Advertisement

ދުވަސްނުފުރާ ވިހެއުމުން ސަލާމަތްވުމުގައި ފިރިންގެ ދައުރު ބޮޑު

11 ނޮވެންބަރު 2025 - 07:25 1


ދުވަސްނުފުރާ ވިހެއުމުން ސަލާމަތްވުމުގައި ފިރިންގެ ދައުރު ބޮޑު

11 ނޮވެންބަރު 2025 - 07:25 1

އަނބިމީހާ ބަލިވެއިންނަ ހިނދުން ފެށިގެން ވިހެއުމާ ހަމައަށް އަންހެން މީހާ ތަހައްމަލުކުރާ ވޭނާއި ތުރާލާއި ކެކުޅުން އިހްސާސް ކުރެވޭނީ ހަމަ އެ އަންހެނަކަށެވެ. ފިރިމީހާ، އަނބިމީހާއާ ކިތަންމެ ގާތުގައި ފިރުމައިދޭން ހުއްޓަސް، އެ އިހްސާސެއް ނުކުރެވޭނެއެވެ. އެހެނަސް، އަނބިމީހާ ބަލިވެއިނދެ ވިހެއުމާ ހަމައަށް އޭނާއަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާގެ އޯގާތެރިކަމާއި ބައިވެރިވުމެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ދިރާސާ ޓީމަކުން ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، އަނބިމީހާ ބަލިވެއިނުމުން ފެށިގެން ވިހެއުމާ ދެމެދު ފިރިމީހާގެ ނަފްސާއި ޒާތުގައި ހުންނަ ބައެއް ސިފަތަކުގެ ސަބަބުން، ވިހެއުމުގެ ކަންތައް އަނބިމީހާއަށް ފަސޭހަވެއެވެ. އެ ގޮތުން ފިރިމީހާގެ ކިބައިގައި ހުންނަ އުންމީދާއި ޔަގީންކަމާއި، އަމިއްލަ ނަފްސުގެ އިތުބާރަކީ، ދުވަސް ނުފުރައި ވިހެއުމުން އަނބިމީހާ އާއި ދަރިފުޅު ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ބަލިވެއިނުމުގެ މުއްދަތުގައި، އިނދެގެން އުޅޭ ފިރިމީހާގެ ކިބައިން ފެންނަ އަމިއްލަ ނަފްސުގެ އިތުބާރާއި ޔަގީންކަމަކީ، ލިބެން އުޅޭ ދަރިފުޅު ދުވަސްފުރައި ފުރިހަމަ ސިއްހަތުގައި އުފަންވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އޭގެ އިތުރުން، ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބޭ އިޖްތިމާއި އެހީތެރިކަމާއި މަދަދަކީ، ބަލިވެއިނދެ ވިހެއުމުގެ މަރުހަލާ، އޮމާންކަމާއެކު ކަޑައްތުކޮށް ފުރިހަމަކުރުމުގެ އެންމެ މުހިންމު މަދަދުގާރެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިރިމީހާގެ އަމިއްލަ ނަފްސުގައި ހުންނަ މިފަދަ ސިފަތަކުގެ ސަބަބުން، އަނބިމީހާގެ ރަހިމުގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ކުރެއެވެ. ނަތީޖާއަކަށްވަނީ، ދުވަސްފުރައި ވިހަންވަންދެން، އަނބިމީހާގެ ރަހިމުގައި ދަރިފުޅު ހަރުލައި އޮތުމުގެ ފުރުސަތު ބޮޑުވުމެވެ.

ބަޔޯސައިކޯސޯޝަލް ސައިންސް އެންޑް މެޑިސިން ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މި ދިރާސާ ހަދާފައިވަނީ އަނބިންނާއި ފިރިންގެ 217 މީހަކު ބައިވެރިކޮށްގެންނެވެ. މިދިރާސާ ކުރުމުގައި އަންހެނުންގެ ހާލަތު ދެނެގަތީ، އެމީހުންގެ ލޭ ތަހުލީލުކޮށް، ލޭގައި ސީ-ރިއެކްޓިވް ޕްރޮޓީން އެކުލެވޭ މިންވަރު ވަޒަންކޮށްގެންނެވެ.

ލޭގައި ސީ-ރިއެކްޓިވް ޕްރޮޓީން އެކުލެވޭ މިންވަރަކީ، ރަހިމުގެ އެތެރޭގައި ދުޅައެއް އުފެދިފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމަށް ޑޮކްޓަރީ ގޮތުން ބޭނުންކުރާ ފާހަގައެކެވެ. ރަހިމުގައި ދުޅައެއް އުފެދުމަކީ، ދުވަސްނުފުރައި ވިހެއުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ.

