12 ނޮވެންބަރު 2025 - 09:23 0
އާރްސީސީ ކުޅުންތެރިން މުބާރާތުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު.--- ފޮޓޯ: އިމޭޖަސް.އެމްވީ
12 ނޮވެންބަރު 2025 - 09:23 0
ކްލަބް މޯލްޑިވްސް އިން ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށް މުޅިން އަލަށް ފެށި ފުޓްސަލް މުބާރާތް، މައިލޯ ސެކްޓާ ލީގުގެ ކުއާޓާ ފައިނަލްގައި ވަރުގަދަ މެޗުތަކެއް ކުޅެން ތައްޔާރުވެއްޖެ އެވެ.
ޕްރައިވެޓް ކުންފުނިތަކަށް ފެށި މި މުބާރާތުގައި މި ފަހަރު 15 ޓީމަކުން ވާދަކުރެ އެވެ. ތިން ގްރޫޕަކަށް ބެހިފައިވަނީ، ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ ގޮތަށެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމަށް ކުއާޓާގެ ސީދާ ޖާގައެއް ލިބުނުއިރު، ބާކީ ދެ ޖާގަ ލިބިފައިވަނީ، ތިން ގްރޫޕުން ތިން ވަަނައިގައި ނިންމި ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށެވެ.
ސެކްޓާ ލީގުގެ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކުރީ އެސްބީއައި އެވެ. އެސްބީއައި އިން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ކުއާޓާ ފައިނަލުގެ ފުރަތަަމަ މެޗުގައި ނުކުންނާނީ އެމްއައީބީއެސްއޭއާ ދެކޮޅަށެވެ. އެ ޓީމުން ކުއާޓާ ފައިނަލަށް ދަތުރުކުރީ އެންމެ ނަތީޖާ ރަނގަޅު ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި ކުޅޭނީ ގްރޫޕް ސީގައި ވާދަކުރި އެރީނާ ހޮޓެލްސް އާއި ޓީމު އެމްއޭޑަބްލިއުސީ އެވެ. އެރީނާ އިން ވާދަކުރި ގްރޫޕްގެ އެއް ވަނަ ހޯދިިއިރު، އެ ގްރޫޕްގައި ކުޅުނު މެޗުން 7-1 އިން ޓީމު އެމްއޭޑަބްލިއުއެސީ ބަލިކުރި އެވެ. އެރީނާ އަކީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. އެ ޓީމުން ވަނީ ޖުމްލަ އެކު، 24 ލަނޑު ޖަހައިފަ އެެވެ. އެމްއޭޑަބްލިއުސީން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން، ދެ މެޗުން މޮޅުވެފަ އެވެ.
މި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމު ކަަމަށްވާ ކްލަބް އާރްސީސީން ކުއާޓާ ފައިނަލުގައި ކުޅޭނީ ސޮނީ ހާޑްވެއާއާ ދެކޮޅަށެވެ. އާރްސީސީން މިހާތަނަށް މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެ ޓީމުން ކުއާޓާ ފައިނަލަށް ނުކުންނާނީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމާ ދެކޮޅަށް ކުއާޓާގައި ކުޅޭ ސޮނީ ހާޑްވެއާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ.
މި ފަަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ހޯކްސް އިން ކުއާޓާގައި ނުކުންނާނީ ކްލަބް ލޮކަލްޗާއާ ދެކޮޅަށެވެ. މި ދެ ޓީމު ވެސް މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗަކުން ބަލިވެފައިނުވެ އެވެ. ހޯކްސް އާއި ލޮކަލްޗާ އިން ވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ.
ސެކްޓާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ދެ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ. އެއީ، އެސްބީއައި އާއި އެމްއައިބީއެސްއޭ ކުޅޭ މެޗާއި އެރީނާ އާއި ޓީމު އެމްއޭޑަބްލިއުސީ ކުޅޭ މެޗެވެ. އަދި، އާރްސީސީ އާއި ސޮނީ ހާޑްވެއާ ކުޅޭ މެޗާއި ހޯކްސް އާއި ލޮކަލްޗާ ކުޅޭ މެޗު ފަށާނީ މިރޭ 22:15 ގަ އެވެ.
Comment