Advertisement

ފައިސާ ޗާޕުކުރުމުގެ މުއާމާލާތަށް ބޭނުންވާ ލިޔުންތަކުގައި ސޮއިކުރަން ޕެންޝަން އޮފީހުގެ މުވައްޒަފުން ދެކޮޅު ހަދަނީ

16 ނޮވެންބަރު 2025 - 17:20 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފައިސާ ޗާޕުކުރުމުގެ މުއާމާލާތަށް ބޭނުންވާ ލިޔުންތަކުގައި ސޮއިކުރަން ޕެންޝަން އޮފީހުގެ މުވައްޒަފުން ދެކޮޅު ހަދަނީ

16 ނޮވެންބަރު 2025 - 17:20 1

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުންތަކުގައި ސޮއިކުރަން އެ އޮފީހުގެ އިސް ބައެއް މުވައްޒަފުން ދެކޮޅު ހަދަމުންދާކަން އެނގިއްޖެ އެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ސަރުކާރުން އަންނަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ފަހަރު ފައިސާ އުފައްދަނީ ޕެންޝަން އޮފީހުން ގަނެފައި ހުރި ބޮންޑުތަކެއް އެމްއެމްއޭއިން ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހުން އަނެއްކާ ވެސް ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓުކޮށްގެންނެވެ. އެ ފައިސާ ޕެންޝަން އޮފީހަށް ލިބުމުން އަލުން ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރުމުން ފައިސާގެ ސަޕްލައި އިތުރުވާނެ އެވެ.

އަދަދު އަށް އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ އެ މުއާމަލާތާ ގުޅޭ ބައެއް ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އެކި ގޮތްގޮތުން އެ އޮފީހުގެ އެންމެ އިސް މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ދަނީ ނުފޫޒު ފޯރުވަމުންނެވެ.

ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން ޕެންޝަން އޮފީހުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. މި ކަމެއް ހިނގަމުން ދަނިކޮށް އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ވެސް ދީފަ އެވެ.

މި ކަމަށް އިހުތިޖާޖުކުރުމުގެ ގޮތުން އޮކްޓޯބަރު 22، ގައި ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނީ ފައިސާ އެވެ.

ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ. އެކަމަކު، އަމިއްލަ ކުންފުނިތަކަށް ނުދެއްކި ފުނިޖެހިފައި ހުރި ބިލްތައް އެ ފައިސާއިން ދޭނެ ކަމަށް ކަމަށް ސަރުކާރުން ބުނެ އެވެ.