11 ނޮވެންބަރު 2025 - 07:19 0
11 ނޮވެންބަރު 2025 - 07:19 0
ތުއްތު ކުދިންގެ އެންމެ ޅަފަތުގެ ދުވަސްތަކުގައި އެ ކުދިންނަށް ފެންނަ ތަފާތު ކުލަތަކަށް ހާއްސަ ޝައުގުވެރިކަމެއް އުފެދެއެވެ. ގަދަ އަލި ކުލަތަކަށް ހުންނަ ޝައުގުވެރިކަން ބައެއް ކުދިންގެ ކިބައިގައި އިތުރެވެ. މިހެންވުމުން، ކުޑަކުދިންނަށްޓަކައި ތައްޔާރުކުރާ ކޮންމެ އެއްޗެއްގައި ވެސް، އެކުދިން ޝައުގުވެރިވާނެ ފަދަ ކުލަތަކެއް ޖެއްސުމަކީ އާންމު ކަމެކެވެ.
ކުޑަކުދިންނަށް ކުޅޭ އެއްޗެއް ހެދިޔަސް ގަދަ އަދި އަލި ކުލަތައް ހިމެނުމަކީ ސިނާއަތްތެރިން ކުރާ ކަމެކެވެ. ހެދުމެއް ފެހިޔަސް އެ ކުލަތަކަށް އިސްކަން ދެވެއެވެ. ޕްރީ ސްކޫލްތަކުގައި ވެސް އެފަދަ ގަދަ ކުލަތައް ލާފައި ހުންނަތަން ފެނެއެވެ. ކުޑަކުދިންގެ ޕާކުތަކުގައި ވެސް އެކުދިން ޝައުގުވެރިވާ ފަދަ ކުލަތައް ގިނައިން ބޭނުންކޮށްފައި ހުރެއެވެ.
އެހެން ނަމަވެސް، އެކުދިންގެ ކާނާގެ ތެރެއަށް ކުލަ އިތުރުކުރުމަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، ތަފާތު ކެމިކަލްތައް އަޅައިގެން އުފައްދާފައި ހުންނަ ތައްޔާރީ ކުލަތައް ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ސައެންސްވެރިން ބުނެއެވެ.
ޖާނަލް އޮފް ދަ އެކަޑެމީ އޮފް ނިއުޓްރީޝަން އެންޑް ޑައިޓެޓިކްސް ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެމެރިކާގައި ކުޑަކުދިންނަށް އުފައްދާފައި ހުންނަ ތައްޔާރީ ކާނާ ޕެކެޓްތަކާއި ބުއިންތަކުގެ ގާތްގަނޑަކަށް 20 ޕަސެންޓް އުފެއްދުންތަކުގައި ސިންތެޓިކް ޑައިސް (ތައްޔާރީ ކުލަތައް) ބޭނުންކޮށްފައި ހުރެއެވެ. އަދި ބައެއް އުފެއްދުންތަކުގައި، ކުދިން ހިތް ޖެއްސުމުގެ ގޮތުން ގިނައިން ހަކުރު ބޭނުންކޮށް ފޮނިރަހަ ގަދަކޮށްފައި ހުރެއެވެ.
ގްރޮސަރީ ފިހާރަތަކުގައި ހުންނަ ތައްޔާރީ ބުއިންތަކާއި ކާނާ ޕެކެޓްތަކުގެ 39763 ބާވަތެއްގެ އުފެއްދުންތައް ތަހުލީލުކޮށްގެން ކުރި މި ދިރާސާގައި ބުނެފައިވާ ގޮތުން އެފަދަ ކުލަތައް ހިމަނައިގެން އުފައްދާފައި ހުންނަ ކާނާ އާއި ބުއިންތައް ބޭނުންކުރާ ކުދިންގެ ކިބައިން ސުލޫކީ މައްސަލަތައް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި، ހިފިނުހުރެވޭ މައްސަލަ (އެޓޭންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ) އާއި ކަންކަމަށް ސަމާލުކަން ނުދިނުމުގެ މައްސަލަ (އިންއެޓޭންޝަން) ފާހަގަކުރެވެއެވެ.
