19 ނޮވެންބަރު 2025 - 08:51 0
ޗެމްޕިއަންކަން ހޯދި އެރީނާ ހޮޓެލްސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
19 ނޮވެންބަރު 2025 - 08:51 0
ކްލަބް މޯލްޑިވްސް އިން ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށްގެން މުޅިން އަލަށް ފެށި ފުޓްސަލް މުބާރާތް، މައިލޯ ސެކްޓާ ލީގުގެ ޗެމްޕިއަންކަން، އެރީނާ ހޮޓެލްސް އިން ހޯދައިފި އެވެ.
ޖުމްލަ އެކު، 15 ޓީމު ވާދަކުރި މި ފަހަރުގެ ސެކްޓާ ލީގުގެ ފައިނަލުގައި ވާދަކުރީ އެރީނާ އާއި ހޯކްސް އެވެ. މި ދެ ޓީމު ވެސް ފައިނަލާ ހަމައަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އަދި ފައިނަލް މެޗު ވެސް ފޯރިގަދަކޮށް ފެނިގެންދިޔައިރު، އެރީނާ މޮޅުވީ 1-0 އިންނެވެ.
ފުލުފުލުގައި ފޮނުވާލި ގިނަ ހަމަލާތަކަކަށް ފަހު، އެރީނާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، ޔޫސުފް އުމައިރު މުހައްމަދު އެވެ. މި މެޗުގައި ހޯކްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް އެރީނާގެ ގޯލްކީޕަރު، ސަމާހު ޝާދީ ވަނީ މަތަކޮށްފަ އެވެ.
އެރީނާގެ ސަމާހު (ވ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، އެރީނާގެ ހަސަން ލައުހު އާއި އެ ޓީމުގެ ކީޕަރު ޝަމާލްގެ އިތުރުން ލައުހު އާއި ހޯކްސްގެ ކިރްގިސްތާން ކުޅުންތެރިޔާ، ކެނެޝްބެކޯވް ޒަނަރްބެކް އަދި މުހައްމަދު ނާއިމް އެެވެ.
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ނުވަ ގޯލު ކާމިޔާބުކުރި އެސްބީއައި ޓީމުގެ އަބްދުﷲ ތަހުޝީން (ތައްޓު) އެވެ. އެންމެ މޮޅު ކޯޗަކަށް އެރީނާގެ ނަސީހު މުހައްމަދު (ނަސީ) ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ވެސް އެރީނާ އެވެ. ސެކްޓާ ލީގުގެ ކިންގް އަކީ އެރީނާގެ ސަމާލް އެވެ.
ސެކްޓާ ލީގާ އެކު، މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ ފުޓްސަލް ސީޒަން ނިމުނީ އެވެ. މި ފަހަރު ޖުމްލަ އެކު ހަ މުބާރާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެ ގޮތުން، ފިރިހެން ޑިވިޝަނަށް ބަލާއިރު، ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރީ ރޯޑް ރެކްރިއޭޝަން ކްލަބް އެވެ. ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން، އެޗްޕީއެސްއެން އިން ހޯދިއިރު، ސެކްޓާ ލީގު ކާމިޔާބުކުރީ އެރީނާ އިންނެވެ. އަންހެން ޑިވިޝަނުގައި، ކްލަސިކްގެ ޗެމްޕިއަންކަން ހޯދީ ޕްރިޒަން ކްލަބުންނެވެ. އަދި، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބުންނެވެ.
Comment