24 ނޮވެންބަރު 2025 - 10:16 5
ލީވާން އަލީ ނާސިރު
މިދިޔަ އަހަރު މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އަދަދު
24 ނޮވެންބަރު 2025 - 10:16 5
މަސްވެރިންގެ ދުވަހު ހުޅުމާލެ ކަންނެލި ޖެޓީއަށް ހުރިހާ މަސްވެރިން އެއްވެ އިހުތިޖާޖު ކުރުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފި އެވެ.
ބީކޭއެމްޔޫއިން އަންނަ މަހު 10، ގައި ހުޅުމާލެ ކަންނެލި ޖެޓީއަށް މަސްވެރިން އެއްވަނީ "ދެން ނުވާނެ، ދެން ނުފުރޭނެ" ނަމުގަ އެވެ.
ބީކޭއެމްޔޫއިން ވަނީ މަސްވެެރިންނަށް ވެފައިވާ ވައުދުތައް ލަސްނުކޮށް މިހާރުން މިހާރަށް ފުއްދުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
މީގެއިތުރުން ބޭކާރު އެތައް ހަރަދެއް ދައުލަތުން ކުރަމުން ދާއިރު އަލަށް ފާސްކުރާ ދައުލަތުގެ ބަޖެޓްގައި މަސްވެރިންނަށް ވީ ވައުދު ފުއްދަން ފައިސާ ހިމެނުމަށް ވެސް ބީކޭއެމްޔޫއިން ގޮވާލި އެވެ.
ކަންނެލި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ނުލިބޭކަން ފާހަގަކޮށް ބީކޭއެމްޔޫއިން ބުނާ ގޮތުގައި މިހާރުވެސް ދޯނިފަހަރަށް ސަރުކާރުން ދޭން ޖެހޭ އެތައް ލައްކަ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.
ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާކޮށްފައިވެ އެވެ. އެފަހަރު ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާކުރި އޮޑިދޯނިފަހަރު މާލޭ ފަޅުތެރެއަށް އައިސް މުޒާހަރާކޮށްފައިވެ އެވެ.
މާލޭ ފަޅުގައި މަސްވެރިން ކުރި މުޒާހަރާ ނިންމާލީ މަސްވެރިން ކުރި ބައެއް ޑިމާންޑުތައް ފުއްދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމާ ގުޅިގެންނެވެ.
Comment