Advertisement

އޭސީސީން އަނބުރާ ހޯދަން އެންގި 77 މިލިއަން ރުފިޔާއިން ހޯދުނީ އެންމެ 49،000ރ.

10 ނޮވެންބަރު 2025 - 11:43 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީގެ ރައީސް ޝާމިލް: އެސްއޯއީތަކުން ދައުލަތަށް ހޯދަންޖެހޭ 74 މިލިއަން ރުފިޔާ ހޯދަން ކޮމިޝަނުން އެންގިޔަސް ހޯދިފައެއް ނުވޭ -- ފޮޓޯ: އޭސީސީ


އޭސީސީން އަނބުރާ ހޯދަން އެންގި 77 މިލިއަން ރުފިޔާއިން ހޯދުނީ އެންމެ 49،000ރ.

10 ނޮވެންބަރު 2025 - 11:43 2

ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދަން އެންގި 77 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 49،437.45ރ. ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެންގުމުން މިހާތަނަށް ފައިސާ ހޯދީ ފިނޭންސް މިނިސްޓްރީންނެވެ. އެއީ 49،437.45ރ. އެވެ. އެއީ އެ ފައިސާގެ އެންމެ 0.06 ޕަސެންޓެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެންގުމުން ފައިސާ ނުހޯދާ އިދާރާތައް:

  • އެސްއޯއީތައް - 74.45 މިލިއަން ރުފިޔާ
  • އެޑިއުކޭޝަން މިނިސްޓްރީ - 1.06 މިލިއަން ރުފިޔާ
  • ރަށު ކައުންސިލް - 1.29 މިލިއަން ރުފިޔާ
  • ސިޓީ ކައުންސިލްތައް - 139،172.97 ރުފިޔާ
  • އަތޮޅު ކައުންސިލްތައް - 2،500ރ.

މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވި މައްސަލަތަކުގެ ތެރެއިން ބަލައިގަންނަން ނިންމި ނުވަ މައްސަލައެއްގައި ހިމެނެނީ 9.4 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވަނީ 3.43 މިލިއަން ރުފިޔާ އެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު ޖުމްލަ 16 މައްސަލައެއްގައި އިދާރާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 80.16 މިލިއަން ރުފިޔާއަށް އަރަ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ފައިސާ ހޯދަން އޭސީސީން ކުރި މަސައްކަތް ދެނެގަތުމަށް އަދަދު އިން ތަކުރާރުކޮށް އެ ކޮމިޝަނަށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޭސީސީން މިދިޔަ އަހަރު ބުނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކުރާ މިންވަރު ބަލައި މޮނިޓާކުރަން 2022 ވަނަ އަހަރު އެ ކޮމިޝަނުން ގާއިމުކުރި ހާއްސަ ނިޒާމުގެ ދަށުން އިދާރާތަކުން ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އޭސީސީން އޭރު ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭސީސީން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.

އޭސީސީއަށް މިދިޔަ އަހަރު ޖުމްލަ 1،171 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 732 މައްސަލަ ރަޖިސްޓްރީކުރިއިރު، 439 މައްސަލަ ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނުން އިދާރާތަކަށް 43 އެންގުމެއް އަންގާފައިވެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.