އެދެފި

26 ނޮވެންބަރު 2025 - 21:21 6

މާފަންނު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގައި ހިޔާލުފާޅުކުރަން ބޭނުންވާ މާފަންނު މެދު ދާއިރާ މީހުންގެ ނަންތައް އެ ދާއިރާގެ މަޖިލިސް މެންބަރު، އަސްމާ ރަޝީދު (އަސްމާއްތަ) އަށް ފޮނުވަން އަންގަން ފަށައިފި އެވެ.

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރައްވަން ނިންމަވާފައިވާކަން އަންގައި މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް އަސްމާއްތަ މިހާރު ދަނީ މެސެޖު ފޮނުވަމުންނެވެ.

މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.

އާންމު ރައްޔިތުންނަށް ފޮނުވަމުންދާ މެސެޖުގައި އެދިފައި ވަނީ އެ ބައްދަލުވުމުގައި މުއިއްޒުއާ ސުވާލުކުރަން ބޭނުންވާ ރައްޔިތުންގެ ނަން އަސްމާއްތައަށް އެންގުމަށެވެ. އަދި މުއިއްޒުއަށް ސިޓީއެއް ނުވަތަ ނޯޓުކޮޅެއް ދޭން ބޭނުންވާ ރައްޔިތުން ވެސް އެ ތަކެތި ޖަލްސާ އޮންނަ ދުވަހު އަސްމާއްތަގެ އަތަށް ދިނުމަށް އެ މެސެޖުގައި އެދިފައިވެ އެވެ.

މާފަންނު މެދު ދާއިރާގެ ވީހާވެސް ގިނަ ރައްޔިތުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެ މެސެޖުގައި އެދިފައިވެ އެވެ.

މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ނިންމަވާފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެމަނިކުފާނު ވަނީ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ރޭ ވަނީ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ދެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި ރައްޔިތުން ވަނީ ބޯހިޔާވަހިކަމާއި އެ ނޫން ވެސް އެހެން ބައެއް ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ނަމަވެސް، އޭގެތެރެއިން ގިނަ ކަންކަމަށް ސީދާ ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.