ކާށިދޫ ފަރަށް އުރިފައިވާ ފައިސާ ބޯޓު. -- ފޮޓޯ: ފުލުހުން
މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި "ފައިސަލާ" ބޯޓު ކާށިދޫ ފަރަށް މިރޭ އަރައި އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ފައިސަލާ" ނަމަކަށް ކިޔާ އެ ބޯޓުން 11 މީހުން ދަތުރުކުރި ކަމަށާއި އޭގެ ތެރެއިން 10 މީހުން ފުލުހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބޯޓުން ގެއްލުނީ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުން 11 މީހުން ދަތުރުކުރި. އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި. ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އެމްއެންޑީއެފް އިން ބުންނެވެ.
ބޯޓު ފަރަށް އެރުމާ ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ބޯޓު ފަރަށް އެރި ސަރަހައްދުގައި އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އިތުރުން ފުލުހުން ވެސް ދަނީ ހަރަކަތްތެރިވަމުންނެވެ.
Comment