Advertisement

އިންތިހާބު އޮތުމުން ސަރުކާރުން ދަނީ ހަގީގަތް ފޮރުވަމުން: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: އޭނާ ވިދާޅުވީ ގައުމުގެ ހަގީގީ ހާލަތާމެދު މިއަދު ސުވާލު އުފައްދަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް


އިންތިހާބު އޮތުމުން ސަރުކާރުން ދަނީ ހަގީގަތް ފޮރުވަމުން: އައްބާސް

އަންނަ އެޕްރީލް 4، ގައި ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އޮތުމުން ސަރުކާރުން ދަނީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާއެކު ރާއްޖެއަށް ކުރާނެ އަސަރު ފޮރުވައި ރައްޔިތުންނަށް ހަގީގަތް ފޮރުވަމުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސް ގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށްފަހު ރައްޔިތުން ބިކަކޮށްލަން ސަރުކާރުން ރާވާފައިވާ ރޭވުމަށް ރައްޔިތުންގެ ސިކުނޑި ހުޅުވަންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ގައުމުގެ ހަގީގީ ހާލަތާމެދު މިއަދު ސުވާލު އުފައްދަންޖެހޭ ކަމަށެވެ.

"ސަރުކާރުގެ މިފަދަ ނުބައި ރޭވުންތަކަށް ރައްޔިތުން ސިކުނޑި ހުޅުވަންޖެހޭ. ސިޔާސީ މަންފާއަށްޓަކައި ހަގީގަތް ފޮރުވައި، އިންތިހާބަށްފަހު ރައްޔިތުން ބިކަކޮށްލަން ކުރާ މި މަސައްކަތުގައި ނުޖެހުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަން މި ސަރުކާރުގެ އޮޅުވާލުންތަކަށް ހޭލުންތެރިވެ، ގައުމުގެ ހަގީގީ ހާލަތާ މެދު ސުވާލު އުފައްދަންޖެހެ،" އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން ނިމުމާއެކު ސަރުކާރުގެ ރާގު ބަދަލުވެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ސަރުކާރުން ދައްކާނެ ކަމަށާއި ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ވެސް ހުއްޓާލާނީ ހަނގުރާމަ އުޒުރަކަށް ނެގުމަށްފަހު ކަމަށެވެ.

ސަރުކާރުން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރާ ގުޅޭގޮތުން ވާހަކަ ނުދައްކައި މަޑުމަޑުން ތިބެނީ އިންތިހާބުގައި ވޯޓަށް އައިސްދާނެ އުނިކަމަށް ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިގޮތުން އޭނާ ވިދާޅުވީ މިވަގުތު ހުރިހާ ކަމެއް ހަނގުރާމައާ ގުޅިގެން ދަށަށްދާއިރު، ސަރުކާރުން ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކަނީ ސިޔާސީ އުކުޅެއްގެ ގޮތުން ކަމަށެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން މިހާރުވެސް ރާއްޖެ ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާފަ އެވެ. ސަރުކާރުން ބުނާގޮތުގައި ހަނގުރާމަ މިހާރު ދަާ ގޮތަށް ދެމިގެންދާނަމަ ކޮންމެ މަހަކު ސަރުކާރަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުންވާނެ އެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށް ބުނިނަމަވެސް އެއީ ސީދާ ކޮން ފިޔަވަޅުތަކެއް ކަމެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި، މި އަހަރުގެ ބަޖެޓުން ސަލާމްތަކުރަން އަމާޒު ކުރާ ވަރެއް ވެސް ހާމައެއް ނުކުރެ އެވެ.