11 ނޮވެންބަރު 2025 - 17:57 0
ސާއިފް ޝިޔާދު
11 ނޮވެންބަރު 2025 - 17:57 0
ކުރިއަށް އޮތް އަހަރުތަކުގައި ޕްރޮޖެކްޓުތައް ހިންގުމަށް ދައުލަތުން ނަގަން ހަމަޖެހިފައިވާ ދަރަންޏާއި އެ ދަރަނި ނަގާ ގޮތްތައް ވެސް އަންނަަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން ސާފު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނަވާރަ ވަނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރެއްވި ހުސައިން ވަނީ ބަޖެޓުގައި ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ނުހިމަނާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގާނޫނު އޮތް ގޮތުން ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ބަޖެޓުގައި ހިމަނަން އޮންނަ އެއްޗެއް ނޫން ކަމަށް ދޭހަކޮށްދޭން، ބަޖެޓު ހުށަހެޅީ ގާނޫނުގައި ބުނާ ގޮތަށް ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ބަޖެޓުން ހަރަދުކުރާ ވަކިވަކި ކަންކަން އެނގެން ޖެހޭ ކަމަށް ހުސައިން ވިދާޅުވި އެވެ. އެ ތަފްސީލުތައް ނުހިމެނުމަކީ ގާނޫނުތަކާ ހިލާފުވުން ކަމަށް އިދިކޮޅު އެމްޑީޕީގެ އިގުތިސޯދީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ހުސައިން ވިދާޅުވި އެވެ.
"ހާމަކޮށް ހިންގާނަމެ ބުނެ އައި ސަރުކާރުން ބަޖެޓުން ވެސް ވައްކަމަށް މަގުފަހިކޮށްދީ. ދަރަނި ނަގައިގެން ކުރާ ކަންކަން ވެސް ފޮރުވައިފި. ކުރިއަށް އޮތް އަހަރުތަކުގަ ޕޮރުޖެކްޓުތަކަށް ދައުލަތް ދަރަނިވެރިވާ އަދަދެއް، ގޮތެއް ސާފެއް ނޫން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހުސައިން ވިދާޅުވި އެވެ.
ސަރުކާރުން ބަޖެޓު ނުކޮށް ހަރަދުކުރަން ގެންގުޅޭ ފޯމިއުލާ ބަދަލުކުރީ، ޒަމީރު ބަޖެޓު ކޮމިޓީގައި ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓުތައް ރާވާ ގޮތާއި، ކުރިއަށްދާ ގޮތާއި، ހިންގާ ގޮތަށް މި ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ.
ފިނޭންސުން މިހާރު ގެންގުޅޭ ފޯމިއުލާގެ ދަށުން، ބަޖެޓުގައި ނެތަސް ޕީއެސްއައިޕީގެ ދަށުން އޮތް ޖުމުލު އަދަދުގެ ތެރެއިން، ބަޖެޓު ކުރިއަށް ގެންދެވެ އެވެ. ވަޒީރު އެހެން ވިދާޅުވުމުން ކޮމިޓީގައި ތިބި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ.
މި އަހަރަށް ވެސް ޕީއެސްއައިޕީއަށް 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހެޅި އެވެ. ނަމަވެސް މި ބަޖެޓުން ކުރަމުންދާ ހަރަދު ފިނޭންސުގެ ރިޕޯޓުތަކުން ފެނުމުގެ އިތުރަށް، އެ ބަޖެޓު ބޭނުންކުރާ ގޮތެއް ނޭނގެ އެވެ. އެ ތަފްސީލުތައް މަޖިލިސް މެންބަރުންނަށް ވެސް ނުލިބޭ ކަމުގެ ކަންބޮޑުވުން މެންބަރުން ވަނީ ފާޅުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment