17 ނޮވެންބަރު 2025 - 13:27 0
17 ނޮވެންބަރު 2025 - 13:27 0
އާންމު ގަބޫލުކުރުމަކީ، ހިތުގެ ބަލިތައް ޖައްސާ މައިގަނޑު ސަބަބަކީ، ހަށިގަނޑުގައި ކޮލެސްޓެރޯލް ގިނަވެ، ލޭގައި ހަކުރު ހުންނަ މިންވަރު ވެސް އާދަޔާ ހިލާފަށް އިތުރުވުމެވެ. މިއީ ވެސް ހިތުގެ ބަލިތައް ޖައްސާ މުހިންމު ސަބަބުތަކެވެ. މީގެ އިތުރުން ވެސް އެހެން ބައެއް ސަބަބުތައް މެދުވެރިވުމުން، ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ.
އޭގެ ތެރެއިން، ސައެންސްވެރިން އެންމެ ފަހުން ދެނެގަނެފައިވާ އެއް ކަމަކީ، އެމީހަކު ނޭވާލާ ވައި ނުސާފުވުމެވެ. އިޓަލީގެ ޔުނިވަސިޓީއެއް ކަމަށްވާ ޕޮލިޓެކްނިކޯ ޑި މިލާނޯގެ ސައެންސްވެރިން ހަދައި، ގްލޯބަލް ޗެލެންޖަސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ވައި ނުސާފުވުމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ބޮޑުކަން މިހާރުވަނީ ކަށަވަރު ކުރެވިފައެވެ.
ސައެންސްވެރިން މި ދިރާސާ ހަދާފައިވަނީ ހޮސްޕިޓަލަށް ނުގެންދެވެނީސް ހާޓް އެޓޭކް ޖެހުނު 37613 މީހެއްގެ ސިއްހީ ހާލަތު ދިރާސާކޮށްގެންނެވެ. މި އެންމެންނަކީ ވެސް 2016 އާއި 2019 ވަނަ އަހަރާ ދެމެދު، ހާޓް އެޓޭކް ޖެހުނު މީހުންނެވެ. މިއިން ކޮންމެ މީހެއްގެ ހާލަތު ވަކިން ދިރާސާކުރުމުގައި، އެމީހުންނަށް ހާޓް އެޓޭކް ޖެހުމުގައި ވައި ނުސާފުވުމުގެ ދައުރު އޮތް މިންވަރު ބެލުމަށް، ވައިގެ ތެރޭގައި ކުނިބުނި އެކުލެވޭ މިންވަރު ވެސް ދިރާސާކުރި އެވެ.
އެ ގޮތުން ކިލަޔާއި ހިރަފުހާއި ދެއްޔާއި ވެލި ފަދަ ކުނިބުނީ (particulate matter ނުވަތަ PM)ގެ 2.5 މައިކްރޯމީޓަރަށް ވުރެ ކުދި އެތިކޮޅުތަކާއި 2.5 މައިކްރޯމީޓަރާއި 10 މައިކްރޯމީޓަރާ ދެމެދުގެ އެތިކޮޅުތައް، އެމީހުން އުޅުނު މާހައުލުގެ ވައިގެ ތެރޭގައި އެކުލެވޭ މިންވަރު ބެލިއެވެ. އޭގެ އިތުރުން ނައިޓްރޮޖަން ޑައިއޮކްސައިޑާއި، އޯޒޯން ގޭހާއި ކާބަން މޮނޮކްސައިޑް އެކުލެވޭ މިންވަރު ވެސް ދިރާސާކޮށް ބެލިއެވެ.
މި މާއްދާތަކުގެ މައުލޫމާތުތައް ހޯދީ ޔޫރަޕިއަން ކޮޕާނިކަސް ޕްރޮގްރާމްގެ ސެޓެލައިޓްތަކުން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކޮށްގެންނެވެ. ވައި ނުސާފުވާ މިންވަރާއި ހާޓް އެޓޭކް ޖެހުމާ ދެމެދު ގުޅުމެއް ވާކަން ނުވަތަ ނުވާކަން ދެނެގަތުމަށް، މި ދިރާސާގައި ބޭނުންކުރީ ސްޕާޓިއޯ-ޓެމްޕޯރަލް ސްޓެޓިސްޓިކަލްގެ ޒަމާނީ މޮޑެލްތަކެވެ.
"އަހަރެމެންނަށް ފާހަގަކުރެވެނީ ނައިޓްރިޖަން ޑައިއޮކްސައިޑާއި، ހާޓް އެޓޭކް ޖެހުމާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮތްކަން. ހަގީގަތުގައި، ކޮންމެ ކޮޑި މީޓަރަކަށް 10 މައިކްރޯގްރާމްގެ ނިސްބަތުން، ވައިގެ ތެރޭގައި ނައިޓްރިޖަން ޑައިއޮކްސައިޑް އެކުލެވޭ މިންވަރު އިތުރުވާ ނަމަ، ކުރިއަށް އޮތް 96 ގަޑިއިރުގެ ތެރޭގައި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ހަތް ޕަސެންޓް އިތުރުވޭ،" މި ދިރާސާގެ އެންމެ އިސް ސައެންސްވެރިޔާ އަދި ޕޮލިޓެކްނިކޯ ޑި މިލާނޯގެ ޑިޕާޓްމަންޓް އޮފް އިލެކްޓްރޯނިކްސް، އިންފޮމޭޝަން އެންޑް ބަޔޯއިންޖިއަރިންގެ ޕްރޮފެސަރު އަމްރޫތާ އުމާކަންޓް މަހާކަލްކާރް ވިދާޅުވިއެވެ.
މީގެ އިތުރުން، ނޭވާލާ ވައިގެ ތެރޭގައި 2.5 މައިކްރޯމީޓަރުގެ ޕީއެމް އެކުލެވޭ ނަމަ، ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ތިން ޕަސެންޓަށް އިތުރުވެއެވެ. އަދި 10 މައިކްރޯމީޓަރުގެ ޕީއެމް އެކުލެވޭ ނަމަ، ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ 2.5 ޕަސެންޓަށް އިތުރުވެއެވެ.
ދިރާސާގައި ބުނެފައިވާ ގޮތުން، ނޭވާލާ ވައި ނުސާފުވުމާއި ހާޓް އެޓޭކް ޖެހުމާ އެންމެ ބޮޑަށް ގުޅިފައިވަނީ، ތަރައްގީވެފައިވާ ސަރަހައްދުތަކުގައި ކަން ފާހަގަކުރެވުނެވެ. އެހެން ނަމަވެސް، ރަށްފުށު ސަރަހައްދުތަކުގައި ވެސް މި ދެ ކަންތަކުގައި އެކަށީގެންވާ ބޮޑު ގުޅުމެއް އެބަ އޮތެވެ.
މީގެ އިތުރުން، ވައި ނުސާފުވުމުން ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ، ހޫނު ދުވަސްވަރު ވަކިން ބޮޑުކަން ވެސް މި ދިރާސާގައި ފާހަގަކުރެވުނެވެ. މި ދިރާސާގެ ބައިވެރިން ބުނާ ގޮތުގައި ނޭވާލާ ވައިގެ ނުސާފުކަމާއި ހާޓް އެޓޭކް ޖެހުމާ ދެމެދުގައިވާ ގުޅުމެއް އޮތް ކަން މިހާ ފާޅުކަން ބޮޑު ގޮތެއެއްގައި އެނގުމަކީ، ސިއްހީ ނިޒާމުގައި އެޅިގެން ދިޔަ ސަމާލުކަމުގެ ރަނގަބީލެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރުމަށް މެދުވެރިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ދެ ވަނައަށް އެންމެ ގިނައިން ބަލިތައް ޖައްސާ މެދުވެރިއަކީ ތަޣައްޔަރުވެފައިވާ ވަޔެވެ. ވައި ނުސާފުމުގެ ސަބަބުން މެދުވެރިވާ ސިއްހީ ތަފާތު ހާލަތްތަކުގައި އަހަރަކު އެތައް މިލިއަން ބަޔަކު މަރުވެއެވެ.
Comment