Advertisement

ބިމާ ބެހޭ މައްސަލައެއް ތާވަލު ކުރުމުން ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ޕީއެންސީން ބޮއިކޮޓުކޮށް ކޯރަމް ހަމަވިޔަނުދިން!

19 ނޮވެންބަރު 2025 - 21:19 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ބިމާ ބެހޭ މައްސަލައެއް ތާވަލު ކުރުމުން ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ޕީއެންސީން ބޮއިކޮޓުކޮށް ކޯރަމް ހަމަވިޔަނުދިން!

19 ނޮވެންބަރު 2025 - 21:19 1

ވިލިމާލޭގެ ކޮމާޝަލް ބިންތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ހިއްސާކޮށް ގޮތެއް ނިންމުމުގެ މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކުރުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.

ވިލިމާލޭގެ ކޮމާޝަލް ބިންތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ހިއްސާކޮށް ގޮތެއް ނިންމުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު އެވެ.

މިއީ ބިމާބެހޭ މައްސަލައެއް ތާވަލުކުރުމުން ކޯރަމް ހަމަނުވެގެން މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއް ކެންސަލް ކުރަންޖެހުނު ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ވެސް މާލެ މަސްމާރުކޭޓުގެ މައްސަލަ ތާވަލުކުރި ތިން ޖަލްސާއެއް ވަނީ ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކޮށް ކެންސަލް ކުރުވައިފަ އެވެ.

އެކަމާ ގުޅޭގޮތުން ކައުންސިލަރު ސައިފް ވިދާޅުވީ ޕީއެންސީގެ މެންބަރުން ބޮއިކޮޓު ކުރުމުން ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނޯންނަ ކަމަށާއި ބިމާބެހޭ މައްސަލައެއް ތާވަލުކޮށްފި ނަމަ މި ނޫން ގޮތެއް ނުވާ ކަމަށެވެ.

މިއަދުގެ އެޖެންޑާގައި އޮތީ ޖުމުލަ ނުވަ ކަމެކެވެ. އޭގެތެރޭގައި ހިމެނެނީ ވެހިކަލް ކެރީން ކެޕޭސިޓީ ސްޓަޑީގައި ޓްރެފިކް ހާލަތު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ގޮތެއް ނިންމުމާއި މާލޭގެ ލޮނިޒިޔާރަތްކޮޅުން ސާފިން ސްޓޭޑިއަމް ހެދުމަށް ދޫކޮށްފައިވާ ބިމަށް 3975 އަކަފޫޓު އިތުރު ކޮށްދިނުމަށް ހައުސިން މިނިސްޓްރީން އެދިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމެވެ.

އޭގެއިތުރުން މާލޭގެ މަގުތަކުން ހަތަރުފޮރުޅުލީ އުޅަނދުތަކަށް ދޫކޮށްފައިވާ ބިންތައް ފިޔަވައި ޕާކިންއަށް ދޫކޮށްފައިވާ އެހެން ބިންތަކުގެ މުއްދަތު ހަމަވާތީ އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމާއި އަލަށް އިއުލާނުކުރި މުސާރައާ ބެހޭ އޮނިގަނޑާ ގުޅިގެން ކައުންސިލުގެ މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ގޮތެއް ނިންމުން ވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތެވެ.