Advertisement

ރޭގަނޑު އަނދިރިކަމުގައި ލެއްވީ ވެސް މަގްސަދަކަށްޓަކައި

18 ނޮވެންބަރު 2025 - 12:06 0


ރޭގަނޑު އަނދިރިކަމުގައި ލެއްވީ ވެސް މަގްސަދަކަށްޓަކައި

18 ނޮވެންބަރު 2025 - 12:06 0

ދުވާލުގެ އަލިކަމުގައި އަވަދިނެތި މަސައްކަތް ކޮށް ދިރިއުޅުން އާރާސްތުކުރާށެވެ. ރޭގަނޑުގެ އަނދިރީގައި ނިދައި އަރާމުކޮށް އަނެއް ދުވަހުގެ މަސައްކަތަށް ހަށިގަނޑު ތައްޔާރުކުރާށެވެ. މިއީ އިންސާނުން ދިރިއުޅުމަށް ކަނޑައެޅިފައިވާ ގުދުރަތީ ގާނޫނުތަކެވެ. މި ގާނޫނުތަކާ ހިލާފުވެގަތުމުން، ހުރިހާ ގޮތަކުން ވެސް އިންސާނާ ތަޖުރިބާ ކުރަންޖެހެނީ ގެއްލުންތަކެވެ.

ދާދި ފަހުން ސައެންސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ރޭގަނޑުގެ ވަގުތުގައި ސިނާއީ އަލިތަކުގެ ތެރޭގައި އުޅުމަކީ، ސިކުނޑީގައި ހާސްކަމާއި ނުތަނަވަސްކަން (ސްޓްރެސް) އުފެދި، ލޭ ހޮޅިތަކުގައި ދުޅަތައް އުފެދުމަށް މެދުވެރިވާ ސަބަބެކެވެ. ނަތީޖާއަކަށްވަނީ ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ އިތުރުވުމެވެ. ސައެންސްވެރިން ބުނާ ގޮތުގައި ރޭގަނޑުގެ ވަގުތުގައި މަޑު އައްޔެއްގެ ތެރޭގައި އުޅުނަސް، ދިގު މުއްދަތަކަށް ހިތުގެ ބަލިތަކާ ކުރިމަތިލާންޖެހިދާނެއެވެ.

ރޭގަނޑު ސިނާއީ އަލިތަކަށް އެމީހަކު ހުށަހެޅޭ މިންވަރު އިތުރުވި ވަރަކަށް، ސިކުނޑީގައި ސްޓްރެސްގެ ހަރަކާތްތައް ހިނގާ މިންވަރު އިތުރުވެއެވެ. ހަމަ އެ ގޮތަށް، ލޭ ހޮޅިތަކުގައި ދުޅައެއް އުފެދުމުގެ ނުރައްކާ ވެސް ބޮޑުވެއެވެ. މި ދެ ކަންތަކަކީ ވެސް، ހިތުގެ ބަލިތަކަށް މީހާ ގެންގޮސްދޭނެ ކަންކަމެވެ.

މި މަހުގެ 7 ން 10 އަށް ނިއު އޯރްލީންސްގައި ބޭއްވި، އެމެރިކަން ހާޓް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ ސައެންޓިފިކް ސެޝަންއަށް ހުށަހަޅައި ބަހުސްކޮށްފައިވާ ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ރޭގަނޑުގެ ވަގުތުގައި ސިނާއީ އަލިތަކުގެ ތެރޭގައި އުޅުމަކީ، މިހާރުގެ ވަރަށް މަދު މުޖްތަމައެއްގައި ނޫނީ އާންމު ކަމެކެވެ. އެފަދަ އަލިތައް ނެތީ، ފަގީރު ސަރަހައްދުތަކުގައެވެ.

