Advertisement

އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވައިފި

23 ނޮވެންބަރު 2025 - 22:12 7

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު، އެ ޕާޓީގެ ރައީސް ޝާހިދު އަދި ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ނާޒިލު -- ފޮޓޯ: އަދަދު


އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވައިފި

23 ނޮވެންބަރު 2025 - 22:12 7

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒް އިސްމާއީލް ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

މިހާރު ކުރިއަށްދާ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވިކަން އިއުލާނުކުރައްވާފައިވާއިރު، އިސްތިއުފާގެ ސިޓީގެ ކޮޕީއެއް 'އަދަދު' ނޫހަށް ލިބިފައި ވެ އެވެ.

ސިޓީގައި ވިދާޅުވެފައިވާ ގޮތުން މަގާމުން އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވެފައި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށެވެ. މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން، މި ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު މި ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރަމެވެ. ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެ އެވެ. މި ޖާގަ ހުޅުވާލުމަށްޓަކައި މި ވަގުތުން ފެށިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." ސިޓީގައި ފައްޔާޒު ވިދާޅުވެފައި ވެ އެވެ.

ސިޓީގައި އޭނާ އިތުރަށް ވިދާޅުވީ، އޭނާ ޗެއާޕާސަންކަމާ ހަވާލުވި ފަހުން ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށެވެ. އޭރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ރައީސް ނަޝީދާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮތްކަން ފައްޔާޒުގެ ސިޓީގައި ފާހަގަކުރި އެވެ. މި ނުތަނަވަސްކަމަށް ހައްލު ހޯދުމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް 2022 ވަނަ އަހަރު ބޭއްވުނު ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެވުނު ކަމަށާއި، އެ ކޮންގްރެސް ނިންމާލީ ދެފަރާތުން ވެސް ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ ނިޔަތާއި އެއްބަސްވުމާއި އެކުގައި ކަމަށެވެ.

އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ވެސް ވާދަ ކުރައްވާނޭކަމަށް އިޝާރާތްކުރެއްވުމުން، އެއީ ޕާޓީ ބައިބައިވުމަށް މެދުވެރިވެދާނޭ ކަމެއް ކަމަށް އިހުސާސުވި ކަމަށާއި، އަދި އެއީ ޕާޓީއާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަވި ކަމަށް ސިޓީގައި ފައްޔާޒު ވިދާޅުވެފައި ވެ އެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެމަނިކުފާނުގެ ޓީމާއެކު ފަސް ފަހަރު ބައްދަލުކުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ނަޝީދުގެ ޓީމުން ހުށަހެޅީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރުމަށާއި، އެކަމުގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށާއި، އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށެވެ. ނަމަވެސް އެކަމުގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ހުއްޓާލީ ކަމަށެވެ.

އޭގެ ފަހުން ސޯލިހުގެ ހުށަހެޅުންތަކާއެކު ނަޝީދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުން އެއްބަސްވުމަކަށް އާދެވުނު ކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. އެފަހަރު އެއްބަސްވެވުނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ސޯލިހު ވާދަކުރެއްވުމަށާއި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރިޔާސީ އިންތިހާބުގެ ކުރިން ވޯޓެއް ނެގުމަށާއި އެ ވޯޓުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށެވެ.

މި ޝަރުތުތަކަށް ދެފަރާތުން އެއްބަސްވުމުން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހުނުކަމަށާއި ޕާޓީގެ އެއްބައިވަންތަކަމާއި ބާރުވެރިކަން އަލުން އާރާސްތުކޮށް އިންތިހާބު ކާމިޔާބުކުރެވޭނޭ ކަމުގެ އުއްމީދު އާވެގެން ދިޔަކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވި އެވެ.

އެހެންނަމަވެސް މި ޝަރުތުތަކަށް އެއްބަސްވުމަށްފަހު ވެސް އޭގެ ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ގަބޫލުކުރެވުނީ ރައީސް ނަޝީދާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިއުމަށް ކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. ނަތީޖާއެއްގެ ގޮތުން ޕްރައިމަރީގައި އެ ދެބޭފުޅުން ވެސް ވާދަކުރެއްވީ އެވެ.

"އެ ޕްރައިމަރީ ނިމުނުއިރު އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހީ މަސައްކަތުގައި ދުވަސް ހޭދަކުރި ރަހުމަތްތެރިންނާ މޫނު ކެނޑި، އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލި ދިޔައީ އެވެ" ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

2022 ގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އަދި އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: އަދަދު


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވީއިރު ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށް ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވި އެވެ. އެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން އުފައްދާ ކޯލިޝަނަކުން ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ކޮންމެ ގޮނޑިއެއްވެސް ނާކާމިޔާބުވެފައި އޮތީ ވަރަށް ކުޑަ ފަރަގަކުން ކަމަށް ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެކުގައި ކުރިއަށް ދެވުނު ނަމަ އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޕާޓީގެ ހުރިހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވުމުގައި ދެމިހުންނަވާނޭ ކަމަށް ކަމުގެ ޔަގީންކަން ދެއްވާކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.