Advertisement

މުޅި ޓޫރިޒަމް އިންޑަސްޓްރީ އާއި ޑައިވިން ކޮމިއުނިޓީ އޮތީ ކަށިމިޔަރު މަސްވެރިކަމާއި ދެކޮޅަށް: އައްބާސް

5 ނޮވެންބަރު 2025 - 12:04 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އާއި ޑައިވިން ކޮމިއުނިޓީ އޮތީ ކަށިމިޔަރު މަސްވެރިކަމާއި ދެކޮޅަށް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މުޅި ޓޫރިޒަމް އިންޑަސްޓްރީ އާއި ޑައިވިން ކޮމިއުނިޓީ އޮތީ ކަށިމިޔަރު މަސްވެރިކަމާއި ދެކޮޅަށް: އައްބާސް

5 ނޮވެންބަރު 2025 - 12:04 1

ޓޫރިޒަމް އިންޑަސްޓްރީ އާއި ޑައިވިން ކޮމިއުނިޓީ އޮތީ މި ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ނިންމި ނިންމުމާއި ދެކޮޅަށް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިފަދައިން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމާ ގުޅިގެން، އެކަން ހުއްޓުވަން ގޮވާލާ އޭނާ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން، ވެރިކަންކުރާ ޕާޓީ އާއި އިދިކޮޅު މައި ޕާޓީގެ މެންބަރުން މިކަމުގައި ހަނު ތިއްބަސް ޓޫރިޒަމް ސިނާއަތް އޮތީ ކަށިމިޔަރުގެ މަސްވެރިކަމާއި ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ކަށިމިޔަރު ނަގަން އެ ދެއްވި ހުއްދަ އާއި ދެކޮޅަށް. ރާއްޖޭގެ ޑައިވަރުންގެ 99 ޕަސެންޓު އޮތީ މިއާ ދެކޮޅަށް. ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ބޭފުޅުން ތިބީ މިއާ ދެކޮޅަށް،" އައްބާސް ވިދާޅުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ނަމުގައި ހުރިހާ ބާވަތެއްގެ މިޔަރަށް ގެއްލުންދޭނެ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޑައިވް ކުރާ ހާއްސަ ސަރަހައްދުތަކަށް ބަދަލު އަންނާނެ ކަން އައްބާސް ފާހަގަކުރެއްވި އެވެ. ތަރައްގީގެ ނަމުގައި އެތައް ފަޅެއް ހިއްކަމުން ދާތީ ވެސް އިޔާދަ ނުކުރެވޭ ގެއްލުން ތިމާވެށްޓަށް ލިބެމުންދާ ކަމަށް އައްބާސް މިއަދު ވިދާޅުވި އެވެ.

"ދެން ކޯޗެއް އޮތީ ކަނޑު އަޑީގަ. މާ ކަނޑަށް ޑައިވިން ކުރޭތޯ. ފަތުރުވެރިކަން އިނގިލައްވާތޯ، ފަތުރުވެރިކަމާ ބެހޭގޮތުން ވާހަކަ މި ދައްކަނީ. ރާއްޖޭގެ ޒުވާން އާބާދީގެ ބޮޑު ބައެއް ވަޒީފާ އަދާކުރަނީ ކޮންތާކުތޯ. އޭގެ ސަބަބުން އެބޭފުޅުން އާއިލާ އަށް، އަނބިދަރިންނަށް، މައިންބަފައިންނަށް، މި ގައުމަށް މަންފާ ނުވޭތޯ،" ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރައްވާ އައްބާސް ވިދާޅުވި އެވެ.

މިއަދު ސިޔާސީންނަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ދެކޮޅު ސިޔާސަތުތައް ހަދައި އެ ބީދައިން ވާހަކަދެއްކިދާނެ ކަމަށާއި އެކަމަކު އެއީ އަންނަ އޮތް ޖީލުތަކަށް ދެވޭ ނުރަނގަޅު މެސެޖެއް ކަމުގައި އައްބާސް މިއަދު ވިދާޅުވި އެވެ. މި ސިޔާސަތުގެ ސަބަބުން އަންނަން އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަމަށް ފޫނުބެއްދޭ ގެއްލުން ލިބޭނެ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

ދުނިޔޭގެ ޓޫރިޒަމަށް ބަދަލު އަންނަމުންދާ ކަމަށާއި ރާއްޖެ އާއި އެއް ފެންވަރުގެ ޓޫރިސްޓު މަންޒިލްތައް އުފެދި، ރަނގަޅަށް މެނޭޖު ނުކުރެވިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމް އަޑިއަޅާލަފާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް މިއަދު އައްބާސް ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިންމާލީ މިކަންކަމަށް ރިއާޔަތްކޮށް ކަށިމިޔަރު ބާނަން ދިން ހުއްދަ ބާތިލުކުރުމަށް ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒު އަށް ގޮވާލައްވަމުންނެވެ.