"އަހަރެމެންނަށް ކުރިން ވެސް އެނގޭ އެއް ކަމަކީ، ވައި ނުސާފުވުމާއި އަޑުތައް ގަދަވުން ފަދަ ވެށީގެ ބައެއް ކަންކަމާ ގުޅިގެން، ކުރިމަތިވާ ސްޓްރެސްގެ އުނދަގޫތަކުގެ ސަބަބުން، އަހަރެމެންގެ ލޭހޮޅިތަކަށާއި ލޭ ނާރުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ ނަތީޖާއެއް ގޮތުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާކަން. އަލިތަކުން ރޭގަނޑުގެ މާހައުލު ތަގައްޔަރުވުމަކީ ވަރަށް އާންމު ކަމެއް. ނަމަވެސް އެކަމުގެ ސަބަބުން އަހަރެމެންގެ ހިތްތަކަށް ކުރާ އަސަރާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް މިހާތަނަކަށް ނޭނގޭ،" މި ދިރާސާގެ އިސް ސައެންސްވެރިޔާ، ހާވާޑް މެޑިކަލް ސްކޫލްގެ އިންސްޓްރަކްޓާ ޝަދީ އަބޫހާޝިމް ވިދާޅުވިއެވެ.

މި ދިރާސާ ހަދާފައިވަނީ ބޮސްޓަންގެ 450 މީހަކު ބައިވެރިކޮށްގެންނެވެ. މި މީހުންނަކީ ހިތުގެ އެއްވެސް ބައްޔެއް އަދި އެއްވެސް ބާވަތެއްގެ ކެންސަރު ބައްޔެއް ނުޖެހި ތިބި މީހުންނެވެ. މި ދިރާސާ ކުރީ އެމީހުންގެ ބޮލުގެ ކޮމްޕިއުޓެޑް ޓޮމޮގްރަފީ (ސީޓީ) ސްކޭން އާއި ޕޮސިޓްރޯން އެމިޝަން ޓޮމޮގްރަފީ (ޕީއީޓީ) ސްކޭން ހަދައި، ދެ ބާވަތުގެ ސްކޭން އަޅައި ކިޔައިގެންނެވެ.

މީގެ ތެރެއިން ސީޓީ ސްކޭނުން ފެންނާނީ ބޮލުގެ އެތެރޭގެ ބައިތައް އުފެދި އެކުލެވިފައިވާ ގޮތުގެ ތަފްސީލީ ކުރެހުމެކެވެ. ޕީއީޓީ ސްކޭނުން ފެންނާނީ، ބޮލުގެ ޓިޝޫތަކުގެ މެޓަބޮލިކް ހަރަކާތްތަކެވެ. މި ދެ ބާވަތުގެ ސްކޭން އެއްކޮށްލައިގެން ހަދާ ސްކޭނަކުން، ސިކުނޑީގައި ސްޓްރެސްގެ ހަރަކާތްތައް ހުންނަ މިންވަރު ވަޒަންކުރެވި، ލޭހޮޅިތަކުގައި ދުޅަތައް އުފެދިފައިވާ މިންވަރު ވެސް ދެނެގަނެވޭނެއެވެ.

މި ނުރައްކާތަކުން ދުރުހެލިވުމަށްޓަކައި މި ދިރާސާގެ ސައެންސްވެރިން ލަފާ ދެއްވަނީ، އާންމު މަގުތަކާއި އާންމު ތަންތަކުގައި ރޭގަނޑު ދިއްލާފައި ހުންނަ ބޭކާރު ދިއްލުންތައް ނިއްވައިލުމަށެވެ. މަގުބައްތިތައް ވެސް، އޭގެ އަލިކަން ސީދާ މީހުންގެ ގަޔަށް ނުފޯރާ ގޮތަށް ހުރަހެއް ހަރުކޮށްފައި ބެހެއްޓުމަށް، ނުވަތަ މޯޝަން ސެންސަރު ހަރުކޮށްފައި ބެހެއްޓުމަށެވެ.

މި ހަގީގަތްތައް މިހެން ހުރުމުން، ގޭތެރޭގައި ދިއްލާ ދިއްލުންތައް މަދުކުރުމަކީ ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ ކަމެކެވެ. އެހެންކަމުން، ގޭތެރޭގައި ސިނާއީ އަލިތައް އުފައްދާ އާލާތްތައް ކަމަށްވާ، ޓީވީ އާއި ސްމާޓް ފޯނު ފަދަ ތަކެތި ވެސް ރޭގަނޑުގެ ވަގުތުގައި ބޭނުން ނުކުރުމަށް ސައެންސްވެރިން އިރުޝާދު ދެއެވެ. ނިދަން ވެސް އެންމެ ރަނގަޅީ ކޮޓަރި އެއްކޮށް ނިވާލައި އަނދިރީގައެވެ.