Advertisement

ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން 2000ރ. ދޭން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

15 ނޮވެންބަރު 2025 - 16:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން 2000ރ. ދޭން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

15 ނޮވެންބަރު 2025 - 16:45 0

ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު 2000ރ. ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތެލެސީމިއާ ބަލި ތަހައްމަލު ކުރާ މީހުންނަށް 2000ރ. ގެ އެލެވެންސެއް ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

"ތެލެސީމިއާ ކުދިންނަށް 2000ރ. ގެ އެލަވެންސެއް އަޅުގަނޑުމެން މި ކަނޑައެޅީ، 2000ރ. ގެ އެލެވެންސެއް ތެލެސީމިއާ ކުދިންނަށް ކުރިއަށް އޮތް ބަޖެޓުގެ ތެރެއިން ފެށިގެން ލިބެމުން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ތެލެސީމިއާ ބަލި ތަހައްމަލު ކުރާ މީހުންނަށް އެލެވެންސެއް ދޭން ކަނޑައެޅީ އެމީހުންނަށް ހާއްސަ އިސްކަމެއް ދިނުމުގެ ވިސްނުމުގައި ކަމަށެވެ.

ތެލެސީމިއާ ބަލި ތަހަންމަލު ކުރަމުންދާ މީހުންނަށް ކޮންމެ މަހަކު 2000ރ. ގެ އެލެވެންސެއް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަންނަަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެކަމަށް ހާއްސަކޮށް ސަރުކާރުން ހިމަނާފައި ވަނީ 11.7 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މިވަގުތު ތިބީ 982 ތެލެސީމިއާ ޕޭޝަންޓުންނެވެ. އެހެންކަމުން، ބަޖެޓުގައި ހިމަނާފައިވާ 11.7 މިލިއަން ރުފިޔާއިން އެމީހުންނަށް ދެވޭނީ މަހަކު 1000ރ. އެވެ. އަދި 982 މީހުންނަށް މަހަކު 2000ރ. ދޭނަމަ 23.56 މިލިއަން ހަރަދުވާނެ އެވެ.

ތެލެސީމިއާ ބަލި ތަހަންމަލު ކުރާ މީހުންނަށް ކޮންމެ މަހަކު 1000ރ. ގެ އެލެވެންސެއް ދިނުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މީގެ ކުރިން އޮކްޓޯބަރު 21، ގައި ލ. ގަމުގައި ހުންނަވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން އެލެވެންސެއްގެ ގޮތުގައި ދެނީ 1000ރ. ކަމަށެވެ.

މިއީ ތެލަސީމިއާ އެލަވަންސް ބަޖެޓުގައި ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވި ފުރަތަމަ އަހަރެއް ނޫނެވެ.

އެގޮތުން، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ރައީސްގެ ޖަވާބު ސީރީޒްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލެސީމިއާ ހުންނަ ކުދިންނަށް އެލަވަންސް ދޭން ފަށާނެ ކަމަށެވެ.

ނަމަވެސް، މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނައިފާ ނުވުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.