Advertisement

ހުރިހާ މާރުކޭޓުތަކެއް އެއްކޮށްލާ ޒަމާނީ މާރުކޭޓު އަޅަން 126 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ހުންނާނެ ގޮތުގެ ނަމޫނާ ކުރެހުމެއް: މި އިމާރާތް އަޅަނީ މަސް މާރުކޭޓު ކުރިމައްޗަށްވާ ގޮތަށް އޮންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައި --- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ


ހުރިހާ މާރުކޭޓުތަކެއް އެއްކޮށްލާ ޒަމާނީ މާރުކޭޓު އަޅަން 126 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، ތާޒާ މަހާއި މޭވާ އާއި ތަރުކާރީ ވެސް ވިއްކޭ ގޮތަށް "ވެޓް މާކެޓް" އެއް ތަރައްގީކުރުމުގެ މަޝްރޫއު، 126 މިލިއަން ރުފިޔާއަށް ޓްރަސްޓެންގް މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފި އެވެ.

"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި ތަރައްގީކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކުރިކަން އިއުލާންކޮށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި ތަން ތަރައްގީކުރަނީ މަސް މާރުކޭޓު ކުރިމައްޗަށްވާ ގޮތަށް އޮންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައި ކަމަށެވެ.

ބޭސްމަންޓާއި ޓެރަސް ހިމަނައިގެން ހަ ފަންގިފިލާ ހުންނަ މި އިމާރާތުގެ ބިމުއަޑީ ފަންގިފިލާ ހާއްސަކުރަނީ ޕާކިންއަށެވެ. އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ މަސް މާރުކޭޓެވެ. މައްޗަށް ދެން ހުރި ތިން ފަންގިފިލާ ހާއްސަކުރަނީ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކަށެވެ. އެންމެ މަތީ ފަންގިފިލާ ހާއްސަކުރަނީ ފުޑް އައުޓްލެޓްތަކަށެވެ.

"ވެޓް މާކެޓް" އަކީ ކޮބާ؟


"ވެޓް މާކެޓް" އަކީ ފަސޭހައިން ހަލާކުވާ ޒާތުގެ ތަކެތި ވިއްކާ ތަނެއް. މި ތަނުގައި ރޯ މަހާއި މޭވާ އާއި ތަރުކާރީ އާއި ނައަމްސޫފި (ކަތިލައިގެން މަސްކައިއުޅޭ ގެރި، ބަކަރި ފަދަ ޖަނަވާރު) ވިއްކަން ހުރޭ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ މާރުކޭޓު ހުންނާނެ ގޮތުގެ ނަމޫނާ ކުރެހުންތައް ވެސް މިއަދު އާންމުކޮށްފަ އެވެ. އިމާރާތުގެ ކުރެހުންތަކުން އެންމެ އަޅައިގަތް އެއް ކަމަކީ އިމާރާތުގެ ބޭރު ފަރުމާ ކުރަން ބޭނުންކުރަން ރާވާފައިވާ މަހެއްގެ ހުޅުނބުތައް ރަމްޒުކޮށްދޭ ޕެނަލްތަކެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް މަޝްރޫއު

  • ކޮންޓްރެކްޓަރު - ޓްރަސްޓެން މޯލްޑިވްސް
  • އަގު - 126,359,594.94ރ.
  • ނިންމަން ޖެހޭ މުއްދަތު - އެއް އަހަރާއި ހަ މަސް

މި ތަނަށް ފަންޑުކުރަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކަމަށް، ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހެންވޭރު ރައްޔިތުންނާ އެކީ ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

މާލެ ވެޓް މާކެޓް ކޮމްޕްލެކްސް މަޝްރޫއު ހަވާލުކުރުން


މަސް މާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެއްކޮށްލައި ލޯކަލް މާރުކޭޓު ހުރި ތަނަށް ބަދަލުކުރުމަކީ، މާލޭ ސިޓީގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނަވައިގެން 2019 ގައި އިއުލާންކުރެއްވި ޕްލޭނެކެވެ. ދެން މާލޭ މޭޔަރަކަށް ވެވަޑައިގެންނެވި މުއިއްޒު ވިސްނެވީ ލޯކަލް މާރުކޭޓުގެ ބަދަލުގައި، މަސް މާރުކޭޓު މި ކޮންސެޕްޓަށް ތަރައްގީކުރާށެވެ.

އެ ގޮތުން އެމަނިކުފާނު މޭޔަރަކަށް ހުންނަވައިގެން ވަނީ، މަސް މާރުކޭޓު ތަރައްގީކުރަން 6.1 މިލިއަން ޑޮލަރު (94 މިލިއަން ރުފިޔާ) އަށް ބަޔަކާ ހަވާލުކޮށްފަ އެވެ. ނަމަވެސް މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުން، މާލޭ މޭޔަރުގެ ގޮނޑި ހުސްވުމާއި މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެވަޑައިގަތުމާ ދޭތެރޭގައި ވަނި މި އެއްބަސްވުން އުވާލާފަ އެވެ.

ދެ ވަނަ އެއްބަސްވުމުގައި އެހެން ބަޔަކާ އެކީ ސޮއިކުރީ، ކުރީގެ އަގަށް 3.5 މިލިއަން ޑޮލަރު (54 މިލިއަން ރުފިޔާ) އިތުރުކޮށް، 9.6 މިލިއަން ޑޮލަރު (146 މިލިއަން ރުފިޔާ) އަށެވެ. މި އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މާލޭ ސިޓީ ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމެވެ.

ނަސީރު ސޮއިކުރެއްވި އެއްބަސްވުމުގައި އޮތީ، އާޒިމް ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމުގެ ޖުމުލަ އަގު، އެއީ 9.6 މިލިއަން ޑޮލަރު ނުދީފި ނަމަ ކޮންޓްރެކްޓަރަށް 25 އަހަރަށް މަސް މާރުކޭޓު ހުރި އިމާރާތާއި ބިން ލިބޭ ގޮތަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި މައްސަލައިގައި ނަސީރު ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށްފަ އެވެ. މިހެން ނަމަވެސް މި ކަން އެޖެންޑާ ކުރާ ކޮންމެ ފަހަރެއްގައި، އެ ކައުންސިލުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ ކައުންސިލަރުން ވަނީ ކައުންސިލް ޖަލްސާގެ ކޯރަމް ގެއްލުވާލާފަ އެވެ. މި މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.