1 ނޮވެންބަރު 2025 - 16:16 0
އަހުމަދު އާއިދު
މީގެ ކުރީ އަހަރެއްގެ މިނިވަން ދުވަސް ފާހަގަކުރަން ސިފައިން މާލޭގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން --- ފޮޓޯ: އަދަދު
1 ނޮވެންބަރު 2025 - 16:16 0
ނޮވެމްބަރު 3، ގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ސިފައިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިރޭ މާލޭގައި ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ސިފައިންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޮވެމްބަރު 3، ގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑު މައުންޓުކުރުމުގެ ފަރިތަކުރުން ކަމަށެވެ. އެ ބިނާ ހުންނަނީ ސިފައިންގެ ހުޅަނގު ދެކުނު ކަންމަތީ، ސަލްޓަން ޕާކާއި ދިމާލަށެވެ.
އެ ފަރިތަކުރުންތަކުގެ ތެރެއިން މިރޭ 8:15 އާއި 10:00 އާއި ދެމެދު ސިފައިން ބްލޭންކްސް ފަޔާ ކުރާނެ ކަމަށް، ނުވަތަ ވަޒަން ނެތި ބަޑިޖަހާނެ ކަމަށް ސިފައިން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ. ބެލެވޭ ގޮތުގައި ސިފައިން މިފަދަ ޕޯސްޓެއް ކުރީ ބަޑީގެ އަޑުގެ ސަބަބުން އާންމުންނަށް ސިހުން ލިބިދާނެތީ އެވެ.
ނަސްރުގެ ދުވަހަށް ސިފައިން ދަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން އެ ދުވަހު ޖުމްހުރީ މައިދާން ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ޑްރިލް ތަކަށް މިދިޔަ ދެތިން ދުވަހުގެ ހަވީރާއި ރޭގަނޑު ސިފައިން ދަނީ ތައްޔާރުވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކާއި ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހި ވެރިކަން ބަދަލުކުރުމަށް ނޮވެމްބަރު 3، 1988 ގައި މާލެ އަށް އަރައި، 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއިން ދިވެހިނަށް ނަސްރު ލިބުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ފާހަގަކުރަނީ "ނަސްރުގެ ދުވަސް" ގޮތުގަ އެވެ.
Comment