Advertisement

ސިޔާސީ ތާއީދުގައި ބޮޑު ސުވާލު؛ މަށަށް އޮތީ ކޮން ފައިދާއެއް؟

14 ނޮވެންބަރު 2025 - 07:27 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އާޓްވޯކް: އިސްލާއީލް އިމްދާދު/އަދަދު


ސިޔާސީ ތާއީދުގައި ބޮޑު ސުވާލު؛ މަށަށް އޮތީ ކޮން ފައިދާއެއް؟

14 ނޮވެންބަރު 2025 - 07:27 0

ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުންގެ ދެފުށް ދެގޮތް ކަމުގެ ވާހަކައާއި، އަމިއްލަ މަސްލަހަތު އިސްކުރާ ވާހަކަ އަޅުގަނޑުމެން ވަރަށް ފަރިތަކޮށް ދައްކަ އެވެ. މީހަކު ބުނީތީ އަޑުއެހީމެވެ. ސިޔާސީ މީހަކު ކުރާ އެއްވެސް ކަމަކީ ގައުމަށް ލާބައެއް ހޯދައި ދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށްވެސް ކުރާ ކަމެއް ނޫނެވެ. އެވެރިން ކުރަނީ އެ ހިނދަކަށް އެވެރިންގެ މަސްލަހަތަށް މަންފާ ހުރި ސިޔާސީ މަސައްކަތެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ގައުމަށް ވާ ފައިދާއާއި ގެއްލުމަކީ އެ މަސައްކަތުން ނުކުންނަ ނުސީދާ ނަތީޖާ އެވެ.

މިކަހަލަ ވާހަކަތަކުގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުން ބަދުނާމުކުރާއިރު އަޅުގަނޑުމެން އާންމު ރައްޔިތުންގެ ހާލަކީ ކޮބައިބާ އެވެ. އާންމު މީހަކު ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރަނީ ކީއްވެގެން ހެއްޔެވެ؟ ގައުމަށްޓަކައި ހެއްޔެވެ؟ އެ ޕާޓީއަކުން ގެންގުޅޭ ވަކި ސިޔާސަތެއްގެ ރަނގަޅުކަމުން ހެއްޔެވެ؟ ނުވަތަ ޒާތީ ފައިދާއެއް އޮތީމާ ހެއްޔެވެ؟ އެތައް ދަހަރެއްގެ ދިރާސާތަކުން ދައްކާފައި ހުރީ އާންމު ރައްޔިތުން ސިޔާސީ ޕާޓީއަކަށް ކުރާ ތާއީދުގައި މި ހުރިހައި ސަބަބުތަކެއް އެކުލެވޭއިރު، އެ ސަބަބުތަކުގައި ވަރުންއަޅާއިރު ނުބައްދަލު މިންވަރަކަށް ޒާތީ މަސްލަހަތު އިސްކުރެވިފައި ހުންނަ ކަމެވެ. މި ލިޔުމުގައި ބަލައިލާން މިއުޅެނީ ސިޔާސީ ތާއީދުގައި އަމިއްލަ މަސްލަހަތު އިސްކުރެވޭ މިންވަރާއި އެކަމުގެ ސަބަބުތަކުގެ މައްޗަށް ކުރެވިފައިވާ ދިރާސާ ތަކަށެވެ. ޕޮކެޓްބުކް ވޯޓިންގއާއި، ކްލައެންޓެލިޒަމް އާއި ޕެޓްރަނޭޖް، އަދި ސާފު މާލީ މަސްލަހަތަށް 'ތާއީދު ވިއްކުމާ' ގުޅޭގޮތުން ކުރެވިފައި ހުރި ދިރާސާތަކުގެ އަލީގަ އެވެ. މާލީ މަސްލަހަތަށް ވިސްނުމާއި، އާންމު ސިޔާސަތުތަކުގެ މަސްލަހަތާއި، ޒާތީ މަސްލަހަތަށް ވިސްނުމުގައި ހުރި ތަފާތުތައް މި ނަޒަރިއްޔާތަކުން ބުނެދެ އެވެ.

ޕޮކެޓްބުކް ވޯޓިންގ – ތާއީދު ކިރާ މީޒާނުގެ އެއްކޮޅަށް ވޮލެޓު!

