Advertisement

ސެކްޓާ ލީގުގެ ސެމީ އަށް ހޯކްސް، އާރްސީސީ، އެރީނާ އަދި އެމްއައިބީއެސްއޭ ދަތުރުކޮށްފި

13 ނޮވެންބަރު 2025 - 12:52 0

އެމްއައިބީއެސްއޭގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ސެކްޓާ ލީގުގެ ސެމީ އަށް ހޯކްސް، އާރްސީސީ، އެރީނާ އަދި އެމްއައިބީއެސްއޭ ދަތުރުކޮށްފި

13 ނޮވެންބަރު 2025 - 12:52 0

ކްލަބް މޯލްޑިވްސް އިން ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށް މުޅިން އަލަށް ފެށި ފުޓްސަލް މުބާރާތް، މައިލޯ ސެކްޓާ ލީގުގެ ސެމީ ފައިނަލުން ހޯކްސް، އިސްލާމިކް ބޭންކް (އެމްއައިބީއެސްއޭ)، ކްލަބް އާރްސީސީ އަދި އެރީނާ ހޮޓެލްސް ޖާގަ ހޯދައިފި އެވެ.

ހޯކްސް އިން ކުއާޓާ ފައިނަލުގައި ރޭ ކުޅުނީ ކްލަބް ލޮކަލްޗާއާ ދެކޮޅަށެވެ. މި މެޗުން ހޯކްސް މޮޅުވީ 2-0 އިންނެވެ.

ހޯކްސް އަށް މި މެޗުގެ ލަނޑުތައް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ނާއިމްގެ އިތުރުން، ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ. ހޯކްސް އިން މި މެޗުގައި ލަނޑު ޖަހާނެ ރަަނގަޅު ފުރުސަތުތަކެއް ހޯދައި، މޮޅު ކުޅުމެއް ދެއްކި އެވެ.

ސެމީ ފައިނަލުގައި، ހޯކްސް އިން ނުކުންނާނީ އެމްއައިބީއެސްއޭއާ ދެކޮޅަށެވެ.

ހޯކްސް އިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އެމްއައިބީ އިން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ފޯރިގަދަ މެޗަކަށް ފަހު، 3-2 އިން އެސްބީއައި ބަލިކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެގެން، ކުއާޓާ ފައިނަލަށް ދަތުރުކުރި އެސްބީއައި ކޮޅަށް އެމްއައިބީގެ ލަނޑުތައް ޖެހީ، މޫސާ ހާނިމް ދެ ގޯލުގެ އިތުރުން ޝިނާން ޝަރީފް އެވެ. އެސްބީއައިގެ ލަނޑުތައް ޖެހީ، އަބްދުﷲ ތަހުޝީން އާއި އުނައިޝް އަހުމަދު އެވެ.

އާރްސީސީން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލްގައި 4-0 އިން ސޮނީ ހާޑްވެއާ ބަލިކޮށްފަ އެވެ. މި މެޗުގައި، އާރްސީސީގެ ލަނޑުތައް ޖެހީ މިޖުދާފް އަބްދުލް މަޖީދު ދެ ގޯލާއި ހުސެއިން ޝުހާދު ސުހާން އަދި ހޫދު އަހުމަދު ފަތުހީ އެވެ. މި މެޗުގައި ސޮނީ ހާޑްވެއާގެ މުހައްމަދު މާއިސް އަލީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އާރްސީސީން ސެމީގައި ކުޅޭނީ އެރީނާއާ ދެކޮޅަށެވެ. އެެރީނާ އިން ވަނީ ރޭ ކުުޅުނު ކުއާޓާ ފައިނަލް މެޗުން ފަސޭހަކަމާ އެކު، 9-1 އިން ޓީމު އެމްއޭޑަބްލިއުސީ އަތުން މޮޅުވެފަ އެެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުން އެރީނާ މޮޅުވީ 7-1 އިންނެވެ.

ރޭގެ މެޗުގައި އެރީނާގެ ލަނޑުތައް ޖެހީ، އަހުމަދު ޝަމާލް ހެޓްރިކެއް، ހަސަން ލައުހު ދެ ގޯލު އަދި، ޒުލްކިފުލިޒާހިރު، ނައުޝް އަހުމަދު، އަދި މުހައްމަދު ޝައިހާން ގޯލެކެވެ. ޓީމު އެމްއޭޑަބްލިއުސީން ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އިންޝާއު އަހުމަދު އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ.