Advertisement

މުސްކުޅިވުން ލަސްކޮށްދޭ ސެލްއެއް ދެނެގަނެވިއްޖެ

18 ނޮވެންބަރު 2025 - 10:16 0


މުސްކުޅިވުން ލަސްކޮށްދޭ ސެލްއެއް ދެނެގަނެވިއްޖެ

18 ނޮވެންބަރު 2025 - 10:16 0

އިންސާނާގެ ހަށިގަނޑު މުސްކުޅިވާ އުމުރުފުރާ ދޭދޭ މީހުންގެ ތަފާތެވެ. ބައެއް މީހުންގެ ހަށިގަނޑުން މުސްކުޅިކަމުގެ އަލާމާތްތައް ވަރަށް އަވަހަށް ފެންނައިރު، އަނެއް ބަޔަކު އުމުރު މަތިވެގެން ދާއިރު ވެސް، ޒުވާންކަން މަތީގައި ދެމިތިބެއެވެ. އެކަމުގެ ސަބަބާމެދު އެކި މީހުން އެކި ގޮތަށް ވާހަކަ ދެއްކިޔަސް، އެކަމުގެ ހަގީގީ ސަބަބަކީ ކޮބައިކަމެއް އަދި މިހާތަނަކަށް ނުހޯދެއެވެ.

އެހެން ނަމަވެސް، އިޒްރޭލުގެ ޔުނިވަސިޓީ އޮފް ބެން-ގޫރިއޯންގެ ޕްރޮފެސަރު އެލޮން މޮންސޮނީގޯ ވިދާޅުވާ ގޮތުގައި އިންސާނާ މުސްކުޅިވުން ލަސްކޮށްދިނުމަށް އެހީވެދޭ ސެލްއެއް މިހާރު ވަނީ ފާހަގަކުރެވިފައެވެ. އެއީ ޓީ ހެލްޕާ ލިމްފޮސައިޓްސް ކިޔާ ވައިޓް ބްލަޑް ސެލްގެ ބާވަތެކެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ހިންގައި ބަލަހައްޓައިދޭ ސެލްތަކެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ޓީ ހެލްޕާ ލިމްފޮސައިޓްސް ސެލްއަކީ ބީރައްޓެހި ޖަރާސީމުތަކާއި ބެކްޓީރިއާތަކާއި ވައިރަސްތައް ހަށިގަނޑަށް ދޭ ގެއްލުންތަކުން ހަށިގަނޑު ސަލާމަތްކޮށްދީ ދިފާއުކުރުން ކަމަށް ވިޔަސް، އިންސާނާގެ އުމުރު ވަކި ވަރަކަށް މަތިވުމުން، މި ސެލްތަކުގެ މަސައްކަތްތަކަށް ބަދަލުތަކެއް އާދެއެވެ. މި ބަދަލުތަކުން އިންސާނާގެ ބަޔޮލޮޖިކަލް އުމުރު ދެނެގަނެވެއެވެ. މީހާގެ ބަޔޮލޮޖިކަލް އުމުރާއި ކްރޮނޮލޮޖިކަލް އުމުރު ތަފާތުވެދާނެއެވެ.

ކްރޮނޮލޮޖިކަލް އުމުރަކީ، އެމީހަކު ދުނިޔެ އުފަންވާ ހިނދުން ފެށިގެން ގުނަމުން އަންނަ އޭނާގެ އުމުރެވެ. ބަޔޮލޮޖިކަލް އުމުރުގެ ގޮތުގައި ކިޔަނީ އެމީހެއްގެ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތަކުގެ ޖިސްމާނީ އަދި ކުޅެދުންތެރިކަމުގެ ހާލަތެވެ. މީހެއްގެ ބަޔޮލޮޖިކަލް އުމުރު، އެމީހެއްގެ ދުނިޔަވީ އުމުރަށް ވުރެ ދޮށިވެސް ނުވަތަ ހަގުވެސް ވެދާނެއެވެ.

އެކަމުގެ މިސާލަކީ، މީހެއްގެ އުމުރު ވަރަށް މައްޗަށް ގޮސްފައި ހުންނަ އިރުވެސް، އޭނާގެ އެތެރެ ހަށީގެ އެންމެ ނާޒުކު ގުނަވަންތަކަށް މައްސަލައެއް ނުޖެހި ދުޅަހެޔޮކަމުގައި ހުރުމެވެ. ހިތާއި ފުއްޕާމެޔާއި ފުރަމެޔާއި ގުރުދާ ފަދަ ގުނަވަންތައް ފުރިހަމަ ސިއްހަތާއެކު މަސައްކަތް ކުރާނަމަ އޭގެ މާނައަކީ އޭނާގެ ދުނިޔަވީ އުމުރަށް ވުރެ އޭނާގެ ބަޔޮލޮޖިކަލް އުމުރު ހަގުވުމެވެ.

