13 ނޮވެންބަރު 2025 - 10:53 9
ލީވާން އަލީ ނާސިރު
13 ނޮވެންބަރު 2025 - 10:53 9
ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއާ ފުށޫއަރާތީ، ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައި އޮތް ސަލަފު ޖަމިއްޔާގެ ދީނީ ދަރުސް އެހެން ރެއަކަށް ފަސްކޮށްފި އެވެ.
އެޗްޑީސީއާ ގުޅިގެން ބާއްވަން ނިންމާފައި އޮތް އެ ދަރުސް ފަސްކުރިކަން ސަލަފު ޖަމިއްޔާއިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ފަސްކުރި ސަބަބެއް، އަދި ދެން ބާއްވާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު އަދަދު ނޫހާ ވާހަކަ ދައްކަމުން ބުނީ "ދަރުސް ފަސްކުރީ ރައީސްގެ ޖަލްސާ އޮންނާތީ" ކަމަށެވެ.
ދަރުސް ފަސްކުރި ސަބަބާ ގުޅޭ ގޮތުން ސަލަފު ޖަމިއްޔާގެ ބަހެއް ފުރަތަމަ ނުލިބުނެވެ. ނަމަވެސް ހަބަރު ޝާއިޢުކުރި ފަހުން އެ ޖަމިއްޔާގެ އޮފިޝަލަކު ބުނީ ދަރުސް ފަސްކުރީ އިސްތިހާރުކުރަން އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށެވެ.
"އަޅުގަނޑުމެން ބާއްވަން އުޅުނު އިވެންޓަށް އެކަށީގެންވާ ވަރަށް މާކެޓުކުރުމަށް ވަގުތު ނުލިބުމުގެ ސަބަބުން، އިވެންޓު އިންތިޒާމު ކޮމިޓީން ނިންމީ ފަސްކުރުމަށް ފަހު އެކަށީގެންވާ ވަގުތާއެކު މާކެޓުކުރުމަށް ފަހު އިވެންޓު ކުރިއަށް ގެންދިޔުމަށް،"އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 14، ވަނަ ދުވަހުގެ ރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި އެއްވުމެއް ބާއްވަން އިއުލާނު ކުރީ، އެމްޑީޕީން ނޮވެމްބަރު 17 ގައި މުޒާހަރާ ކުރުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ. އެ ޖަލްސާ ބާއްވަނީ މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރިކަން ފާހަގަ ކުރުމަށް ކަމަށް ޕީއެންސީން ބުނެ އެވެ.
މި ހަރަކާތާ ފުށޫއަރާތީވެ ހެލްތު އެކްސްޕޯ ވެސް ހުކުރު ދުވަހު ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ހެލްތު މިނިސްޓްރީން ބާއްވާ ތިން ދުވަހުގެ މި އެކްސްޕޯ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ރާވާފައި އޮތީ ނޮވެމްބަރު 13-15 އަށެވެ. ނަމަވެސް ހުކުރު ދުވަސް ކެންސަލް ކުރުމަށް ފަހު، އެކްސްޕޯގެ ނިންމުން އާދީއްތަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment