11 ނޮވެންބަރު 2025 - 16:37 10
ލީވާން އަލީ ނާސިރު
މުހައްމަދު މުއިއްޒު: ހިދުމަތްތައް ހޯދުމަށް ރައްޔިތުންނާ ބައްދަލުކުރާ މީހާއަކީ އަބަދުވެސް ފައިދާ ނެގުމުގެ ފުރުސަތު ބޮޑު މީހެއްކަމުން ކޮރަޕްޝަން ހިންގާ މިންވަރު ވެސް އިތުރު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
11 ނޮވެންބަރު 2025 - 16:37 10
މި ސަރުކާރުގެ ވެރިން ކޮރަޕްޝަން ހިންގާ ކަމަށް ކުރެވޭ ތުހުމަތުތައް އިތުރުވެފައި ވަނިކޮށް، އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ދަށު ފަންތި އާއި މެދު ފަންތީގެ މުވައްޒަފުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ އެންމެ ދަށު ފަންތިން ފެށިގެން މެދުފަންތިއާ ހަމައިގައި ތިބޭ މުވައްޒަފުން ކަމަށެވެ.
"ގިނަފަހަރު މި ކޮރަޕްޝަންގެ އަމަލު ހިންގެނީ ނޫނީ ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް. އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގައި އާންމުކޮށް އެންމެ ގިނައިން،" މުއިއްޒު ވިދާޅުވި އެވެ.
ކޮރަޕްޝަން ހިންގުމުގައި އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ބައިވެރިވާ ކަމަށް މުއިއްޒު އިޝާރާތް ކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ ހިދުމަތްތައް ހޯދުމަށް ރައްޔިތުންނާ ބައްދަލުކުރާ މީހާއަކީ އަބަދުވެސް ފައިދާ ނެގުމުގެ ފުރުސަތު ބޮޑު މީހެއްކަމުން ކޮރަޕްޝަން ހިންގާ މިންވަރު ވެސް އިތުރު ކަމަށެވެ.
"އެހެން ނަމަވެސް ހިދުމަތެއް ދިނުމުގައި ރައްޔިތުން ގޮސް ބައްދަލުކުރާ މީހާ އޭނަ އަތުން އެ ހިދުމަތް ދިނުމުގައި ފުރުސަތެއް އޭގެ ތެރެއިން އަމިއްލަ ފައިދާއެއް ނެގުމުގެ ފުރުސަތު އޮންނަ މީހާ އެކަން ކުރާވަރު ހަމަ އަބަދުވެސް ގިނަ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިން ކޮރަޕްޝަނުގެ ގިނަ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެކަމާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަތަކުގެ ތެރޭގައި މުއިއްޒުގެ ގިނަ މައްސަލަތަކެއް ވެސް އޭސީސީގައި އެބަ ހުއްޓެވެ.
ބިދޭސީންގެ ވޯކް ޕާމިޓާއި ވިސާތައް އައު ކުރުމުގައި މީގެކުރިން ވަރަށް ބޮޑަށް ކޮރަޕްޝަން އޮތްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަންކަމައެކު އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމާއެކު ކުރިން ހިނގި ކަންކަން ދެން ނުހިނގާނެ ކަމަށެވެ.
މުއިއްޒު ވިދަޅުވީ "މޯލްޑިވްސް 2.0" ވެގެންދާނީ ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތް ކަމަށާއި އެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޮޑު އަދަދެއް ހިމަނާފައިވާނެ ކަމަށެވެ.
މޯލްޑިވްސް 2.0 ގެ ދަށުން ދިވެހި ދައުލަތުގެ ހުރިހާ ތަނެއް ގުޅުވާލައި އިންޓަ އެޖެންސީ ނެޓްވޯކެއް ގާއިމުކޮށް، 2028 ވަނަ އަހަރަށް ޑިޖިޓަލައިޒް ކުރުމަށް ވަނީ އަމަޒު ހިފައިފަ އެވެ.
Comment