4 ނޮވެންބަރު 2025 - 06:49 1
4 ނޮވެންބަރު 2025 - 06:49 1
ކޮންމެ ދުވަހަކު ވެސް މެދު މިންވަރަކަށް ކޮފީ ބުއިމަކީ، ހިތުގެ ބަލިތަކުގެ ނުރައްކާތަކާއި ހަކުރު ބަލީގެ ނުރައްކާތައް އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ސައެންސްވެރިން ބުނެފިއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް ވަކި ވަރަކަށް ކޮފީ އާއި ކެފެއިން ހަށިގަނޑަށް ލިބޭނެ ގޮތަކަށް ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުމަކީ މުހިންމު ކަމެކެވެ.
ދުވާލަކު އެއްފަހަރު އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންނާއި ވަރަށް މަދުން ކޮފީ ބޯ މީހުންނާ އަޅައި ބަލާއިރު، ގަވާއިދުން ކޮންމެ ދުވަހަކު ކޮފީ ބޯ މީހުންނަށް ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ 48.1 ޕަސެންޓް ނުވަތަ 40.7 ޕަސެންޓަށް ކުޑަކޮށްދެއެވެ. މެދު މިންވަރަށް ކޮފީ ބޯ މީހުންގެ ގޮތުގައި ބަލަނީ ދުވާލަކު ތިން ކޮފީ ނުވަތަ 200-300 މިލިގްރާމްގެ ކެފޭން ބޭނުންކުރާ މީހުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ކަޅު ސަޔާއި ކޮފީގައި ވެސް ސިއްހީ އެތައް ފައިދާތަކެއް އެކުލެވެއެވެ. ނަމަވެސް ކަޅު ސަޔާއި ކޮފީން ލިބޭ މިންވަރަށް، ކެފޭން އެކުލެވޭ އެހެން ބުއިންތަކުން ސިއްހީ ފައިދާތައް ނުލިބޭ ކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ. އަދި އެފަދަ ބުއިންތަކުން، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ހަކުރު ބަލި ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމުގެ އިލްމީ ހެއްކެއް ވެސް ނެތެވެ.
ޔޫކޭ ބަޔޯބޭންކްގެ ޑާޓާބޭސްގައި ހުރި، 37-73 އަހަރުގެ ފަސް ލައްކައަށް ވުރެ ގިނަ މީހުންގެ ތެރެއިން 360000 މީހުންގެ މައުލޫމާތު ބޭނުންކޮށްގައި ހެދި ދިރާސާއިން އެނގުނު ގޮތުގައި ޓައިޕް 2ގެ ހަކުރު ބައްޔާއި، ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ކޮންމެ ދުވަހަކު ވެސް މެދު މިންވަރަކަށް ކޮފީ ބުއިމަކީ މުހިންމު ކަމެކެވެ.
މީގެ ކުރިން ހެދި ދިރާސާތަކުން ވެސް އެނގިފައިވާ ގޮތުގައި ކޮފީ، ކަޅު ސައި އަދި ކެފޭން ބޭނުންކުރުމަކީ ސިއްހީ އެތައް ފައިދާތަކެއް ލިބޭނެ ކަމެކެވެ. ނަމަވެސް، މި ބާވަތްތައް ބޭނުންކުރުމުން އެންމެ ބޮޑު މަންފާއެއް ކުރަނީ ހިތުގެ މައްސަލަތަކަށާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމުގަޔާއި ސްޓްރޯކުން ސަލާމަތްވުމުގައި ކަން މީގެ ކުރިން، އެހާ މުޖައްރިބު ގޮތެއްގައި އެނގިފައެއް ނެތެވެ.
މި ބާވަތްތަކުން ސިއްހީ ފައިދާތަކެއް ލިބުނު ނަމަވެސް، އާދަޔާ ހިލާފަށް މި ބާވަތްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން، ކޮންމެ ކަމެއްގައި ވެސް މެދުމިންވަރުގައި ހިފެހެއްޓުމަށް ބާރުއަޅާ އުސޫލުން ކޮފީ، ކަޅުސައި އަދި ކެފޭން ބޭނުންކުރުމުގައި ވެސް މެދުމިނުގައި ހިފެހެއްޓުން ވަރަށް މުހިންމެވެ.
ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮފީ، ކަޅުސައި އަދި ކެފޭން، ކޮންމެ ދުވަހަކު މެދު މިންވަރަކަށް ބޭނުންކުރުމަކީ، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ހަކުރު ބަލީގެ ނުރައްކަލުން ސަލާމަތްކޮށްދޭ ކަމަކަށް ވިޔަސް، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި، ކަސްރަތުގެ ފައިދާ ލިބިގަތުން ކޮންމެހެން ވެސް ބޭނުމެވެ. ހަމައެކަނި ކޮފީ، ކަޅުސައި އަދި ކެފޭނަށް މީހާގެ ސިއްހަތު ބަރޯސާކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
Comment