Advertisement

އަހަރުގެ ދެ ވަނަ މަސް ނިމެނީ، ސަރުކާރުން ހަރަދުކުރި ވަރެއް ނޭނގޭ

about 2 hours 0

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ: ފިނޭންސުން ޝާއިއުކުރަން ޖެހޭ ރިޕޯޓުތައް ގަވާއިދުން ޝާއިއުނުކުރާ މައްސަލަ ވަރަށް ބޮޑު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަހަރުގެ ދެ ވަނަ މަސް ނިމެނީ، ސަރުކާރުން ހަރަދުކުރި ވަރެއް ނޭނގޭ

about 2 hours 0

ސަރުކާރަށް ލިބޭ އާމްދަނީ އާއި ކުރި ހަރަދުގެ މައުލޫމާތު ހިމެނޭ ރިޕޯޓުތައް އާންމުނުކުރާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.

މި އަހަރު ފެށިގެން މިހާތަނަށް މި މައުލޫމާތު ހިމެނޭ އެއްވެސް ރިޕޯޓެއް ސަރުކާރުން ޝާއިއުނުކުރެ އެވެ. މިހެންކަމުން ސަރުކާރުން މިހާތަނަށް ހަރަދުކުރީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.

އެންމެ އާންމުކޮށް ޝާއިއުކުރާ ރިޕޯޓަކަށް އޮންނަނީ ކޮންމެ ހަފުތާއެއްގައި ކުރި ހަރަދާއި ލިބުނު އާމްދަނީ އާއި އޮފީސްތަކުން ބަޖެޓުން ހަރަދު ކުރި ވަރު ހިމަނައިގެން ތައްޔާރުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެވެ. ފިނޭންސް މިނިސްޓްރީން މީގެ އެންމެ ރިޕޯޓެއް ވެސް މި އަހަރު ޝާއިއުކޮށްފައި ނެތެވެ. އެންމެ ފަހުން ޝާއިއުކޮށްފައިވާ ރިޕޯޓަކީ، މިދިޔަ އަހަރުގެ ފަހު ހަފުތާގެ ރިޕޯޓެވެ.

ސަރުކާރުން ހަރަދު ކުރީ ކިހާ ފައިސާއެއް ކަމެއް ނޭނގުނަސް، މީރާއިން ޖެނުއަރީ މަހުގެ އާމްދަނީ ރިޕޯޓު ޝާއިއުކޮށްފައިވާތީ އެ މަހު 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަން އެނގެ އެވެ.

ރިޕޯޓުތައް ޝާއިއުނުކުރާ މައްސަލައިގައި މީގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީގައި އަހަައިގެން، ގަވާއިދުން އެ ރިޕޯޓުތައް ޝާއިއުނުކުރެވޭ ސަބަބެއް އެއްވެސް އޮފިޝަލަކަށް ކިޔައި ނުދެވުނެވެ.

މިއީ މި ސަރުކާރުގައި މި މައްސަލަ ޖެހިގެން އުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފުރަތަމަ މި މައްސަލަ ޖެހުނު ފަހަރު، އެއީ 2024 ގެ މެދުތެރޭގައި، އެ ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލީ ކުރީ ސަރުކާރުން ހަރަދު ރެކޯޑު ކުރުމުގައި ބޮޑު ގޯހެއް ހަދާފައިވާ ކަމަށް ބުނެ އެވެ. އެ ފަހަރު ރިޕޯޓުތައް ޝާއިއުކުރަން ފެށީ ތިން މަހުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.

އެ ފަހުން އެހާ ދިގު މުއްދަތަކަށް މެދުނުކެނޑުނު ނަމަވެސް، މިދިޔަ އަހަރުގެ އެކި ހިސާބުގައި، ދެ ރިޕޯޓު ޝާއިއުކުރުމާ ދޭތެރޭގައި ދެ ތިން ހަފުތާ ވެފައި އެބަހުއްޓެވެ. އެކަމަކު، 2024 ގެ މައްސަލަގަނޑުގެ ފަހުން މި ރިޕޯޓުތައް ޝާއިއުނުކޮށް އެންމެ ގިނަ ދުވަސްވީ މި ފަހަރެވެ.