ބެންގޫރިޔަން ޔުނިވަސިޓީގެ މި ހޯދުން ސާފުވެގެން ދިޔައީ، ޖަޕާނުގެ ވަރަށް މުސްކުޅި ބައެއްގެ ސިއްހީ ހާލަތު ވަޒަންކުރުމަށް ހެދި ދިރާސާއެއްގެ ތެރެއިންނެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން 100 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ދުނިޔޭގައި ގަދަވެ ސަލާމަތުން އުޅެފައިވާ މީހުންނެވެ.

މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނާ ގޮތުގައި އެމީހުންގެ އުމުރު އެހާ ހިސާބަށް ދިޔައިރު، އެމީހުންގެ އެމީހުންގެ ދިފާއީ ނިޒާމުގައި ހިމެނޭ ޓީ ހެލްޕާ ސެލްތަކުގެ އަދަދު ހުރީ ވަރަށް ގިނަވެފައެވެ. މި ސެލްތަކަކީ، އެމީހެއްގެ އުމުރާ އެންމެ މުނާސަބު ގޮތަކަށް، އެމީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަމަހައްޓައިދިނުމަށް އެހީވެދޭ ސެލްތަކެކެވެ.

ސައެންސްވެރިން ސިފަކުރާ ގޮތުގައި އުމުރުން ދުވަސްވުމަކީ އެމީހެއްގެ ހަށިގަނޑުގައިވާ ސެލްތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް އިސްލާހުކުރުމުގެ ގާބިލުކަން އެ ސެލްތަކުގެ ކިބައިން މަޑުމަޑުން ދަށްވަމުންދާ ކަމެކެވެ. މި ގޮތަށް ކޮންމެ ސެލްއެއްވެސް އުމުރުން ދުވަސްވެ، އިތުރަށް ބައިބައިވުމުގެ ގާބިލުކަން ނެތުމުން، އެއަށް ސިނޭސެންސް ސެލް ކިޔައެވެ. މިއީ އިތުރު ހަރަކާތެއް ނެތި ގާވެފައި ހުންނަ ސެލްތަކެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި އުމުރުން ދުވަސްވަމުން ދިޔުމާއެކު ހަށިގަނޑުގައި އިތުރުވާ ޓީ ހެލްޕާ ސެލްތަކަކީ، ހަށިގަނޑުގައި ބާކީވެފައި ހުންނަ އެހެން ސެލްތައް (ސިނޭސެންސް ސެލްތައް) މެރުމުގެ ގާބިލުކަން ލިބިގެންވާ ސެލްތަކެކެވެ. ޓީ ހެލްޕާ ސެލްތަކުގެ މަސައްކަތުން، ސިނޭސެންސް ސެލްތައް ހަށިގަނޑުން ބޭރުކޮށްލުމަކީ، އެ ސެލްތަކުން ހަށިގަނޑަށް ލިބޭ އެހެން ގެއްލުންތަކުން ހަށިގަނޑު ސަލާމަތް ކުރެވޭނެ ކަމެކެވެ.

ލެބޯޓެރީގައި މީދަލުގެ ހަށިގަނޑުގައި ޕްރޮފެސަރު މޮންސޮނޭގޯ ކުރި ދިރާސާއިން އެނގުނީ، މީދަލުގެ ހަށިގަނޑުގައި ހުންނަ ޓީ ހެލްޕާ ސެލްތަކުގެ އަދަދު މަދުކޮށްލުމުން، އެސޮރުމެންގެ ހަށިގަނޑު މާ އަވަހަށް މުސްކުޅިވެ، އުމުރު ކުރުވެގެންދާ ކަމެވެ. ތަބީއީ ގޮތުން ހަށިގަނޑުގެ މުސްކުޅިވެ އުމުރުން ދުވަސްވާ ވަރަކަށް، ހަށިގަނޑުގައި އެކުލެވޭ ޓީ ހެލްޕާ ސެލްތަކުގެ އަދަދު އިތުރުވެއެވެ.

އެހެންކަމުން، މި ޓީ ހެލްޕާ ސެލްތަކަކީ، ހަށިގަނޑު މުސްކުޅިވުން ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ސައެންސްވެރިންނަށް ކަށަވަރު ކުރެވެއެވެ.