12 ނޮވެންބަރު 2025 - 12:04 0
12 ނޮވެންބަރު 2025 - 12:04 0
އިންސާނާގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީގެ ސްޓެމް ސެލްތައް ބޭނުންކޮށްގެން، މައިބަދައިގެ ކަށިތަކަށް ލިބޭ ގެއްލުންތައް މަރާމާތުކުރެވިދާނެ ކަމަށް ސައެންސްވެރިން ބުނެފިއެވެ.
އެމެރިކާގެ އޮސާކާގެ މެޓްރޯޕޮލިޓަން ޔުނިވަސިޓީގެ ދިރާސާ ޓީމަކުން ބުނި ގޮތުގައި ސަރުބީގެ ސްޓެމް ސެލްތައް، ކަށި އުފައްދައިދޭ ކްލަސްޓާއަކަށް ބަދަލުކޮށް، އެއަށް ފަހު އެ ކްލަސްޓާ، ކަށި އަލުން އުފައްދައިދޭ މާއްދާއަކާ އެކުލެވުމުން، މީދަލުގެ މައިބަދައަށް ބާރު ލިބި ދުޅަހެޔޮ މައިބަދައަކަށް ބަދަލުވިއެވެ. އެހެންކަމުން، މިއީ އިންސާނުންނަށް ދިމާވާ ކަށީގެ ތަފާތު މައްސަލަތައް – ކަށީގައި ރެނދުލުން ނުވަތަ ބިންދައިގެން ދިއުން ފަދަ – ހައްލު ކުރުމުގައި ބޭނުންކުރެވިދާނެ އުކުޅެއް ކަމަށް ސައެންސްވެރިން ދެކެއެވެ.
މީދަލުގެ ހަށިގަނޑުގެ މި ކަންތައް އަޖުމަބެލީ، މީދަލުގެ މައިބަދައިގެ ކަށްޓަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތު ކުރުމަށެވެ. މި ތަޖުރިބާއިން ރަނގަޅު ނަތީޖާއެއް ފެނިފައިވާ އިރު، އިންސާނުންގެ މައިބަދައަށް ލިބޭ އެފަދަ ގެއްލުންތައް މަރާމާތުކުރުމުގައި ވެސް މި އުކުޅު ބޭނުންކުރެވިދާނެއެވެ.
މި ތަޖުރިބާގައި އަޖުމަބެލީ، އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެ ކަށި ފީވުމުން ދިމާވާ މައްސަލަތަކުގައި ކަށީގައި ލާ ރެނދުތައް މަރާމާތުކުރެވޭނެތޯ އެވެ. އެފަދަ ހާލަތްތަކުގައި މިއީ ބޭނުންކުރެވިދާނެ ފަރުވާއެއް ކަމަށް ލެބޯޓްރީ ޓެސްޓުތަކުން ކަށަވަރުވެފައިވާތީ، ދެން އޮތީ އިންސާނުންގެ ހަށިގަނޑުގައި މިކަން ތަޖުރިބާ ކުރުމުގެ މަރުހަލާއެވެ.
އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސަރުބީން ސްޓެމް ސެލް ވަކިކޮށް ނެގުމަކީ ނުހަނު ފަސޭހައިން ކުރެވޭ ކަމެކެވެ. އުމުރުން ދުވަސްވެފައި ތިބޭ މީހުންގެ ގައިން ވެސް، އުނދަގުލެއް ނެތި އެކަން ކުރެވެއެވެ. އެހެންކަމުން، މިއީ އިންސާނުންގެ ކަށި ފީވުމުން ކުރިމަތިވާ ކަށީގެ ސިއްހީ މައްސަލަތައް ހައްލު ކުރުމަށް، މިހާރު ބޭނުންކުރާ ފަރުވާގެ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާއެއް ކަމަށް ސައެންސްވެރިން ބުނެއެވެ.
އިންސާނާގެ ހަށިގަނޑު މުސްކުޅިވެ ވަކި އުމުރަކަށް ދިޔުމުން ކަށިތައް ބަލިކަށިވެ މުރަނަވެއެވެ. އެހެންކަމުން، ހަށިގަނޑަށް ލިބޭ ކުއްލި ލޮޅުމެއްގައި ވެސް ކަށިގަނޑެއްގައި ރެނދެއް ލުމަކީ ނުވަތަ ބިންދައިގެން ދިޔުމަކީ ނުހަނު ކައިރި ކަމެކެވެ. މި ގޮތަށް ކަށިތައް ބަލިކަށިވުމަށް އޮސްޓިއޯޕްރޮސިސް އޭ ކިޔައެވެ.
ދިރާސާކުރާ މީހުން ބުނާ ގޮތުގައި ޖަޕާނުގެ އާބާދީ މުސްކުޅިވެގެން ގޮސް، އޮސްޓިއޯޕްރޮސިސްގެ ހާލަތު މެދުވެރިވެފައި އެ ގައުމުގައި މިހާރު ތިބި މީހުންގެ އަދަދު 15 މިލިއަން ފަހަނައަޅައި ހިނގައްޖެއެވެ. އެ މީހުންގެ ކަށިތައް ފީވެ މުރަނަވުމުގެ ސަބަބުން، ހަށިގަނޑުގެ ކަށިތަކުގައި ރެނދުލާ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، ގިނަ ބައެއްގެ މައިބަދައިގެ ކަށިތަކުގައި ރެނދުލާ މައްސަލައެވެ.
މައިބަދައިގެ ކަށިތަކުގައި ރެނދުލުމަކީ، ދިގު މުއްދަތަކަށް އެމީހަކު ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިދާނެ މައްސަލައެކެވެ. އެއާއެކު، އެމީހެއްގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ދާއިމަށް އެނދުމަތިކުރަންޖެހެއެވެ. އެހެންކަމުން، މިއީ މިހާރަށް ވުރެ ރައްކާތެރި އަދި މުޖައްރިބު ފަރުވާއެއް ބޭނުންވާ ސިއްހީ ބޮޑު މައްސަލައެއް ކަމަށް ސައެންސްވެރިން ފާހަގަކުރެއެވެ.
Comment