19 ނޮވެންބަރު 2025 - 10:47 1
މުހައްމަދު ޝަހްޒާން
އަބްދުއްރަހްމާން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން. މުހައްމަދު ވިސާމް (ކ) އަހުމަދު ފާރިސް (މ) އަހުމަދު އާޝިދު (ވ) -- ފޮޓޯ: އަދަދު
19 ނޮވެންބަރު 2025 - 10:47 1
އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި އެ ރަށު އަބްދުއްރަހުމާން އާދަމް އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް އާއި މުހައްމަދު ވިސާމް، ލިލީފެހި، އއ. މާޅޮސް އަދި އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް އެވެ. ވިޝާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އާޝިދުގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ. ދެން ތިބި ދެމީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ ނޮވެމްބަރު 18، ގައި ކަމަށް ޕީޖީން ބުންޏެވެ.
އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ މާޅޮހު މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައި ޖުލައި 13، ގަ އެވެ. އެ ގެއަކީ އަބްދުއްރަހްމާނުގެ އަންހެނުން، ނާޒިމާ އިބްރާހިމްގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާނުގެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހްމާން އަކީ މާޅޮހުގައި އާންމުކޮށް ދިރިއުޅޭ މީހެއް ނޫނެވެ. އޭނާ ހުންނަނީ އެ އަތޮޅުގައި އުކުޅަހުގައި އެ ރަށު ދޯންޏަކުން މަހަށް ދާށެވެ. މާޅޮހަށް އެނާ ދިޔައީ ދަތުރެއްގައި އޭނާގެ ދަރިފުޅު، ނިމާލް ރާއްޖެއިން ބޭރަށް ދާން ޖެހުމުންނެވެ.
އެ މަރާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ. އަބްދުއްރަހުމާނު ދިރިއުނު ގެ ކައިރީ ބޮޑު ސަރަހައްދަކާއި މޫދު ވެސް ފުލުހުން ބަލައި ފާސް ކުރި އެވެ. އަދި ފޮރެންސިކް ހެކި ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރި އެވެ.
Comment