ވޯލްޑް އޮބެސިޓީ ފެޑެރޭޝަންގެ ހިސާބުތައް ބުނާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އާބާދީގެ ތެރެއިން ތިން ބިލިއަން މީހުންނަކީ ފަލަ މީހުންނެވެ. މާނައަކީ އުމުރާއި އިސްކޮޅާ ނުގުޅޭ މިންވަރަށް ހަށިގަނޑު ފަލަވެ ބަރުވެފައިވާ މީހުންނެވެ.
ހަށިގަނޑުގައި ސަރުބީ ޖަހައި މީހާ ފަލަވުމަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި އެތައް ބައްޔެއް ޖެހުމަށް މެދުވެރިވާ ކަމެކެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބާވަތަކީ ހިތުގެ ބަލިތަކެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ، އާދަޔާ ހިލާފަށް ފަލަ މީހުންނަށެވެ.
ފަލަ ބަލި ނުވަތަ އޮބެސިޓީއާ ދެކޮޅަށް އެތައް ބަޔަކު ބުރަ މަސައްކަތްތަކެއް ކޮށް ހަށިގަނޑު ލުއި ކުރަމުން އަންނަ އިރު، އެކަމަށް އެހީތެރިވުމަށް ސައެންސްވެރިން ކުރާ މަސައްކަތް ވެސް މަދެއް ނޫނެވެ. އެކަމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ ބޭސްތައް އެދަނީ އަތުފަތު ނުޖެހިއެވެ. އަލަށް ބޭހެއް އުފައްދައި އޭގެ ނަތީޖާ ރަނގަޅުވެއްޖެ ނަމަ، އެ ބޭހަކަށް އޮންނަ ޑިމާންޑް ބޮޑުވެއެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އުފައްދާފައި ހުރި ބޭސްތައް ބޭނުންކުރާ މިންވަރު ދެނެގަތުމަށް 2024 ވަނަ އަހަރު ސައެންސްވެރިން ކުރި ދިރާސާއެއްގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި، ބޮޑެތި މީހުންގެ އުމުރު ފުރާގެ ކޮންމެ އަށް މީހަކު އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، މި ޒާތުގެ ބޭހެއް ބޭނުންކުރި ނުވަތަ ކުރާ މީހުންނެވެ.
އެމީހުން އާންމު ގޮތެއްގައި ބޭނުންކުރަނީ، ޓައިޕް-2 ގެ ހަކުރުބަލީ މީހުންނާއި ހަށިގަނޑު ފަލަ މީހުން ބޭނުންކުރުމަށް އުފައްދާފައި ހުރި ޖީއެލްޕީ-1 ގިންތީގެ ބޭސްތަކެވެ. ނަމަވެސް މި ގިންތީގެ ބޭސްތައް ބޭނުންކުރާ ކޮންމެ މީހެއްގެ ހަށިގަނޑު ލުޔެއް ނުވެއެވެ. މީގެ ކުރިން ހެދި ދިރާސާތަކުން އެނގުނު ގޮތުގައި މި ގިންތީގެ ބޭސް ބޭނުންކުރާ މީހުންގެ 17 ޕަސެންޓް މީހުންނަކީ، މި ބޭހުން ހަށިގަނޑަށް އެނގުމެއް ނުވާ މީހުންނެވެ.
މިއާ ހިލާފަށް، އެމެރިކާގެ އެލި ލިލީ އެންޑް ކޮމްޕެނީގެ ފަރާތުން އަލަށް އުފައްދައި މިހާރު އަޖުމަބެލުމުގެ މަރުހަލާގައި އޮތް، އެލޮރާލިންޓައިޑް ކިޔާ ބޭހަކީ، ފަލަ މީހުންނަށް އޮތް އުންމީދީ ހައްލެއް ކަމަށް ބެލިދާނެއެވެ. ޖީއެލްޕީ-1 ގިންތީގެ ބޭސްތައް ފަދައިން އެލޮރާލިންޓައިޑް އަކީ ވެސް، ހަފުތާއަކު އެއް ފަހަރު ބޭނުންކުރުމަށް އުފައްދާފައިވާ، އިންޖެކްޝަނެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.
