Advertisement

ބަޖެޓު 2026: ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ

4 ނޮވެންބަރު 2025 - 10:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމަކަށް ފުރާވަޑައިގަންނަވަނީ: އަންނަ އަހަރު ދަތުރުތައް ކުރުމަށް 273 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފި ---- ފޮޓޯ: ރައީސް އޮފީސް


ބަޖެޓު 2026: ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ

4 ނޮވެންބަރު 2025 - 10:07 0

އަންނަ އަހަރަށް ލަފާކޮށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފި އެވެ.

މި އަދަދުގެ ބޮޑު ބައެއް ހަރަދުވާނެ ކަމަށް ބުނެފައިވަނީ އެތެރޭގެ ދަތުރުތަކަށެވެ. ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ހުއްޓުމެއް ނެތި އަތޮޅުތެރެއަށް ގިނަ ދަތުރުތަކެއް ކުރައްވަމުންނެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރު ބޮޑު ބައެއް ހަރަދު ވަނީ މި ދަތުރުތަކަށެވެ.

ދަތުރު ބަޖެޓުގެ ތެރެއިން އެތެރޭގެ ވައިގެ ދަތުރުތަކަށް 45.9 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެތެރޭގެ ކަނޑުގެ ދަތުރުތަކަށް 65.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއްގަމު ދަތުރުތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 8.3 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު އެތެރޭގެ ދަތުރުތަކަށް ޖުމްލަ 120 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ދަތުރުތައް ކުރަން ހިމެނީ 249.1 މިލިއަން ރުފިޔާ އެވެ. ނަމަވެސް ބަޖެޓު ރިވައިސް ކޮށް، އަންނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު މި އަހަރު ދަތުރުތަކަށް 280.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 23، އާއި ހަމައަށް ސަރުކާރުން ދަތުރުތަކަށް 219.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އަންނަ އަހަރު ސަރުކާރުން ބޭރުގެ ގައުމުތަކަށް ކުރާ ދަތުރުތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 92 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބޭރުގެ ދަތުރުތަކަށް 102 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވެސް ބަޖެޓުގައި ބުނެފައިވެ އެވެ.

ބޭރުގެ ދަތުރުތަކަށް މިހާ ބޮޑު އަދަދެއް ކަނޑައަޅާފައިވާއިރު، މި އަހަރު މުއިއްޒު ބޭރުގެ ގައުމުތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން ފަހު ހަތަރު ދަތުރުގެ ހަރަދު ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ. އެއީ ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ދަތުރުތަކެވެ.

ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަން އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި މުއިއްޒު ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ވާހަކަ ދައްކަވަމުންނެވެ.