ވޯޓުދޭ މީހުން އަބަދުވެސް އިސްކުރާނީ އެމީހުންގެ މަންފާ ކަމީ ޒަމާނީ އިގްތިސާދުގެ ޑިމޮކްރަސީގެ މޮޑެލްތަކުގައި އެއްވެސް އޮޅުމެއް ނެތް ސާފު ހޯދުމެކެވެ. އެއީ އެންމެ އަސާސީ އިންސާނީ ތަބީއަތު ވެސް މެ އެވެ. މި އޮނިގަނޑުގައި، ރައްޔިތުން ތާއީދުކުރަނީ އެމީހުންގެ އަތުން ނެގޭ ޓެކްސްއާއި އެފަދަ ނޫން ފީ ތައް މަދުކުރުމަށާއި، އެމީހުން ފަދަ މީހުންނަށް އިތުރު މަންފާތައް ހޯދައިދިނުމަށް، ނުވަތަ އެމީހުންނަށް ގެއްލުން ލިބިދާނެ ފަދަ ބަދަލުތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ސިޔާސަތު ހުށަހަޅައި، އެފަދަ ވައުދުވާ ޕާޓީތަކަށެވެ.

ރާއްޖޭގެ މަސްރަހަށް ބަލާއިރު، 'ރަށުބަންދުން ވީއްލުމަށް' ދަތުރުފަތުރުގެ ނިޒާމު ތައާރަފުކުރުމާއި، 'ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން' އަދި 'ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ކުރުން' ފަދަ ވައުދުތަކަކީ މި ދެންނެވި ޕޮކެޓްބުކް ވޯޓިންގެ ނަޒަރިއްޔާގެ ތައާރަފަށް ފެތި ހިމުންވާ ވައުދުތަކެކެވެ. ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގައި އެ ވައުދުތައް ވިކުނެވެ. އެ ވައުދުތައް ވީ ސިޔާސީ ޕާޓީއަށް އޭގެ ނަތީޖާ ވެސް ފެނުނެވެ.

ސިޔާސީ ޕާޓީއަކަށް ތާއީދު ދިނުމުގައި ރައްޔިތުންގެ އެންމެ ފުރަތަމަ ހޮވުމަކަށް އަބަދުވެސް ވާނީ އެމީހުންގެ އާމްދަނީ އިތުރުކޮށްދޭނޭ ސިޔާސަތުތައް ހުށަހަޅާ ޕާޓީ އެވެ. 'ވައުދުތައް، ސިޔާސަތު އަދި ޕޮކެޓްބުކް ވޯޓިންގ' (2015) ގައި އެފޮތުގެ އެއް ލިޔުންތެރިޔާ އެލިންޑަރ ބުނެފައިވާ ގޮތުން ސްޕެއިންގައި ވެރިކަން ކުރާ ޕާޓީއަށް ތާއީދު ދަށްވެ، އިދިކޮޅު ޕާޓީއަށް ތާއީދު އިތުރުވި އެންމެ ބޮޑު ސަބަބަކީ ޓެކްސްގެ މިންވަރު ދަށްކުރަން އެ ސިޔާސީ ޕާޓީތަކުން ވައުދުވުމެވެ. ހަމައެގޮތަށް، ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް، އެ ސިޔާސަތަކީ މުޅި ގައުމަށް ގެއްލުން ހުރި ސިޔާސަތަކަށް ވިޔަސް، ވަކިވަކި ފަރުދުންނަށް ފައިދާ ވާނަމަ އެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަމަށް ޖަރންލް އޮފް އިކޮނޮމިކް ބިހޭވިއާ އެންޑް އޯގަނައިޒޭޝަންގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައި ވެއެވެ. މިސާލަކަށް ވަޒީފާ އަދާނުކުރާ މީހުންނަށް އިނާޔަތް ދިނުމާއި، ދައުލަތުންދޭ ސޯޝަލް ވެލްފެއަރގެ މިންވަރު މަތިކުރުން ފަދަ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރަނީ އެކަމުގައި ފޮރުވިފައި ހުރި ޖުމުލަ ގެއްލުންތަކަށް ރިއާޔަތެއް ނުދީ އެވެ.

ޕޮކެޓްބުކް ވޯޓިންގއަކީ ތާއީދު ދިނުމުގައި 'އަމިއްލަ މަސްލަހަތު' އިސްކުރެވޭ ގޮތެއް ކަމުގައި ވިޔަސް، އެކަމުގައި އޭގެ ޒާތުން ހިމެނެނީ ނުރަނގަޅު ޒާތީ މަސްހަތެއް ނޫނެވެ. އެ ވިސްނުމުގައި މީހުން އިސްކުރަނީ އާންމު ސިޔާސަތުތަކުން ތިމާއަށް ލިބޭ މަންފާ އެވެ. ވޯޓިންގައި ނައްތާލަންޖެހޭ ވިސްނުމަކީ "ޕޮކެޓްބުކް ކޮރަޕްޝަން ވޯޓިންގ" އެވެ. އެއީ އެއްވެސް ސިޔާސަތަކަށް ނުވަތަ ސިޔާސަތެއްގެ ސަބަބުން ލިބޭނޭ ސީދާ މަންފާއަކަށް ބެލުމެއް ނެތި، ހަމައެކަނި އެވަގުތު ލިބޭ ލާރިކޮޅަށް ވިސްނައިގެ ވޯޓު އަގުމަގުކޮށް ވިއްކުމުގެ ސިޔާސަތެވެ.

