Advertisement

ކޮމިޓީގައި އޭސީސީން އެދުނީ 84 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްދޭން

12 ނޮވެންބަރު 2025 - 14:57 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އޭސީސީގެ ރައީސް އާދަމް ޝާމިލް ---


ކޮމިޓީގައި އޭސީސީން އެދުނީ 84 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްދޭން

12 ނޮވެންބަރު 2025 - 14:57 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް އެކަށީގެންވާ އަދަދަކަށް ނުވާތީ ބަޖެޓު ބޮޑުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އޭސީސީއަށް ޖަހާފައި އޮތީ 47.8 މިލިއަން ރުފިޔާ އެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ އެ ބަޖެޓުން ނުފުދޭ ކަމަށް ވިދާޅުވެފަ އެވެ.

"އޭސީސީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޖުމުލަކޮށް ބުނާނަމަ ފުދޭ މިންވަރެއް ނޫން މި ބަޖެޓަކީ،" އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.

އޭސީސީން ބޭނުންވަނީ 84.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ އިތުރުން އޮފީސް ޖާގައެއް ހޯދުމަށް ހަތް މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ވެސް އޭސީސީން ވަނީ ބަޖެޓު ކޮމިޓީގައި އެދިފަ އެވެ. މިހާރު ވެސް މަހެއްގެ މައްޗަށް 400،000ރ. ކުއްޔަށް ހޭދަކުރާ ކަމަށް އޭސީސީން ބުނެ އެވެ.

މިއަހަރު އޭސީސީއަށް 52.7 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސިއިރު 2024 ވަނަ އަހަރު ވެސް ދިނީ 47 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީގައި ހިމެނޭ މެންބަރުން ވަނީ ބޮޑު ބަޖެޓެއް ހަމަޖެއްސި ނަމަވެސް އޭސީސީއަށް ނަތީޖާ ނުނެރެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޯދަން އެންގި 77 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 49،437.45ރ. އެވެ.

އޭސީސީއަށް މިދިޔަ އަހަރު ޖުމްލަ 1،171 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 732 މައްސަލަ ރަޖިސްޓްރީކުރިއިރު، 439 މައްސަލަ ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނުން އިދާރާތަކަށް 43 އެންގުމެއް އަންގާފައިވެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.