Advertisement

ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް

17 ނޮވެންބަރު 2025 - 10:39 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އިސްކަން ދޭން އުސޫލުގައި ވަނީ ބަޔާންކޮށްފައި -- ފޮޓޯ: އަދަދު


ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް

17 ނޮވެންބަރު 2025 - 10:39 3

މި ސަރުކާރުން ކުރިއަށްގެންދަ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް ދިނުމަށް އުސޫލުގައި ހިމަނައިފި އެވެ.

ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ބޯހިޔާވެހިކަމަށް އެދި ހުށަހަޅާފައިވާ ޝަރުތު ފުރިހަމަވަ އެޕްލިކަންޓުންގެ ތެރޭގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް އިސްކަން ދޭނެ އެވެ.

ފްލެޓް ދިނުމުގައި އިސްކަންދޭ ފަރާތްތައް:

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • އަލަތު ކައިވެނިކުރާ ފަރާތްތައް / ޒުވާން އާއިލާތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމުވެފައިވާ ފަރާތްތައް
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއިން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް
  • ދިރިއުޅޭނެ ބޯހިޔާވެހިކަމެއް ނެތި މަލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވެހިކަމާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ، ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވެހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް

ފްލެޓަށް ކުރިމަތިލައިގެން އެންމެ ގިނައިން ވެސް ލިބޭނީ 150 ޕޮއިންޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ފްލެޓު ސްކީމަށް ޕޮއިންޓު ދޭއިރު ބަލަނީ:

  • މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
  • އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަން
  • ގޭބިސީގެ ޖުމްލަ އާމްދަނީ
  • އެ އާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށް
  • އާއިލާގެ ހާލަތު (ދަރިންގެ އަދަދު، ނުވަތަ ސިއްހީ ސަބަބަކާ ހެދި ދަރިން ނުލިބޭނަމަ)

މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ. މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.

ފްލެޓަށް އެދި ހުށަހެޅުމަށް ސަރުކާރުން ދެ މޮޑެލްއެއް ގެންގުޅެ އެވެ. އެއް މޮޑެލްއަކީ ބޭންކުތަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ޝަރުތުހަމަވާ، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އެވެ. މިއީ ތަނަވަސް އާއިލާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.

ސަރުކާރުން ފްލެޓް ދިނުމުގައި ގެންގުޅޭ ދެވަނަ މޮޑެލްއަކީ "ރެންޓް-ޓު-އޯން މޮޑެލް" އެވެ. އެ މޮޑެލްގެ ދަށުން ޔުނިޓް ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާދައްކަންޖެހޭނެ އެވެ. އަދި ޔުނިޓުގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވެހިކަން ލިބުނު ފަރާތަށް ޔުނިޓް މިލްކު ކުރެވޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރި 7000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.