ކާއެއްޗެއް ކެއުމުން، ޕެންކްރިއާސްގެ ސެލްތަކުން އެމީލިން ކިޔާ ހޯމޯނެއް ހަށިގަނޑުގެ ތެރެއަށް ދޫކުރެއެވެ. އަލަށް މި އުފެއްދި އެލޮރާލިންޓައިޑް އަކީ ވެސް، އެމިލީން ފަދައިން މަސައްކަތްކުރާ އެއްޗެކެވެ. އެލޮރާލިންޓައިޑްގެ މަސައްކަތަކީ، ކެއުމަށް ބޭނުންވާ ބޭނުންވުމުގެ އިހްސާސް ސިކުނޑީގެ ތެރޭގައި ވަކި ހަމައެއްގެ ތެރޭގައި ހިފެހެއްޓުމެވެ. އޭގެ އިތުރުން، މައިދާގެ ތެރެއިން ހިމަ ގޮހޮރަށް ކާތަކެތި ފޮނުވުން ލަސްކުރުމެވެ. މި ބަދަލުތަކަކީ، ކާތަކެތިން ހަށިގަނޑަށް ހަކަތަ އުފައްދައިދިނުމަށް އެހީއަކަށްވެއެވެ.
އެލޮރާލިންޓައިޑްގެ އިންޖެކްޝަނެއް ޖެހުމުން، ސިކުނޑީގެ ތެރޭގައި އުފެދޭ މި އިހްސާސްތަކުގެ ސަބަބުން، ކާތަކެތި ހަޖަމުކުރުމާއި ކާތަކެތިން ހަކަތަ އުފެއްދުމަށް މިއަންނަ ބަދަލުތަކަކީ، ހަށިގަނޑު ފަލަވުމާ ދެކޮޅަށް ބޭނުންކުރެވިދާނެ ރަނގަޅު ފަރުވާއެއް ކަމަށް ސައެންސްވެރިން ދެކެއެވެ.
މި ބޭހުގެ އަޖުމަ ބެލުމަށް ކުރި މަސައްކަތުގެ ދެ ވަނަ ފިޔަވަހީގައި، ބޮޑެތި މީހުންގެ އުމުރުފުރާގެ ތެރެއިން ފަލަ 263 މީހަކު ބައިވެރިކޮށް، އޭގެ ތެރެއިން ބައެއް މީހުންނަށް، އެލޮރާލިންޓައިޑްގެ އިންޖެކްޝަން ދިނެވެ. އަދި އަނެއް ބަޔަކަށް، އިންޖެކްޝަނެއްގެ ގޮތަށް ހަދާފައިވާ ހުސް ފެންފޮދެއް ދިނެވެ. ނަމަވެސް ތިމާގެ ގަޔަށް ޖެހީ އަސްލު އިންޖެކްޝަނެއް ކަން ނުވަތަ އަސްލެއް ނެތް ފެން ފޮދެއްކަން، އެއިގެ ތެރެއިން އެއްވެސް މީހަކަށް ނޭނގެއެވެ.
މި އިންޖެކްޝަން ދިނުމަށް ފަހު 48 ހަފުތާ ފަހުން ބެލި ބެލުމުން އެނގުނީ އެލޮރާލިންޓައިޑްގެ އަސްލު އިންޖެކްޝަން ޖެހި މީހުންގެ ބަރުދަނުން 9-20 ޕަސެންޓް ދަށްވި ކަމެވެ. އަސްލު ނޫން އިންޖެކްޝަން ޖެހި މީހުންގެ ހަށިގަނޑުން ލުއިވީ އެންމެ 0.4 ޕަސެންޓެވެ.
ސައެންސްވެރިން ބުނާ ގޮތުގައި އެންމެ 48 ހަފުތާއިން މިވަރުގެ ރަނގަޅު ނަތީޖާއެއް ފެނުމުން، އެއަށް ވުރެ ދިގު މުއްދަތަކަށް މި އިންޖެކްޝަން ބޭނުންކުރުމުން، މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެއެވެ. މީގެ އިތުރުން، ހަށިގަނޑު ބަރުވުމާ ގުޅިގެން ކުރިމަތިވާ ސިއްހީ އެހެން މައްސަލަތައް ކަމަށްވާ، ހައިޕާޓެންޝަން، ހައިޕާލިޕިޑީމިއާ، އޮސްޓިއޯއާތުރައިޓިސް، ސްލީޕްއެޕްނިއާ ފަދަ މައްސަލަތައް ތަހައްމަލު ކުރާ މީހުންނަށް ވެސް ހެޔޮ ނަތީޖާއެއް ފެނުނެވެ.
Comment