Advertisement

ހުޅުމާލޭ މަގުތައް މަރާމާތު މިކުރަނީ "ރަނުންތަ؟"

13 ޑިސެންބަރު 2025 - 09:15 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ކައިރީގެ މަގެއް -- ފޮޓޯ: އަދަދު


ހުޅުމާލޭ މަގުތައް މަރާމާތު މިކުރަނީ "ރަނުންތަ؟"

13 ޑިސެންބަރު 2025 - 09:15 3

ހުޅުމާލޭގެ މަގުތަކުގައި މިހާރު އަޅަން އެ އުޅެނީ ތާރު ހެއްޔެވެ؟ ނުވަތަ ރަން ހެއްޔެވެ؟ އެހެން ނޫން ނަމަ، އެންމެ 1.1 ކިލޯމީޓަރުގެ މަގު މަރާމާތު ކުރުމަށް 91 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ބުއްދި ގަބޫލުކުރާ ހަމަތަކުން "އާދަޔާ ހިލާފު" ބޮޑު އަގެކެވެ. މިއީ "ސެޓްލްމަންޓް އެއްބަސްވުމުގެ" ގެ ނަން ބޭނުންކޮށް، ލޮލުގައި އަނދުން އަޅުވައި، ހިންގާ ބޮޑު ފޭރުމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ މި މަޝްރޫއު ހަވާލުކުރަން މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތަށް ފަހު މިހާރު ނޫހުގައި ރިޕޯޓުކޮށްފައި ވަނީ މަރާމާތުކުރާ 1.1 ކިލޯމީޓަރުގެ މަގުތަކުގެ ތެރޭގައި ހުޅުމާލެ 1 ގެ ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގެ ތެރެއިން ތާރުގަނޑު ހަލާކުވެފައިވާ މަގުތަކުގެ އިތުރުން އެޕޯލޯ ޓަވަރު، ފިތުރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސް ހިމެނޭ ސަރަހައްދުގެ މަގުތަކާއި ވަން ސެންޓްރަލް ކުރިމަތިން އޮންނަ މަގާއި ގޯޅި އާއި ޓްރީ ޓޮޕް ޕާކް ކައިރި އާއި ދަ ގާޑެންސް ރެސިޑެންސް ކައިރި ހިމެނެ އެވެ. އަދި ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓްތަކާ އިންވެގެން ހުރި މަގުތައް މަރާމާތުކުރެ އެވެ.

އޭރު މަޝްރޫއުގެ އަގެއް ހާމައެއް ނުކުރެ އެވެ. މަޝްރޫއުގެ އަގާއި އިތުރު ތަފްސީލު އިއްޔެ ހާމަކުރީ، "އެމްޓީސީސީ/އާރުޑީސީ ބާކީކޮށް, ހުޅުމާލޭ މަގުތައް މަރާމާތު ކުރުން ޗައިނާގެ ކުންފުންޏާ ހަވާލުކުރީ ބޮޑު އަގެއްގައި" ކަމަށް ބުނެ، އަދަދު ނޫހުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެޗްޑީސީގެ ބަޔާނުގައި ވަނީ ރޮޓައިމްއިން ހަދާ/މަރާމާތުކުރާ މަގުތަކުގެ ބޮޑުމިނަކީ 27,013 އަކަ މީޓަރެވެ. އެއީ އަލަށް ހަދާ 19,001 އަކަ މީޓަރުގެ މަގާއި، މަރާމާތުކޮށް އަލުން ތާރުއަޅާ 8,012 އަކަ މީޓަރުގެ ސަރަހައްދެވެ.

ހިސާބު ޖަހައި، 91.8 މިލިއަން ރުފިޔާ، 1.1 ކިލޯމީޓަރަށް (1100 މީޓަރަށް) ބަހާލުމުން، މިއީ މީޓަރަކަށް 83,454 ރުފިޔާ އެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް، އަދި ރާއްޖޭގެ ތާރީހުގައި ވެސް މަގު ހެދުމަށް މީޓަރަކަށް ޖެހޭ އެންމެ ބޮޑު އަގެވެ.

މި ސަރުކާރުން މި އަހަރުގެ އޭޕްރީލް މަހު އައްޑޫ ލިންކް ރޯޑު ހެދުމާއި 67.58 ކިލޯމީޓަރު މަގުގައި ތާރު ނުވަތަ ގާ އަޅާ އެޅުމަށާއި ފޭދޫގެ ފެން ހިންދާ ނިޒާމު ވެސް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 829 މިލިއަން ރުފިޔާ އަށެވެ.