ކްލައިންޓެލިޒަމް؛ މަށަށް އޮތް މަންފާއަކީ ކޮބާ؟

ޕޮކެޓްބުކް ވޯޓިންގ އާ ހިލާފަށް ކްލައިންޓެލިޒަމްގައި އިސްކަން ދެނީ ސީދާ ގޮތުން، ވަކީން ހާއްސަކޮށް ވަކި ފަރުދުންނަށް ނުވަތަ އާއިލާތަކަށް ހާއްސަކުރެވިގެން ކުރެވޭ މުއާމަލާތުތަކަށެވެ. މި ވިސްނުމުގައި ސިޔާސީ ތާއީދު ދިނުމުގެ މުގާބިލަކަށް ވާނީ ފައިސާއާއި، މުދަލާއި، ހިދުމަތުގެ ފަސޭހައާއި، ފުރުސަތުތަކެވެ. ކްލައިންޓެލިޒަމްގައި ރައްޔިތުން ސިޔާސީ ޕާޓީއަށް ތާއީދުކުރަނީ އެ ޕާޓީއެއްގެ ސިޔާސަތުތަކާ އެއްބަސްވާތީކީ ނޫނެވެ. އޭގެ ބަދަލުގައި އެޕާޓީއެއްގެ ބާރު ދެމިއޮންނަ ކުރު މުއްދަތުގެ ތެރޭގައި ސީދާގޮތުން ލިބޭނޭ މަންފާއަށް ވިސްނައިގެންނެވެ.

'ކްލައިންޓެލިޒަމްއިން ލެޓިން އެމެރިކަން ޕޮލިޓިކްސް' ގެ ނަމުގައި އޮކްސްފޯޑް ޔުނިވަރސިޓީން ޝާއިއުކޮށްފައިވާ ދިރާސާ ކަރުދާހުގައި ބުނެފައިވާ ގޮތުން، ސިޔާސީ ތާއީދު ހޯދުމުގައި ކްލައިންޓެލިޒަމްއަށް ބޮޑަށް ބަރޯސާވަނީ ފުދުންތެރިކަން ދަށް، އަދި މުއައްސަސާތައް ބަލިކަށި ގައުމުތަކުގަ އެވެ. ލެޓިން އެމެރިކާގެ ސިޔާސަތުގައި ކްލައެންޓެލިޒަމްއާ ގުޅޭގޮތުން ކުރެވުނު މި ދިރާސާއިން ފާހަގަކުރެވިފައިވަނީ، އާންމުކޮށް ހުރިހައި ސިޔާސީ ޕާޓީތަކުން ވެސް އެ ޕާޓީތަކަށް ވަފާތެރިކަމާއެކު ވޯޓުދޭ ޖަމާއަތެއް އުފައްދައި ގެންގުޅުމަށް އިޖުތިމާއީ އެހީތެރިކަމާއި، ވަޒީފާތަކާއި، ކޮންޓްރެކްޓްތައް ދިނުމުގެ އުކުޅު ބޭނުންކުރާ ކަމެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ސިޔާސީ ތާއީދު ދިނުމުގައި ކްލައިންޓެލިޒަމްއަށް އާންމު ގޮތެއްގައި ދީލާލަނީ ކޮންމެ މުޖުތަމައުއެއްގައި ވެސް ޒަރޫރަތްތެރިންނެވެ. ފަގީރުންނާއި، މުޖުތަމައުގެ އާންމު މިންގަނޑަށްވުރެ މާލީ ގޮތުން ދަށް މީހުން މި އުސޫލުން ސިޔާސީ ތާއީދު ދޫކޮށްލަނީ މިކަމުގެ ސަބަބުން ވަގުތީ ގޮތުން ނަމަވެސް އެމީހުންގެ ހާލަތު ރަނގަޅު ވާތީ އެވެ. މީގެ އިތުރުން ތުރުކީގެ ލިޔުންތެރިޔާ އަދި ފަލްސަފާވެރިޔާ ޔިލްދިރިމް (2023) ފާހަގަކުރާ ގޮތުން ގައުމެއްގެ މުއައްސަސާތަކާމެދު އޮންނަ އިތުބާރު ދަށްވުމާއި، ކްލައިންޓެލިޒަމްއަށް ސިޔާސީ ތާއީދު ވިއްކާ މީހުން ކުރިއަރައިދާތަން ފެނުމަކީ ވެސް އެކަމަށް އިތުރު މީހުންނަށް ހިތްވަރު ލިބޭ ކަމަކަށް ވެ އެވެ.