ދަ ޖޯޖް އިންސްޓިޓިއުޓް ފޯ ގްލޯބަލް ހެލްތު އާއި ޔުނިވަސިޓީ އޮފް ނޯތު ކެރޮލީނާ އާއި ސެންޓާ ފޯ ސައިންސް އިން ދަ ޕެސިފިކްގެ ދިރާސާ ޓީމުތައް ގުޅިގެން ކުރި މި ދިރާސާގައި ބަލާފައިވަނީ، އެމެރިކާގައި ތައްޔާރީ ކާނާ އުފައްދާ އެންމެ ބޮޑު 25 ކުންފުނިން ބާޒާރަށް ނެރެފައިވާ އުފެއްދުންތަކެވެ. އެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށް ބާޒާރަށް ނެރެފައިވާ ފަސް ބާވަތެއްގެ ތައްޔާރީ ކާނާގެ މައުލޫމާތު ވެސް އެއްކޮށް ދިރާސާކުރިއެވެ. އެ ފަސް ބާވަތަކީ މެޓަޔާއި ޗޮކްލެޓް، ހަކުރުން ފޮނިކުރި ބުއިންތައް، ތައްޔާރީ ކެއުންތައް، ބްރެކްފާސްޓް ސީރިއަލްސް، ކޭކާއި ކުކީ ފަދަ ފިހުނު އުފެއްދުންތަކެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ތައްޔާރީ ކާނާތަކުގެ ތެރެއިން ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާފައި ހުންނަ ބާވަތްތަކުގައި ސިންތެޓިކް ކުލަ ބޭނުންކޮށްފައި ހުންނަ ނިސްބަތް މާ މައްޗެވެ. އެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށް ބާޒާރަށް ނެރެފައި ހުރި ތައްޔާރީ ކާނާތަކުގެ 28 ޕަސެންޓް އުފެއްދުމުގައި މަސްނޫއީ ކުލަތައް ބޭނުންކޮށްފައި ހުރެއެވެ. އެ ނޫން ބާވަތްތަކުގެ ތެރެއިން މަސްނޫއީ ކުލަތައް ބޭނުންކޮށްފައި ހުންނަނީ އެންމެ 11 ޕަސެންޓް އުފެއްދުމުގައެވެ.
ސައެންސްވެރިން ބުނި ގޮތުގައި ސިންތެޓިކް ކުލަ ބޭނުންކޮށްފައި ހުންނަ އުފެއްދުންތަކުގައި ހަކުރު އެކުލެވޭ މިންވަރު، އެނޫން އުފެއްދުންތަކާ އަޅައި ބަލާއިރު 141 ޕަސެންޓް އިތުރެވެ. މިއީ، ކޮންމެ 100 ގުރާމެއްގައި 33.3 ގުރާމް ހަކުރެވެ. ސިންތެޓިކް ކުލަ ބޭނުން ނުކުރާ އުފެއްދުންތަކުގައި ހަކުރު ހުންނަ ނިސްބަތަކީ، ކޮންމެ 100 ގުރާމެއްގައި 13.8 ގުރާމް ހަކުރެވެ.
މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނާ ގޮތުގައި، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ތައްޔާރުކޮށްގެން ނެރެ ވިއްކާ ކާނާގެ ބާވަތްތަކުގައި ސިންތެޓިކް ކުލަ ބޭނުންކޮށްފައި ހުރުމަކީ ކަންބޮޑުވާ ކަމެކެވެ. ސިންތެޓިކް ކުލައަކީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން އިލްމީ ހޯދުންތަކުން ކަށަވަރު ކުރެވުނުތާ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެއެވެ.
އަދި އޭގެ ފަހުން އެކަން ސާބިތުކުރެވޭ ކިތަންމެ ދިރާސާތަކެއް ކުރެވިފައިފާއިރު ވެސް، އަދިވެސް ކާނާގެ ތެރޭގައި ސިންތެޓިކް ކުލަތައް ބޭނުންކުރުމުގެ ނުބައި ސަގާފަތަށް ނިމުމެއް ނައުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް، ދިރާސާގެ ބައިވެރިން ބުނެއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން ތައްޔާރީ ކާނާގެ ބާވަތްތަކުގެ ތެރެއިން އެންމެ މަތީ މިންވަރަކަށް ސިންތެޓިކް ކުލަތައް ބޭނުންކޮށްފައި ހުންނަނީ މެޓަޔާއި ޗޮކްލެޓްގެ ބާވަތްތަކުގައެވެ. އަދި އެނާޖީ ޑްރިންކްތަކުގެ 51 ޕަސެންޓް އުފެއްދުންތަކާއި ސްޕޯޓްސް ޑްރިންކްތަކުގެ 79 ޕަސެންޓް އުފެއްދުންތަކުގައި ވެސް ސިންތެޓިކް ކުލަތައް ބޭނުންކޮށްފައި ހުރެއެވެ. މި ކަމުގައި ވަކި ބްރޭންޑެއް ތަފާތެއް ނެތެވެ.
Comment