6 ނޮވެންބަރު 2025 - 08:58 0
އަހުމަދު އާއިދު
ފުނަދޫ އެއާޕޯޓު: އެމްއެންޑީއެފްގެ ދެވަނަ އެއާ ސްޓޭޝަން ގާއިމުކުރަނީ އެ އެއާޕޯޓުގައި ---
6 ނޮވެންބަރު 2025 - 08:58 0
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާ ކޯ އިން ބޭނުންކުރުމަށް ގާއިމުކުރާ ދެވަނަ އެއާސްޓޭޝަން ތަރައްގީކުރަނީ ށ. ފުނަދޫގައި ކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
މުއިއްޒު މިކަން އިއުލާނުކުރެއްވީ ދިވެހި އަސްކަރިއްޔާގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"މިއަދު މިތަން ހުޅުވިގެން މި ދިޔައީ. އަދި އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އުތުރުގަ. ށ. އަތޮޅު ފުނަދޫގައި ހަދަމުން މިދާ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް އެ ދަނީ ބާރު ސްޕީޑުގަ ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަސްކަރީ ވައިގެ މަރުކަޒުތައް ގާއިމުކުރާކަން ފުރަތަމަ ފަހަރަށް އެމަނިކުފާނު އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ. އޭގެ ތެރެއިން އައްޑޫގައި އެއާ ސްޓޭޝަން ގާއިމުކުރާކަން ހާމަވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް، އެމްއެންޑީއެފް މިދިޔަ މަހުގެ ތެރޭ އަސްކަރީ ތިން ޑްރޯން ގެނައުމުންނެވެ.
އައްޑޫ އެއާ ސްޓޭޝަނުގެ މަސައްކަތް ކުރީ ސިފައިންނެވެ. ބެލެވޭ ގޮތުގައި ފުނަދޫ ސްޓޭޝަން ތަރައްގީ ކުރަން އަމަލީ މަސައްކަތް ކުރާނީ ވެސް ފުލުހުންނެވެ. ފުނަދޫގައި އެއާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރާ ސަރަހައްދެއް ޔަގީނެއް ނޫނެވެ.
އެ ރަށުގައި މިހާރު އޮންނަނީ 1،200 މީޓަރު ދިގު ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. އެ އެއާޕޯޓު ރަންވޭ ބޮޑުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވައުދުވެވަޑައިގެންފަ އެވެ. އެކަމުގެ މަސައްކަތެއް އަދި ނުކުރެވެ އެވެ.
ދިވެހި އަސްކަރިއްޔާއިން ބޭނުންކުރާ ބައިރަކްތާރު ޓީބީ-2 މަރުކާރުގެ ޑްރޯން އެއް --- ފޮޓޯ: ރައީސް އޮފީސް
މައުލޫމާތު ލިބޭ ގޮތުގައި ފުނަދޫއަށް ބަދަލުކުރަނީ އަސްކަރިއްޔާއަށް ފުރަތަމަ ގެނެސް މިހާތަނަށް ނ. މާފަރު އެއާޕޯޓުން އޮޕަރޭޓްކުރަމުންދިޔަ ތިން ޑްރޯން އެވެ.
ގަން އެއާ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދެއްކި ޕްރެޒެންޓޭޝަނުގައި އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި އެއާ ސްޓޭޝަން ގާއިމުކުރެވިގެން މި ދަނީ "ތާރީހީ ގޮތުންނާއި، ޖޯގުރަފީގެ ގޮތުންނާއި، އިސްތިރާޖީ ގޮތުން" (ސްޓްރެޓެޖިކަލީީ) މުހިންމު ސަރަހައްދެއްގައި ކަމަށެވެ.
އެމްއެންޑީއެފްއިން ގެންގުޅޭ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު "ޓީބީ2" ޑްރޯންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެއާ ސްޓޭޝަނުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އޭޕްރަންއަކާއި، ޒަމާނީ ވަސީލަތްތައް ހިމެނޭ ހޭންގަރެއްގެ އިތުރުން ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައި ވެ އެވެ. މި ތަނުގެ ހުރިހާ މަސައްކަތެއް ކުރީ ސިފައިން ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައި ވެ އެވެ.
އެއާ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަރުކާރުން މި ފަހުން ގެނައި އާ ޑްރޯންތައް ވެސް ހުރީ ދައްކާލަން ފަހަތުގައި ބަހައްޓާފަ އެވެ. އެއާ ކޯގެ ޑްރޯން ފްލީޓުގައި މިހާރު ހަ ޑްރޯން އެބައޮތެވެ.
Comment