ޕެޓްރަނޭޖް؛ މަގޭ ދާއިރާއިން ކުރިއަރައި ދިއުމުގެ ފުރުސަތު!

ވަކިވަކި ފަރުދުން ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުގައި އޭނާއަށް ލިބޭ ވަޒީފާ ނުވަތަ މިހާރު އަދާކުރާ ވަޒީފާގެ ކުރިއެރުން އިސްކުރުމަކީ ޕޮލިޓިކަލް ޕެޓްރަނޭޖް އެވެ. ސަރުކާރުގެ ވަޒީފާތަކާއި، ދައުލަތުގެ ވިޔަފާރިތަކާއި އަދި ކޮންޓްރެކްޓްތަކުގެ ކޮންޓްރޯލް އޮންނަނީ އެވަގުތު ބާރުގައި އޮތް ސިޔާސީ ޕާޓީއެއްގެ އަތުގަ އެވެ. އެ ސަބަބަށްޓަކައި އެ ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުން 'މަޖުބޫރު' ވަނީ އެވެ. ލިބޭން އުޅޭ ވަޒީފާ އަދާކުރުމުގެ ގާބިލުކަން ނެތްނަމަވެސް ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުން އެ ވަޒީފާ ލިބޭނަމަ އެ ސަބަބަށްޓަކައި 'ތާއީދު' ދެއްކުމަކީ ވަރަށް ގިނަ މީހުން އިހުތިޔާރުކުރާ ގޮތެކެވެ.

ޕޮލިޓިކަލް ސައިންޓިސްޓް ޖޮނަތަން ހޮޕްކިން (2006) ފާހަގަކުރާ ގޮތުގައި ޕެޓްރަނޭޖްއަކީ ކްލައިންޓެލިޒަމްގެ ވޭރިއަންޓެކެވެ. މި އުސޫލުގައި ޕެޓްރަން ނުވަތަ 'ހިމާޔަތް ދޭ މީހާ' ގެ ދައުރު އަދާކުރާނީ ވަކި ސިޔާސީ ފަރުދެއްގެ ބަދަލުގައި ޕާޓީންނެވެ. ސިޔާސީ ޕާޓީން އިސްކަން ދޭނީ ވީހާ ވެސް ނުފޫޒު ގަދަ މީހުންނަށް ވަޒީފާ ދިނުމަށެވެ. ވަކި ވަޒީފާއެއްގެ ޓައިޓްލް އޮތަސް، އެވެރިންގެ ހަގީގީ މަސައްކަތަކަށް ވާނީ އެ ސިޔާސީ ޕާޓީއަށް ތާއީދު ހޯދައި ދެމެހެއްޓުމެވެ. ވަޒީފާގެ ނަމުގައި ދައުލަތުން ދޭ އުޖޫރައަކީ، އެ ސިޔާސީ ޕާޓީއަށް ކޮށްދޭ ހިދުމަތުގެ އުޖޫރަ އެވެ.

އަޅުގަނޑަށް ހީވާ ގޮތުގައި މިއީ ރާއްޖޭގައި ސިޔާސީ ތާއީދު މިނެކިރުމުގެ އެންމެ އާންމު ވައްތަރެވެ. އިއްޔެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ހުރި މީހާ، މާދަމާ ސަރުކާރަށް ތާއީދުކޮށް ބާއްވާ އެއްވުމަށް ކެމްޕޭނުގައި ނުކުމެ އެހުރީ ޕޮލިޓިކަލް ޕެޓްރަނޭޖްގެ ސަބަބުންނެވެ. އިއްޔެއާއި މިއަދުގެ ތަފާތަކީ އޭނާއަށް ދައުލަތުގެ ބޮޑު ވަޒީފާއެއް ލިބުނުކަމެވެ. ވަކި ގަބޫލުކުރުމެއްގެ މައްޗަށް ކުރިން ކުރި ވަކާލާތަކީ ވަޒީފާއެއް ލިބުނީމާ ބަދަލުވާ ވަކާލާތަކަށްވާނަމަ، އެ ފެންނަނީ މުނާފިގު ކަމުގެ އަސަރެކެވެ.