އަންހެނުންގެ ލޭ ތަހުލީލު ކުރުމުގެ އިތުރުން، ދެމަފިރިންގެ ކިބައިގައި، އަމިއްލަ ނަފްސުގެ އިތުބާރާއި ޔަގީންކަމާއި ކާމިޔާބުވާނެ ކަމުގެ އުންމީދު ހުންނަ މިންވަރު ބެލުމުގެ ސާވޭގައި އެ ހުރިހާ މީހުން ބައިވެރިކުރިއެވެ. އަދި އެކަކަށް އަނެކަކުގެ ފަރާތުން އިޖްތިމާއީ އެހީތެރިކަން ލިބޭ މިންވަރު ދެނެގެންފައިވެއެވެ.

ދުވަސްނުފުރައި ވިހެއުން ކަމަށް ބަލަނީ، ބަނޑަށް 37 ހަފުތާ ފުރުމުގެ ކުރިން ވިހެއުމެވެ. ސިޒޭރިއަން ހަދައިގެން ކަމަށް ވިޔަސް ނުވަތަ ވިހެއުން ކަމަށް ވިޔަސްމެއެވެ. ދުވަސްނުފުރައި އުފަންވުމަކީ، ޅަފަތުގައި ކުއްޖާ މަރުވުމުގެ ފުރުސަތު ބޮޑު، އަދި ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ މައްސަލަތަކާއި، ގުނަވަންތައް ހެދިބޮޑުވުމުގެ މައްސަލަތައް ހިމެނެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން މާބަނޑު އަންހެނުންގެ ތެރެއިން، ފިރިމީހާއާ އެކުގައި ދިރިއުޅޭ އަންހެނުންގެ ރަހިމުގެ ދުޅަހެޔޮކަން، އެކަނި ދިރިއުޅޭ މާބަނޑު އަންހެނުންނާ އަޅައި ބަލާއިރު މާ ރަނގަޅެވެ. ކާވެނި ނުކޮށް ބަލިވެއިނދެގެން އުޅޭ އަންހެނުންނާއި މާބަނޑުވުމަށް ފަހުގައި، ވަރިވެގެން އުޅޭ އަންހެނުންގެ ރަހިމުގެ ދުޅަހެޔޮކަން އެހާ ރަނގަޅު ނޫންކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މިއިން އެނގެނީ، އެކުގައި އުޅޭ ފިރިމީހާގެ ނަފްސާނީ ހާލަތު ރަނގަޅު ނަމަ، އެކަމުގެ އެދެވޭ އަސަރުތައް މާބަނޑު އަނބިމީހާއަށް ފޯރާ ކަމެވެ. އަދި އެއީ ބަލިވެއިނދެ ވިހެއުމުގެ މަރުހަލާ ފުރިހަމަކުރުމަށް އަނބިމީހާއަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމެވެ.

ދެމަފިރިންގެ ދެމެދުގައި މިފަދަ ބަޔޮލޮޖިކަލް ގުޅުމެއް އުފެދެނީ ކީއްވެގެންކަން މިދިރާސާގައި ހޯދައިފައެއް ނުވެއެވެ. އެހެން ނަމަވެސް، ފިރިމީހާގެ ކިބައިގައިވާ ޖަޒުބާތީ އަދި އިޖްތިމާއީ އާރާއި ބާރުގެ ސަބަބުން، އަނބިމީހާ އާއި އޭނާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ޖިސްމާނީ އަސަރުތަކެއް ކުރާކަން ވަނީ ސާބިތުކުރެވިފައެވެ.

އިނދެގެން އުޅޭ ފިރިމީހާއަކީ، އަމިއްލަ ނަފްސުގެ އިތުބާރު ބޮޑު އަދި ކުރަން އުޅޭ ކަންތައް ކާމިޔާބުވާނެ ކަމުގެ އުންމީދު އޮންނަ މީހެއް ކަމަށްވާ ނަމަ، އަނބިމީހާގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރެއެވެ. އޭގެ އިތުރުން ގޭތެރޭގެ ދިރިއުޅުމުގެ ކަންކަމުގައި ފިރިމީހާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބޭ ނަމަ، މާބަނޑު ދުވަސްވަރު ކުރިމަތިވާ އެތައް ގޮންޖެހުންތަކަކުން އަރައިގަތުން އަނބިމީހާއަށް ފަސޭހަވެއެވެ.