26 ނޮވެންބަރު 2025 - 13:07 0
ލީވާން އަލީ ނާސިރު
އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް
26 ނޮވެންބަރު 2025 - 13:07 0
ޗާނދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލުމަށްފަހު އެތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ތަރައްގީކުރަން ސަރުކާރުން ވިސްނާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަން ޕަބްލިކް ވޯކްސް އިން ތައްޔާރުވަމުންދާއިރު އެތަނުގައި ޕާކިން ޒޯނެއްގެ އިތުރުން ޕާކެއް ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.
ނަމަވެސް އެތަން ތަރައްގީ ކުރުމުގައި ރައްޔިތުންގެ ހިޔާލު ވެސް ބޭނުންވާ ކަމަށާއި ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް އެތަން ތަރައްގީ ކުރަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެތަނުގައި [އަރަބިއްޔާގެ ކުރީގެ އިމާރާތް] އެންމެ ފުޅާކޮށް ނޫނީ އެންމެ ބޮޑު ސަރަހައްދެއް ޕާކިންއަށް ސައިކަލު ފަދަ ޕާކިންއަށް ބޭނުން ކުރެވޭނެ ގޮތަކަށް ކަންކަން ކަނޑައެޅުމުގެ އިތުރަށް ރެއިޒްޑް ލެވެލްއެއްގައި ޕާކިންގެ އިތުރަށް ރެއިޒްޑް ލެވެލްއެއްގައި ޕާކެއް ކުޑަކުދިން ނޫނިއްޔާ މި ސްކޫލްތަކަށް އަންނަ ކުދިންނާއި ބެލެނިވެރިންނަށް ވެސް ބޭނުން ކުރެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި ބޭނުން ހިފޭ ކަހަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްގީކުރުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބޭނުންވީ ކުރީގެ އަރަބިއްޔާ ތަޅާލުމަށްފަހު ހަލުއި ސްޕީޑުގައި އެ ބިމުގައި ތަރައްގީގެ މަޝްރޫއެއް ހިންގައި، ކުރިއަށް އޮތް ރޯދަ މަހަށް ޕްރޮޖެކްޓު ނިންމަން ކަމަށެވެ. އެކަމަކު މުއިއްޒު ވިދާޅުވީ އެތަނުގައި ބޮޑު މަޝްރޫއެއް ހިންގާނަމަ ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.
ކުރީގެ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތަކީ ގާތްގަނޑަކަށް 11،000 އަކަ ފޫޓުގެ ބިމެކެވެ. މީގެ ކުރިން 2013 ވަނަ އަހަރު ބޭނުންކުރަން ފެށި އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނުވާތީ ބޭނުން ކުރުން ހުއްޓާލީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެ އިމާރާތް ތަޅާލަން މުދާ ހުސްކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފަށައިފަ އެވެ.
Comment