ނިންމުން

ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުގައި ކޮންމެވެސް އެއް ތައާރަފެއްގެ ތެރޭގައި އަމިއްލަ މަސްލަހަތަށް ނުވިސްނާ މީހަކު ނުއުޅޭނެ އެވެ. އެއީ އިންސާނީ ތަބީއަތެވެ. ސިޔާސަތުތަކުން ތިބާގެ ޖީބަށް ކުރާނޭ އަސަރަށް ވިސްނުމަކީ އަމިއްލަ މަސްލަހަތަށް ވިސްނުމެވެ. އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. މައްސަލައަކަށް ވަނީ ތިމާއަށް އޮތް މަސްލަހަތުގައި މުޅި ގައުމަށް ގެއްލުންވުން ވަރިހަމަކޮށް އަމިއްލަ މަސްލަހަތު އިސްކުރުމެވެ. ތަނަވަސް މީހަކަށްވުމަށްޓަކައި އެހެން މީހުންނަށް ނެތް ފުރުސަތުތައް ތިމާއަށް ފަހިކުރުމެވެ. މިއީ މުޖުތަމައުގައި އާންމު ކަމަކަށްވީމާ، ނަތީޖާއަކަށް ވާނީ ސިޔާސީ މީހުންނަށާއި ސިޔާސީ ޕާޓީތަކަށް އިތުބާރު ގެއްލި، 'މަށަށް އޮތީ ކޮން ފައިދާއެއް؟' އެއީ ސިޔާސީ ތާއީދު ދިނުމުގައި މައިގަނޑު ސުވާލަށް ވުމެވެ. ތިމަންނާ ނުކުމެ މިހުރީ ހަމަ ހަގީގަތުގައި ވެސް ގައުމަށްޓަކައިއޭ ސިޔާސީ މީހަކު ބުންޏަސް މީހަކު އެ ވާހަކަ ގަބޫލުނުކުރަނީ އެ އިތުބާރު މިހާރު ނެތީމަ އެވެ. ސިޔާސީ ތާއީދު ހޯދުމާއި ދިނުމުގައި އަމިއްލަ ޒާތީ އަދި ނުރަނގަޅު މަސްލަހަތު އިސްކުރުން އާންމުވެފައި އޮތީމަ އެވެ.

ރާއްޖެ މިއޮތް ހާލަތުން އަރައިގަތުމުގެ ފުރަތަމަ ހައްލަކީ ވަކިބައެއްގެ އަތްމައްޗަށް ބާރު ޖަމާވާ މިންވަރު އަދިވެސް ކުޑަކުރުން ކަމަށް ދެކެމެވެ. ރާއްޖެ ފަދަ އާބާދީ މަދު ގައުމެއްގައި ވަކި ސިޔާސީ ޖަމާއަތެއްގެ ނުވަތަ ސަރުކާރު ހިންގާ ޖަމާއަތުގެ ބާރުތައް ހަނިކޮށް، ރައްޔިތުންގެ ބާރުތައް ފުޅާކުރުމަކީ ނުވަތަ ޑައިރެކްޓް ޑިމޮކްރެސީގެ އުސޫލުތައް ތައާރަފުކުރުމަކީ ރަނގަޅު ހައްލަކަށް ވެދާނެ އެވެ.

ގައުމެއް ހިންގާން މި ބޭނުންވަނީ ޑިމޮކްރެސީގެ އަސާސްތަކުގެ މައްޗަށެވެ. އާބާދީ މަދު ގައުމެއްގައި ސިޔާސަތު އެކަށައެޅުމުގެ ޒިންމާއަކީ ސީދާ ރައްޔިތުންގެ ކިބައިގައި އޮންނަ ކަމަށް ހެދުމަކީ ހިންގައި ތަންފީޒުކުރުން ލައްކަ ދަތި ކަމަކަށް ނުވާނެ އެވެ. އިންތިހާބުކުރާ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ހިމެނޭހެން، ރައްޔިތުންގެ މަންދޫބުންނަށް އޮންނާންވާނީ އިދާރީ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުމާއި ރައްޔިތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ބާރެވެ. 'މަށަށް އޮތް ފައިދާއަކީ ކޮބާ؟' ތޯ ކުރާ ސުވާލު ހުއްޓި، ގައުމެއްގެ ހައިސިއްޔަތުން 'އަހަރުމެންނަށް އޮތް ފައިދާއަކީ ކޮބައިތޯ' ސުވާލުކުރަން ފެށޭނީ އިސްވެ މި ބުނެވުނު ސިޔާސީ އަނދަވަޅުތަކުން ސަލާމަތްވުމަށް ކޮންމެވެސް ފަންޑިތައެއް ހެދިގެންނެވެ.