ކުރީގެ ސަރުކާރުން ހުޅުދުއްފާރުގެ ބޮޑު ހަ މަގެއްގައި 3.2 ކިލޯ މީޓަރުގެ ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ހަރު ކުރާނަން އާރުޑީސީއާ ހަވާލުކުރީ 88 މިލިއަން ރުފިޔާ އަށެވެ. އަލިފުށީ 3.8 ކިލޯމީޓަރު މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައި އޮތީ 90.9 މިލިއަން ރުފިޔާ އަށެވެ.

މި އަގުތަކަށް ބަލާއިރު ހުޅުމާލޭގައި 1.1 ކިލޯމީޓަރުގެ މަގު އެ މަރާމާތު ކުރަން އެއުޅެނީ "ރަނުގެ އަގެއް" ގަ އެވެ.

އެޗްޑީސީގެ މެނޭޖުމެންޓާއި އެ ކުންފުނީގެ ބޯޑާ ގާތް ގުޅުމެއް އޮންނަ އިތުބާރު ހުރި ފަރާތްތަކުން "އަދަދު" ނޫހަށް ބުނީ ރޮޓައިމްއާ ހަވާލުކުރި މަސައްކަތް 30 މިލިއަން ރުފިޔާ ކުރެވޭނެ ކަމަށެވެ.

"މި ހުންނަނީ ގޯސްކަންކަން. ބޯޑުން ފާސްކުރިޔަސް ބޯޑުގެ އެންމެން މިކަމާ ގަޔާވަނީއެއް ނޫން. އަދި އެޗްޑީސީގެ ކަންކަން ކުރިއަށް ވުރެ ވެސް ސިއްރުވެރި ގޮތެއްގައި ކުރިއަށް ގެންދަނީ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހަގީގަތަކީ މި މަޝްރޫއު ހަވާލުކޮށްފައި މިވަނީ އަސްލު އަގަށްވުރެ ތިން ގުނަ ބޮޑުކޮށް އަކަމީޓަރަކުން އެކަނިވެސް 2،300 ރުފިޔާ ފައިދާއެއް ޗައިނާ ކުންފުންޏަށް ނުވަތަ އެ ކުންފުނީގެ ފުރަގަހުގައި ތިބި ބަޔަކަށް ލިބޭ ގޮތަށެވެ.

އެޗްޑީސީގެ ނޫސް ބަޔާނެއްގައި ބުނީ ރޮޓައިމްއާއެކު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2022 ގައި އެ ކުންފުންޏާ ހަވާލުކުރި ހުޅުމާލެ ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރައްކާތެރި އަދި އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 14 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 558.2 މިލިއަން ރުފިޔާ ކަމަށް، ވަން އޮންލައިންއިން ރިޕޯޓުކޮށްފައިވެ އެވެ. މިވަރުގެ އަގުބޮޑު މަޝްރޫއުއެއްގެ ބަދަލަކަށް 91 މިލިއަން ރުފިޔާ މަޝްރޫއުއާ ހަވާލުވުމުން ގިނަ ސުވާލުތަކެއް އިތުރަށް އުފެދުމުގެ ޖާގަ އެބަ އޮތެވެ.

ދެ މަޝްރޫއުގެ އަގުގައި ބޮޑު ފަރަގެއް ހުރިއިރު، ސެޓްލްމެންޓުގެ ނަން އެޗްޑީސީން ބޭނުން މިކުރީ މަގުތައް މަރާމާތުކުރަން އަގުބޮޑުކޮށް ހަވާލުކުރި ކުރުން، ރަނގަޅު ކަމަށް ދެއްކުމަށް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

އިންތިހާބުތަކާ ކައިރިވުމުން ޗައިނާގެ ކުންފުނިތަކާ ދޯޅުވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް ފެނިގެން ދިޔައީ ހަމަ މި މަންޒަރެވެ. ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ 18 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 360 މިލިއަން ރުފިޔާއެވެ. އެއީ ވެސް ބާޒާރުގެ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގެކެވެ. އޭރު ހަމައެކަނި ހަވާލުކުރީ ލިފްޓުގެ މަޝްރޫއުއެއް ނޫނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު، އަނެއްކާ ވެސް އަގުބޮޑެތި މަޝްރޫއުތައް ޗައިނާ ކުންފުނިތަކާ ހަވާލު ކުރަން މިވަނީ ފަށައިފަ އެވެ. ތިރީސް މިލިއަން ރުފިޔާއަށް ނިންމާލެވެން އޮތް 1.1 ކިލޯމީޓަރުގެ މަގުގެ މަސައްކަތެއް 91 މިލިއަން ރުފިޔާއަށް ހަވާލުކުރުމަކީ ހަމައެކަނި އިސްރާފެއް ނޫނެވެ. މިއީ ރައްޔިތުންގެ ފައިސާއިން ކުރި ވައްކަމަށް ބެލެވެ އެވެ.